އެފްއޭއެމް

އެފްއޭއެމްގެ ރައީސްކަމަށް ޓޮމް ކުރިމަތިލައްވައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ކުރިމަތިލައްވައިފި އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ތޯރިގު ކެންޑިޑެސީ ހުށަހެޅުއްވީ އެފްއޭއެމްގެ ފުލް މެންބަރުކަން ދީފައިވާ 23 ކްލަބްގެ ތާއީދާއެކުގަ އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ތޯރިގު ކުރިމަތިލެއްވިއިރު އެ އިންތިހާބަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ މިއަދެވެ.

އިންތިހާބުގެ މުހިއްމު ތާރީހްތައް

  • ޖުލައި 9: ކެންޑިޑެސީ ފޯމުގައި ފުރިހަމަ ނުވާ ކަމެއް ހުރި ނަމަ އެކަމެއް ކެންޑިޑޭޓުންނަށް އަންގަން ޖެހޭ ފަހު ތާރީހް
  • ޖުލައި 13: ކެންޑިޑެސީ ފޯމުަގައިވާ މާއުލޫމާތު ފުރިހަމަކޮށް އަލުން ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީހް
  • ޖުލައި 15: ކެންޑިޑެސީ ފޯމާ މެދު އިލެކްޓޯރަލް ކޮމިޓީން ނިންމާ ގޮތް އަންގަންޖެހޭ އެންމެ ފަހު ތާރީހް
  • ޖުލައި 16: އިންތިހާބުގެ 10 ދުވަސްކުރިން ބާއްވާ ފައިނަލް ބައްދަލުވުން
  • ޖުލައި 26 - އިންތިހާބީ ކޮންގްރެސް ބާއްވަންޖެހޭ ތާރީހް

އިންތިހާބުގެ 10 ދުވަސް ކުރިން ބާއްވާ ބައްދަލުވުމުގައި އިންތިހާބީ ކޮންގްރެސްގެ އެޖެންޑާ އާއި، ކެންޑިޑޭޓުންގެ އެންމެ ފަހުގެ ލިސްޓާއި، ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފައިވާ ގޮތް އިއުލާން ކުރާނެ އެވެ.

އެފްއޭއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ފޯމު ހުށަހެޅޭނީ ފަސް ކްލަބްގެ ތާއީދު ފޯމާ އެކު އެވެ. އެ ފަސް ކުލަބްގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގައި ހިމެނޭ ދެ ކްލަބްގެ ތާއީދު ސިޓީ އޮންނަންޖެހެ އެވެ.