ހަބަރު

ބްރޯޑްކޮމްއަށް އައްޔަންކުރާ މެމްބަރުންގެ ނަންތައް ކޮމިޓީއަށް ފޮނުވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް ފޮނުވާފައިވާ ހަ މީހުންގެ ނަންތައް ދިރާސާ ކުރެއްވުމަށް މިނިވަން މުއައްސަސާއާ ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައީސް އަބްދުﷲ ޔާމިން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވި ސިޓީގައި ބްރޯޑްކޮމްގެ މެމްބަރުކަމަށް ފުރުސަތު ހުޅުވާލުމުން ނަން ފޮނުވާފައިވާ 23 މީހުންގެ ނަންތައް މިއަދު ރައްޔިތުން މަޖިލީހުގައި ވަނީ އިއްވާފަ އެވެ. އެލިސްޓުގެ އެންމެ ކުރީގައި ވަނީ އެކޮމިޝަންގެ މިހާރުގެ ވެސް ރައީސް މުހައްމަދު ޝަހީބްގެ ނަމެވެ. ދެން އޮތީ ޅ. ހިންނަވަރު، ފަހަލަ އިސްމާއިލް ސަފްވާނާއި ކ. ދިއްފުށީ ހުވަނދުމާގޭ ފާތިމަތު ޒައިނާ އާއި ގދ. ގައްދޫ އަތިރީގޭ ޒީނާ ޒާހިރުގެ އިތުރުން ވ. ވެރޯނިކާ ހަސަން ނަބާހް އަދި ގ. ގޮފި، އާމިނަތު ސަރާހަތު އިއްޒަތެވެ.

މި ނަންތައް ދިރާސާ ކުރައްވައި މަޖިލީހުގެ މެމްބަރުންނަށް ފެންނަށް ހަ މެމްބަރުން ކަނޑައެޅުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

ބްރޯޑްކޮމްގައި މިހާރު ހިމެނޭ ފަސް މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް ހަމަވެ އެވެ.