ދުނިޔޭގެ އެންމެ ނަންކިޔާ ސޯޝަލް ނެޓްވާކިން އެޕްލިކޭޝަންގެ ތެރޭގައި މިހާރު ހިމެނޭ ސްނެޕްޗެޓަކީ މާ ކުރިގަ އުޅޫ އެޕްލިކޭޝަނެކެވެ. ދުވަހަކަށް ވުރެ ދުވަހަކަށް މި އެޕްލިކޭޝަން ދަނީ ކުރި އަރައި އެ ބޭނުން ކުރާ މީހުން އުފާކޮށް ހިތްހަމަޖައްސައިދެމުންނެވެ.
ސްނެޕްޗެޓުން އިއްޔެ ނެރުނު އަޕްޑޭޓަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަަ އަޕްޑޭޓެކެވެ. މި އަޕްޑޭޓުން ވަރަށް ގިނަ އާ ހިދުމަތްތަކެއް ސްނެޕްޗެޓް ބޭނުން ކުރާ މީހުނަށް ވަނީ ފަހި ކޮށްދީފަ އެވެ.
މި އަޕްޑޭޓަށް ސްނެޕްޗެޓުން ދީފައިވާ ނަމަކީ "ޗެޓް 2.0" އެވެ. މި އަޕްޑޭޓުގައި ހިމެނޭ ފީޗާސް ތަކުގެ ތެރެއިން އެންމެ ފާހަގަ ކޮއްލެވޭ ކަމަކީ ސްކައިޕް ފަދަ އެޕްލިކޭޝަން ތަކުން ކުރެވޭ ކަހަލަ ވީޑިޔޯ އަދި އޯޑިޔޯ ކޯލްގެ ފީޗާ އެވެ. މީގެ ސަބަބުން ސްނެޕްޗެޓް ވެގެންދާނީ މަޖާކޮށްލުމުގެ އިތުރުން ފައިދާހުރި އެތައް ކަމަކަށް ވެސް ފަހިކޮށްދޭ އެޕްލިކޭޝަނަކަށެވެ.
ދެން އެންމެ ފާހަގަ ކޮށްލެވެނީ އޮޓޯ އެޑްވާންސް ސްޓޯރީސް ގެ ފީޗާއެވެ. މި ފީޗާގެ އިން ސްނެޕްޗެޓްގެ ސްޓޯރީސް ކުރިއަށްވުރެ އަވަސް ކޮށްދީ ބޭނުންކުރާ ފަރާތްތަކަށް އޭގައި ޓެޗް ކުރުމުގެ ބަދަލުގައި އޮޓޯކޮށް އެއް ސްޓޯރީން އަނެއް ސްޓޯރީއަށް އެ ސްޓޯރީއެއް ނިމުމުން ދެވެއެވެ.
އާ އަޕްޑޭޓާއެކު ސްނެޕްޗެޓްއިން ވަނީ ސްޓިކާގެ ފީޗާއެއްވެސް ގެނެސްދީފައެވެ. ނަމަވެސް މި ސްޓިކާތަކަކީ މިހާރުވެސް ފޭސްބުކް މެސެންޖާއިން ބޭނުން ކުރެވޭ ސްޓިކާ ތަކެކެވެ.
މި އަހަރު ފެށުނީއްސުރެ ސޯޝަލް ނެޓްވާކިންގެ އެޕްލިކޭޝަން ތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެ ރޭހުގެ ފޯރި ގަދަވެފައިވާއިރު އާ އަޕްޑޭޓާއެކު ސްނެޕްޗެޓް ވެސް މިހާރު މިވަނީ އިންސްޓަގްރާމާއި ފޭސްބުކް މެސެންޖާފަދަ އެޕްލިކޭޝަން ތަކާ އަރާ ހަމަކޮށްފަ އެވެ. އެހެންވެ ކުރިއަރައި ބޮޑުވަމުން އައި ސްނެޕްޗެޓް މާ ބޮޑަށްވެސް މިހާރު ބޮޑުވީ އެވެ.