ހަބަރު

ބަޑި މުބާރާތުން އެއް ވަނަ ސްޓާފް ސާޖަންޓް މުހައްމަދު އަލީއަށް

މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވި ސިފައިންގެ އަހަރީ ބަޑި މުބާރާތުން އެއް ވަނަ ސްޓާފް ސާޖަންޓު މުހަންމަދު އަލީ ހޯދައިފި އެވެ.

އިންޑިވިޖުއަލް އަދި ޓީމް އިވެންޓްތައް ހިމަނައިގެން، މިމަހުގެ 20 އިން ފެށިގެން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ، މިއަހަރުގެ ބަޑި މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން މުޅި މުބާރާތުގެ ދެވަނަ ހޯދީ ކޯޕްރަލް އަބްދުﷲ ހަލީލް އެވެ. އަދި ތިންވަނަ ބަޑިޖެހުންތެރިޔާގެ މަގާމް ހާސިލްކުރީ ވޮރަންޓް އޮފިސަރ ގުރޭޑް 3 ޢަބްދުﷲ ޖާވިދު އެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގަ އެވެ. ޓީމް އިވެންޓް ފަޔަރިންތައް ކުރިއަށްދިޔައީ ދެ ގިންތިއަކަށް ބަހާލައިގެން ގޮސްފައިވާއިރު ޓިމް އިވެންޓުން އެއް ވަނަ ހޯދީ އެމްއެންޑީއެފް މާލޭ އޭރިއާ، ހުޅުލޭ ޕޯސްޓްގެ ސިފައިންނެވެ. އަދި ދެވަނަ އެމްއެންޑީއެފް ސްޕެޝަލް ފޯސަސް (އެސްއެފް) ހާސިލްކުރިއިރު، ތިންވަނައަށް ދިޔައީ މެރިން ޑިޕްލޯއިމަންޓް ޔުނިޓް (އެމްޑީޔޫ) 1 އެވެ.

މި މުބާރާތުގެ ގިންތި 2 އިން އެއްވަނަ ޓީމެއްގެ ގޮތުގައި ހޮވުނީ އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އިންނެވެ. އަދި ދެވަނަ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ) އިން ހާސިލު ކުރިއިރު ތިންވަނައަށް ގޮސްފައިވަނީ މިލިޓަރީ ޕޮލިހެވެ.

މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި، މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިއަދު ގިރިފުށީ ޓްރެއިނިން ސެޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާރ ޖެނެރަލް އަހްމަދު ޝާހިދުއެވެ.

ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ކުރިއަށް ގެންދާ މުބާރާތެކެވެ. އަލްމަރްޙޫމް މޭޖަރ އިނގިރޭސި އުމަރު މަނިކަކީ ސިފައިންގެ ހިދުމަތުގައި ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ، އިހުލާސްތެރިކަމާ ވަފާތެރިކަމާއެކު ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.