ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭރުގެ ބަޔަކަށް ވިއްކާލަން އުޅޭ ކަމަށް ބުނާ ވާހަކަ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދޮގު ކުރައްވައިފި އެވެ.
ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލުމަށް އުޅޭ ކަމަށް ތުހުމަތު ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. އެ ގޮތުން އެކަމުގެ މަޝްވަރާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި ކަމަށްވެސް ކުރީގެ ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ވިއްކާލަން ނުވަތަ ކުއްޔަށް ދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުހުތާނު ދޮގެއް ކަމަށެވެ.
"ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށްބުނެ ފަތަރަމުންދާ ވާހަކައާއި، މިކަމާއިބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުޙުތާނުދޮގެއް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަނީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ވިދާޅުވެފަ އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ.