ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަހައްޓާ ތްރީޑީ ސްކްރީނިން މެޝިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ބަހައްޓައި ބޭނުންކުރަން ފަށައިފި އެވެ.
މި ސިސްޓަމަކީ މެލޭޝިއާގެ ކުއަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓާއި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައިވެސް ބޭނުންކުރާ ފަދަ ސިސްޓަމެކެވެ.
ޕަސެންޖަރުންގެ ދާގީނާ ސްކްރީން ކުރުމުގައި މިވަގުތު ހުރި ގޮންޖެހުންތަކަށް ބަލާއިރު ޗެކިން ކައުންޓަރަށް ދިއުމުގެ ކުރިން ޓާމިނަލް ބޭރުގައި ދިގު ކިއުއެއް ހަދަން ޖެހުމުގެ ސަބަބުންނާއި ދާގީނާ ސްކޭން ކުރަން ޖެހުމުން ފަސިންޖަރުންގެ ވަގުތު ގެއްލި، ބުރަތަކެއް އުފުލަން ޖެހެ އެވެ. އަދި އެންމެން ކުރިމަތީގައި ދާގީނާ ސްކޭން ކުރަން ޖެހުމާއި ދާގީނާ ހުޅުވަން ޖެހުމުން ފަސިންޖަރުންގެ ޕްރައިވަސީ ގެއްލެ އެވެ. ދާގީނާ ސްކޭން ކުރުމުގައި މިހާރު ކުރިއަށްދަނީ އެންމެ ސެކިއުރިޓީ މަރުހަލާ އެކެވެ.
އަލަށް ބެހެއްޓި ތްރީ-ޑީ ސްކްރީނިން މެޝިނުން ގަޑިއިރެއް ތެރޭ 1200 ދާގީނާ، މިނެޓެއް ތެރޭ 20 ދާގީނާ ސްކްރީން ކުރެވެ އެވެ. މި ސިސްޓަމުން ސަލާމަތީ ކަންކަން އިތުރަށް ކަށަވަރުކުރަން ތިން ލެވަލްއަކަށް ދާގީނާ ސްކްރީން ކުރެވޭއިރު މުޅި ސިސްޓަމްގެ 90-80 އިންސައްތަ ކުރިއަށްދާނީ އޮޓަމެޓިކް ކޮށެވެ.
ވީއައިއޭ ހިންގާ ކުންފުނި -- އެމްްއޭސީއެލް އިން ގެންދަނީ ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުވުމަށްވެސް ތައްޔާރުވަމުންނެވެ.
އާ ޓާމިނަލް އާއެކު ދާގީނާ ސްކްރީން ކުރުމަށް އަންނާނެ ބަދަލުތަކަކީ އާ ޓާމިނަލްގައި ޗެކިން ކައުންޓަރުތަކަށް ދިއުމުގެ ކުރިން ދާގީނާ ސްކޭން ކުރާކަށް ނުޖެހޭނެ އެވެ. އެގޮތުން ޓާމިނަލަށް ވަނުމުގެ ކުރިން ޓިކެޓު ދައްކާލުމަށްފަހު ވަގުތުން ޗެކިން ކައުންޓަރަށް ދެވޭނެ އެވެ. އާ ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި ސެލްފް ޗެކިންގެ ހަ ކިއޮކްސް ހުރެ އެވެ. އަދި ޗެކިން އޭރިއާގެ ޖާގަ ތަނަވަސްކޮށް ހާދާފައިވާތީ އެކަމުގެ ސަބަބުން ޓާމިނަލް ތެރޭގައި ތޮއްޖެހުން ކުޑަވެ، ހިދުމަތް އަވަސްވާނެ ކަމަށް އެމްއޭސީއެލް އިން ދެކެ އެވެ.