ޝުއުރޫތަކާއި ކަންބޮޑުވުންތައް އެންމެން ބަންޑުންކޮށްލާ ފޭސްބުކަށް ދިވެހި އަންހެނަކު މީގެ ދެ ދުވަސް ކުރިން ފޮޓޯއެއް ދޫކޮށްލި އެވެ؛ އެ ފޮޓޯއިން ފެންނަނީ މާލޭގެ މަގުމަތީގައި އަންހެނަކު ހިނގާފައިދާއިރު ފަހަތުގައި ޒުވާން ފިރިހެން ކުއްޖަކު އޭނާގެ އަތް ދަބަސް ހިފައިގެން ހުންނަ ތަނެވެ. އަންހެންމީހާ މި ފޮޓޯ އެފްބީއަށް ވައްޓާލީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިގެން ނޫނީ މަލާމާތެއް ކޮށްލަން ކަމަށް ހީވެ އެވެ. އެހެން ނޫން ކަމަށް ވެސް ވެދާނެ އެވެ. އެތައް މިލިއަންގެ މީހުންގެ ތެރެއަށް އޭނާ އެ ފޮޓޯ އެއްލައިލި އިރު ކެޕްޝަނުގައި ލިޔުނީ މިހެނެވެ: "މި ޒަމާނުގެ ފިރިހެން ކުދިންގެ ހާލަތު، އަންހެނުންގެ ދަށުވިޔަސް ބޮޑުވަރު!"
އަންހެން މީހާގެ އެ ދެ ޖުމްލައިން ބައެއް ފިރިހެންނުން ހިތުގައިޖެހި ވަރަށް އަސަރުކުރި އެވެ. މަލާމާތުގެ އެ ފޮޓޯ ވަރަށް ބޮޑަށް ވައިރަލްވި އެވެ. ގިނަ އަދަދަކަށް މީހުން ކޮމެންޓް ކުރި އެވެ. އެ ފޮޓޯއާ ދެކޮޅަށް އެތައް ބަޔަކު ވާހަކަ ދައްކައި ލިޔެ އަންހެން މީހާ "ކުޑަ" ކޮށްލުމުން އަންހެން މީހާ ވަނީ އެ ފޮޓޯ އަނބުރާ ގެންގޮސްފަ އެވެ. ނަމަވެސް އެފޮޓޯގް ސްކްރީން ޝޮޓްތައް ވެސް އެކި ދިމަ ދިމާގައި އަދިވެސް ދައުރުވަމުން އެބަދެ އެވެ. އަދިވެސް ފާޑުކިޔަނީ އެވެ. އެންމެންވެސް ގާތްގަނޑަކަށް ކިޔަނީ އެކައްޗެކޭ އެވެ.
ބައެއް ޒުވާން ފިރިހެން ކުދިން ކޮމެންޓްކޮށްފައިވާ ގޮތުގައި ދަބަހުގައި ހިފައިލުމަކީ "އަންހެނުން ދަށުވުމެއް" ނޫނެވެ. އަދި މިފަދަ ޒަމާނެއްގައި އެއީ އާޝޯހު ވާވަރުގެ ކަމެއް ވެސް ނޫނެވެ. އަންހެނެއްގެ އަތް ދަބަސް އުފުލާލުމަކީ ލަދުގަންނަންޖެހޭވަރުގެ ކަމެއްވެސް ނޫނެވެ.
ފޮޓޯގެ ހަގީގަތަކީ ކޮބާ؟
ފޮޓޯއިން ފެންނަ ފިރިހެން ކުއްޖާގެ ދިފާއުގައި ވާހަކަ ދެއްކީ ހަމައެކަނި ފިރިހެނުންނެއް ނޫނެވެ. ވަރަށް ގިނަ އަންހެނުން ވެސް ވާހަކަ ދެއްކި އެވެ. އެ ހުރިހާ ވާހަކައެއްގެ ފަރުދާ ކަހާފައި ބޭރަށް ފާޅުވީ ފޮޓޯއިން ފެންނަ ފިރިހެން ކުއްޖާ އެވެ. އޭނާ ވަނީ އަންހެން މީހާއަށް ރައްދު ދީ އޭނާ ހިފަހައްޓައިގެެން ހުރީ އޭނާގެ ދައްތަގެ ދަބަސް ކަމަށް ބުނެ ހަގީގަތް ބުނެދީފަ އެވެ. އަދި އެފްބީގައި ލިޔެއެވެ:
"ފޮޓޯއިން އެ ފެންނަނީ އަހަންނާއި އަހަރެންގެ ދައްތަ، އަދި ދަބަސް ހިފައިގެން ދިޔުމުން އެއީ އަނބި ދަށުވީއެއް ނޫން!"
