މޯލްޑިވްސް ޕޮލިސް ސާވިސް

މަނާ ބޭސްތަކެއް އެތެރެ ކުރި މީހަކު ހައްޔަރުކޮށްފި

ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ބޭސްތަކެއް އެތެރެ ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށްފައިވަނީ ށ. ކޮމަންޑޫ، ސާތީ، ހުސައިން ޝާނިމު (24އ) އެވެ.

ފުލުހުން ބުނީ ޝާނިމް ހައްޔަރުކުރީ ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ މަނާ ބޭހާ އެކު ކަމަށެވެ.

ޝާނިމްއާ ގުޅުންހުރި ތިން ތަނެއް ބަލައި ފާސްކޮށް 338.51 ގްރާމްގެ މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ އަތުލައިެން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ޝާނިމުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.