ރައްޔިތުންގެ މަޖިލިސް

ފިންގަޕްރިންޓް ހުށަނާޅާނަމަ ޕާޓީން ވަކިކުރާ އިސްލާހު ބަލައިގަނެފި

އިލެކްޝަން ކޮމިޝަން (އީސީ)އަށް އިންގިލީގެ ނިޝާން ހުށައަޅައިފަ ނުވާ ފަރާތްތައް ސިޔާސީ ޕާޓީގެ މެމްބަރު ކަމުން ވަކިވުމާއި ގުޅޭ މައްސަލަ ބަލައިގަނެ، މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރު ފަރާތުން ފޭދޫ ދާއިރާގެ މެމްބަރުން އިބްރާހިމްދީދީ ހުށަހަޅުއްވާފައިވާ މި އިސްލާހު ބަލައިގަތުމަށް 29 މެމްބަރުންގެ ވޯޓު ބޭނުންވާ އިރު ޖުމްލަ 36 މެމްބަރުންގެ މި އިސްލާހު ބަލައިގަތުމަށް ވޯޓު ދެއްވި އެވެ. އަދި އިސްލާހު ބޭރުކޮށްލުމަށް 21 މެމްބަރުން ވޯޓު ދެއްވި އެވެ. އެހެން ކަމުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި މި އިސްލާހު ބަލައިގަނެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވަން ނިންމި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި މި އިސްލާހުގައި ބުނެފައި ވަނީ މި ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން މަސްދުވަސް ތެރޭގައި ޕާޓީއެއްގެ މެމްބަރުންގެ އިންގިލީގެ ނިޝާންއާއި އަދި އެހެނިހެން މައުލޫމާތުތައް އީސީއަށް ހުށަހަޅަން ޖެހޭ ކަމަށާއި އަދި އެކަން ނުކޮށްފި ނަމަ ޕާޓީއެއްގެ މެމްބަރު ކަމުން ވަކި ކުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ދޫކުރާނީ މި ގާނޫނަށް އަމަލު ކުރާ ޕާޓީތަކަށް ކަމަށް މި އިސްލާހުގައި ވެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މި އިސްލާހު ގެންނަން ސަރުކާރުން ނިންމަވާފައިވާތީ ގިނަ އެމްޑީޕީ މެމްބަރުންނާއި އަދާލަތު ޕާޓީގެ މެމްބަރު ވަނީ އެކަމަށް ފާޑުކިޔާފަ އެވެ. އެގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މީގެ ކުރީގެ އޮތް އުސޫލާއި ގަވައިދާ އެއްގޮތަށް ޕާޓީތަކާއި ގުޅިފައިވާއިރު އަނެއްކާ މިގާނޫނުގެ ދަށުން އެމީހުން އިނގިލީގެ ނިޝާން ހުށަހަޅާފައި ނުވާ ނަމަ ޕާޓީ އިން ވަކި ވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި ފަހުން ހެދޭ ގާނޫނަކުން ކުރީގެ ކަންތަކަށް ރައްޔިތުންނަށް ތަކުލީފް ލިބޭން ނުޖެހޭ ކަމަށެވެ.

"މިހާރު މިވާ ގޮތުން އެމްޑީޕީ އުފެއްދުމުގެ ގޮތުގައި ބާނީ އިން ގޮތުގައި ތިބޭ މީހުންނަށް ޕާޓީގައި ނުތިބެވޭ. އެމްޑީޕީގެ ނަމުގައި ރައީސް ކަން ކުރެއްވި ބޭފުޅުންވެސް ޕާޓީގެ މީހަކަށް ނުވޭ. މި މައްސަލަ މިގޮތަށް މި ހުށަހެޅީ އާ އީސީ އައްޔަކުރެއްވި ގޮތަށް ސަރުކާރު ބޭނުންވާ ގޮތަށް ޕީޕީއެމްއަކީ އެންމެ ބޮޑު ޕާޓީ ގޮތުގައި ހެދުން،" އިންތި ވިދާޅުވި އެވެ.

ނަމަވެސް ދީދީ ވިދާޅުވީ މި އިސްލާހު ހުށަހެޅީ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ނަންތަކުގެ ސައްހަކަމާއި މެދު އެ މެމްބަރުންގެ ގިނަ ޝަކުވާއެއް އީސީއަށް ލިބެމުންދާތީ އެ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހާ މެމްބަރުންގެ ސައްހަކަން ކަށަވަރު ކުރެވޭނެ އުސޫލެއް ގާއިމް ކުރުމަށް އެ ކޮމިޝަނުން އެދިވަޑައިގަނެފައިވާތީ ކަމަށެވެ.