އެމްއޭސީއެލް

އެއިރޯބްރިޖު އޮޕަރޭޓްކުރާނެ މުވައްޒަފުން ތަމްރީންކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ އެއިރޯބްރިޖު -- ޕަސިންޖާ ބޯޑިން ބްރިޖު އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީންކޮށްފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި އެއިރޯބްރިޖު އޮޕަރޭޓް ކުރަން 46 މުވައްޒަފުން ވަނީ ތަމްރީންކޮށްފަ އެވެ.

މީގެ ތެރެއިން ބައެއް މުވައްޒަފުން ތަމްރީންކުރީ ރާއްޖެއިން ބޭރަށް ފޮނުވައިގެން ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

އެއިރޯބްރިޖު ހުޅުވުމުން ފަސިންޖަރުންނަށް ލިބޭނެ އެންމެ ބޮޑު އެއް ފަސޭހައަކަށް ވާނީ ޓާމިނަލް ތެރެއިން އެއިރޯބްރިޖަށް އަރައި، ސީދާ ބޯޓަށް އެރޭ ގޮތް ވުމެވެ. މިހާރު އަމަލުކުރާ އުސޫލަކީ ޓާމިނަލުން ނިކުމެ އިރުކޮޅަކު ހާމަތަނެއްގައި ހިނގަމުން ގޮސް ފްލައިޓަށް އެރުމެވެ. ޓާމިނަލްއާ ތަންކޮޅެއް ދުރުގައި އޮންނަ ފްލައިޓްތަކަށް ފަސިންޖަރުން ދާން ޖެހެނީ ބަހުގަ އެވެ.

ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ.

ވީއައިއޭގެ އާ ޓަމިނަލް ހުޅުވުމުން ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.