ހަބަރު

އިސްލާމީ ލަޝްކަރުގެ ބައްދަލުވުންތަކަށްފަހު ޗީފް އޮފް ޑިފެންސް ރާއްޖެ އަތުވެއްޖެ

ސައުދީ އަރަބިއްޔާ އިން އެކުލަވައިލި އިސްލާމީ ލަޝްކަރުގެ އިސް ވެރިންނަށް ބާއްވާ ސެމިނާއެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ރާއްޗެ އަތުވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މިމަހުގެ 25 އިން 29 އަށް ކުރިޔަށް ދިޔަ މި ސެމިނާގައި، މިހާރު ދުނިޔެއަށް ދިމާވެފައިވާ ޓެރަރިޒަމްގެ އަމަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށާއިޓެރެރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ހުރި ގޮންޖެހުންތަކާއި، އެފަދަ އަމަލުތައް ހުއްޓުވުމަށް އިސްލާމީ ލަޝްކަރުގައި ހިމެނޭ ގައުމުތަކުގެ އަސްކަރިއްޔާތަކުން ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

މި ދަތުރުފުޅުގައި ބައެއް އެހެން ގައުމުތަކުގެ އަސްކަރިއްޔާތަކުގެ އިސްވެރިންނާ ޗީފް އޮފް ޑިފެންސް ބައްދަލުކުރެއްވި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ރާއްޖެއާ އެކު 34 ގައުމެއްގެ އަސްކަރިއްޔާ ހިމެނޭ އެ ލަޝްކަރު އުފެއްދީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ލަޝްކަރުގެ މައިގަނޑު ބޭނުމަކީ އިސްލާމްދީނުގެ އަސްލު އޮޅުވާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވައި އެކަންކަމަށް ފާރަވެރިވުމެވެ.