މާލޭގެ ގެއެއްގައި ދިވެއްސަކު ބަންދުކޮށްގެން ގެންގުޅުނު މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފި އެވެ.
މިމައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރީ ސ. ފޭދޫ، ސުވާސާގެ، އިބްރާހީމް ސައީދު (48 އ) އެވެ.
ފުލުހުން ކުރި މަސައްކަތުން ސަލާމަތް ކޮށްފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މާލޭގެ ގެއެއްގައި ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓައި އަނިޔާކުރާ ކަމަށް ތުހުމަތު ކުރެވޭ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގުގެ ތެރެއިން ދިވެހި މީހާ ހުރި ތަން ހޯދައި އިއްޔެގެ ވަގުތެއްގައި އެ މީހާ ސަލާމަތްކޮށް އިބްރާހީމް ސައީދު ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އަނިޔާ ލިބުނު ދިވެހި މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން ބުނި ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުންނަށް އިއްޔެ ވަނީ މާލޭގެ ގެއެއްގައި ބިދޭސީއަކު ހުއްދަ ނޫން ގޮތުގައި ބަންދުކޮށްގެން ގެންގުޅުނު މައްސަލައެއްވެސް ހުށަހަޅާފަ އެވެ. ބިދޭސީ މީހާވެސް ވަނީ ފުލުހުންގެ މަސައްކަތުން ސަލާމަތްކޮށްފަ އެވެ.
ފުލުހުން ދަނީ މި ދެ މައްސަލަވެސް ތަހުގީގު ކުރަމުންނެވެ.