ހަބަރު

ރާއްޖެއަށް އެހީވާ ގައުމުތަކަށް އެމްޑީޕީިއިން ދެނީ ދޮގު މައުލޫމާތު: ތޯރިގު

ސަރުކާރުން ހިނގައި މަޝްރޫއުތަކަށް އެހީ ފޯރުކޮށްދޭ ގައުމުތަކަށް ގޮސް ހަގީގަތާއި ހިލާފު ޝަކުވާތަކެއް އެމްޑީޕީއިން ކުރަމުން އަންނަ ކަމަށް އެންވާރަމަންޓް މިނިސްޓަރު އިބްރާހިމް ތޯރިގު ވިދާޅުވެއްޖެ އެވެ.

ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މެދުގައި ބޭއްވި ގައުމީ މަހާސިންތާ ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ އަސާސީ ހިދުމަތްތަކުގެ މަސައްކަތް ކުރާ އިރު ބޭނުން ކުރަނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުންނާއި ބޭރުގެ ލޯނު އެހީތަކުން ކަމަށާއި އޭގެ ތެރެއިންވެސް ބޮޑު ބައެއް ކަވާ ކުރަނީ ބޭރު ފަރާތްތަކުން ދޭ ލޯނު އެހީ އިން ކަމަށެވެ.

ތޯރިގު ވިދާޅުވީ ތަރައްގީގެ މަސައްކަތްތައް ކުރާއިރު ބައެއް އިދިކޮޅު ފަރާތްތަކުން އެ މަސައްކަތްތަކަށް އުނދަގޫވާ ފަދަ ކަންތައް ކުރަމުން އަންނަ ކަމަށެވެ.

"ބާރަށް މަސައްކަތް ކުރަމުންދާ އިރު އިދިކޮޅު ފަރާތްތަކުން ބޭރުގެ އެހީދޭ ފަރާތްތަކަށް އަނގައި ޝަކުވާ ކުރަނީ، ސަރުކާރުން މަސައްކަތްތައް ނުކުރާ ކަމަށާއި އެހީއަށް ލިބޭ ފައިސާ އެހެން ދިމާލަށޭ ވެސް ބުނޭ އަދި ދައުލަތަށް މި ލިބޭ އެހީގެ ފައިސާ ދޭނެ ކަމެއް ނެތް ކަމަށް ބުނެ،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ އަމަލުތައް މިފަދަ ގޮތަކަށް ގެންގުޅޭ ނަމަ ރާއްޖެއަށް އެހީދާ ފަރާތްތައް އެކަންކަން ބަލައި ރާއްޖެއަށް އެހީ ލިބުމުގައި ލަސްތަކެއްވެގެންދާނެ ކަމަށެވެ. އަދި އޭގެ ގެއްލުން ވާނީ ހަމައެކަނި ސަރުކާރަށް ނޫން ކަމަށާއި އެކަމުން ރައްޔިތުންނަށް ވެސް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.