އެޗްޑީސީ

އެޗްޑީސީން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށަނީ

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންނަށް ހާއްސަކޮށްގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އެޗްޑީސީން މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވަނީ ޓިވެޓް އާއި ގުޅިގެންނެވެ.

މިއަދު އެކަމަށް ބޭއްވި ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑައިރެކްޓާ މުހައްމަދު ސައިމަން ވިދާޅުވީ މި ޕްރޮގްރާމްގައި ޒުވާނުން ބިނާކުރަން ފުރުސަތު ހޯދައިދީ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ދިރިއުޅެމުންދާ ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރު ތަރައްގީކޮށް، ތަމްރީނުގެ ފުރުސަތު ތަނަވަސްކޮށްދީ މުޖުތަމައުއަށް ފައިދާހުރި މަސައްކަތްތެރި ހުނަރުވެރި ޒުވާނުން އުފައްދާނެ ކަމަށެވެ.

ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންނަށް މިހާރުވެސް ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުން ދެއެވެ.

"މިހާރުވެސް ބައެއް ޒުވާނުން އަޅުގަނޑުމެންގެ ޕާކްތައް ތަރައްގީ ކުރުމުގައްޔާއި އިމާރާތްތައް ޑިވެލޮޕް ކުރުމުގައި ހަރަކާތްތެރިވޭ. އޭގައި ނުކުޅެދުންތެރިކަން ހުރި ކުދިންނާ އެކި ގިންތީގެ ޒުވާނުން އެބަ ހިމެނޭ. އެކި ޕްރޮގްރާމްތައް އެކި ސިފައިގައި މިހާރުވެސް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ މަސައްކަތަކަށް އިތުރު ސްޓެޕެއް މިނަގަނީ ޒުވާނުން ސައިޑް ލައިންގަ ނޫނީ ހަވާސާއިން ބޭރުގައި ކޮންމެސް ގޮތަކުން ނުވަތަ ކޮންމެސް ސަބަބަކާއި ހުރެ އެއީ އެޑިއުކޭޝަން ސިސްޓަމްގެ ތެރެއިން ނުވަތަ ކޮންމެސް އެހެން ސޯޝަލް އިޝޫސް ތަކަކާއި ހެދި ނަމަވެސް އުންމީދުތަކެއް ނެތި އޮތުމަކީ ވަރަށް ދެރަ ކަމެއް،" ސައިމަން ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ދަށުން ކުދިން ތަމްރީނު ކުރަނީ ހަމައެކަނި އެޗްޑީސީގެ މަސައްކަތަކަށް ނޫން ކަމަށާއި މި ޕްރޮގްރާމްގައި ވެލްޑިން ކުރާށާއި، މެޝިނަރީ އާއި، ވަޑާން ކުރުމާއި، ލޭންޑްސްކޭޕިންގ އަދި އޮޓޮމޯޓިވް މެއިންޓެނަންސް ޒުވާނުންނަށް ދަސްކޮށްދޭނެ ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ހުޅުމާލެ ޔޫތު ސިޓީއެއްގެ ގޮތުގައި ތަރައްގީވެގެންދާއިރު ސްކޫލްތަކުން ނުކުންނަ ދަރިވަރުން ވަޒީފާ އާއި ހަމައަށް ދެވޭނެ މަގުފަހިކޮށްދެން ޖެހޭ ކަމަށެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން 20 ޒުވާނުންނަށް ފުރުސަތުދޭން ނިންމާފައިވާއިރު ހުޅުމާލޭގައި އުޅޭ ޒުވާނުންނަށް އިސްކަން ދޭނެ އެވެ. ހަމަސް ދުވަހަށް ހިންގާ މި ތަމްރީނު ޕްރޮގްރާމްގައި ކޮންމެ ދުވަހަކުވެސް ދަރިވަރުން އަމަލީ ތަޖުރިބާ ހޯދަން އަށް ގަޑިއިރު މަސައްކަތް ކުރަން ޖެހެ އެވެ. ޕްރޮގްރާމްގެ ކޮންމެ ބައިވެރިޔަކަށް ޕޮކެޓް މަނީގެ ގޮތުގައި އެލަވަންސެއް ދޭއިރު އެންމެ ރަނގަޅު ބައިވެރިންނަށް އެޗްޑީސީން ވަޒީފާ ހަމަޖައްސައިދޭނެ އެވެ.

މި ޕްރޮގްރާމް ކޮންމެ އަހަރަކުވެސް އެއް ފަހަރު ކުރިއަށް ގެންދާނެ އެވެ.