ދައްތައަށް އެހީވުމަށް ފިރިހެން ކޮޮއްކޮ ދައްތަގެ އަތްދަބަހުގައި ހިފާލި ވަގުތުގެ ފޮޓޯއެއް ހޯދައިގެން މަލާމަތެއް ކޮށްލީ އަންހެނެކެވެ. -- ފީލިން ލަދު
އޭގެ ކުރިމައްޗަށް ނުކުމެ ދިފާއުގައި ވާހަކަ ދެއްކީ މަލާމާތް ރައްދުވި ފިރިހެން ކުއްޖާ އެވެ. އޭނާގެ ސްޓޭޓަސް ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އެވެ. ކޮމެންޓްތައް އޮއްސާލި އެވެ.
އަންހެނެއްގެ އަތް ދަބަސް އުފުލައިދިނުން މައްސަލައެއްތަ؟
އަންހެނެއްގެ އަތް ދަބަސް ފިރިހެނަކު އުފުލުމަކީ ފަހަރެއްގައި އެހާ އާންމު ކަމަކަށް ނުވެދާނެ އެވެ. ފިރިހެނުން ލަދު ގަންނަ ކަމަކަށް ވެސް ވެދާނެ އެވެ. ނަމަވެސް އެއީ ހަމަ އެހާ ގޯސް ކަމެއްހެއްޔެވެ؟ ނޫނީ އެއީ އަންހެނުންގެ ދަށުވުން ހެއްޔެވެ؟ ނޫނީ އެއީ އަނބި ދަށުވުން ހެއްޔެވެ؟ އަނބި ދަށުވުމާއި އަންހެނުންގެ ދަށުވުން ތަރުޖަމާ ކުރަން ފަށާނީ އަދި އެކަން ނިންމާނެ ބައުންޑަރީއަކީ ކޮބައި ހެއްޔެވެ؟
ހަގީގަތުގައި އަންހެނެއްގެ އަތް ދަބަސް ފިރިހެނަކު އުފުލުމަކީ މާ ބޮޑު މައްސަލައެއް ނޫނެވެ. ނޫން، ހަމަ އެއްގޮތަކަށްވެސް މައްސަލައެއް ނޫނެވެ. އެކަމަކު ރާއްޖޭގައި މިފަދަ މަންޒަރުތައް ފެންނަލެއް މަދެވެ. ރާއްޖޭގައި އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެއީ އެހާ އާންމުކަމެއް ނޫނެވެ. ހާއްސަކޮށް އޭޝިއާގެ ގައުމުތަކުގައި އެކަން ލަދުވެތި ކަމަށް ވަނީ އެވެ. އެ ފޮޓޯގެ ސަބަބުން މިހާ ބޮޑު ހައިޖާންގަނޑެއް އުފުދުނު ސަބަބަކީ ވެސް އެއީ ކަމަށްވެދާނެ އެވެ.
އޭޝިއާގެ އެންމެ ބޮޑު ބާރު ކަމަށްވާ ޗައިނާގެ ރައީސް ޝީ ޖިންޕިންއަކީ މިކަމުގައި ލާމަސީލު މިސާލެކެވެ. އަނބިކަނބަލުންގެ އަތް ދަބަސް ކޮޅު މީޑިއާ އާއި ބޮޑެތި ވެރިންގެ ކުރިމަތީ އުފުއްލަވާކަށް ޝީ ޖެހިލުންވެ ވަޑައެއް ނުގަންނަވަ އެވެ. އެކަން ކުރައްވަނީ ވަރަށް ފާޅުކަން ބޮޑުކޮށެވެ. ދިވެހިންނަށް އެންމެ ކަމުދާ ހޮލީވުޑްގެ ތަރިން ވެސް އަނބިމީހާ ނޫނީ ލޯބިވެރިޔާގެ އަތް ދަބަސް އުފުލާ މަންޒަރު ފެނެ އެވެ.
އަހަރެމެންނަކީ މުސްލިމުންނެވެ. އިސްލާމް ދީން ބާރު އަޅަނީ އަނބިންނަށް، އަންހެނުންނަށް ހެޔޮކޮށް ހިތުމަށެވެ. އެހީތެރިވެ ދިނުމަށެވެ. އަަރެމެންގެ މުޖުތަމައު ބާރު އަޅަނީ އެންމެހެން އެއް ސަފަކަށް އެރުމަށެވެ. މުޅި ގައުމު މިހާރު ވެސް އޮތީ "ރެސްޕެކްޓް" ކެމްޕޭނެއްގެ ތެރޭގަ އެވެ. އެހެންކަމުން އަނބިމީހާއަށް ކަމޭހިތުމުގެ ގޮތުން އަނބިމީހާގެ އަތް ދަބަހުގައި ހިފާލައިދިނުން މައްސަލައަކަށް ވާންވީ ކީއްވެގެން ހެއްޔެވެ؟