ރިޕޯޓް

ދައުލަތް އަނދިރި ކޮޓަރިން ނެރެ، ހާމަކުރޭ!

  • މައުލޫމާތު ހާމަކުރަން ދައުލަތުން އަބަދުވެސް ބިރުގަނޭ
  • މުއައްސަސާތަކުގެ ހާމަކަން ނެތުމުން ތުހުމަތުތައް ބޮޑު
  • މައްސަލައަކީ ގާނޫނުތަކެއް ނޫން، އިހުލާސްތެރިނުުވުން

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން އާންމުނުކޮށް ސިއްރު ކުރާ މައްސަލައިގައި، ހެޔޮވެރިކަމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ، ޓްރޭންސްޕޭރަންސީ މޯލްޑިވްސް އިން ހިންގި ކެމްޕޭމްގެ ތެރޭގައި އެ ޖަމްއިއްޔާގެ އެޑްވޮކެސީ އަދި ކޮމިޔުނިކޭޝަންސް މެނޭޖަރު، އައިމަން ރަޝީދު އިބްރާހިމް ވިދާޅުވެފައި ވަނީ؛ "ޒަމާނުއްސުރެ ރާއްޖޭގައި ދައުލަތް ހިންގަމުން ދަނީ ފޮރުވިގެން، ސިއްރިއްޔާތުގައި، ފޭރާމުގެ ފަހަތުގައި މައުލޫމާތުތައް ހާމަކުރުމެއް ނެތި، އަނދިރި ކޮޓަރިއެއްގަ" އެވެ. ރާއްޖެއަށް މި އައި ޑިމޮކްރަސީއެއްގެ ތޫފާނެއްގައި ވެސް އެތައް ކަމެއްގެ ފަރުދާ ނުހިއްލި، ވަނީ ރައްޔިތުންގެ ލޯތަކުން ފޮރުވިފަ އެވެ.

ދައުލަތަށް ދައްކާ ޓެކްސް ފައިސާ ބޭނުން ކުރަނީ ކިހިނެތް ހެއްޔެވެ؟ މަހެއްގެ މައްޗަށް ދައުލަތުން ކިހާ ހަރަދެއް ކުރަނީ ކޮން ކަންކަމަކަށް ހެއްޔެވެ؟ ބޮޑެތި މަޝްރޫއުތަކަށް ކުރިމަތިލީ ކޮން ފަރާތްތަކެއް ކަމާއި މަޝްރޫއެއް ބަޔަކާ ހަވާލު ކުރީ ކޮން ސަބަބުތަކަކާ ކަން އެނގެނީ ކިހިނެތް ހެއްޔެވެ؟ ރައްޔިތުން މަޖިލީހަށް ހުށަހަޅާ ބިލްތަކުން ރައްޔިތުންނަށް ކުރާނެ އަސަރާއި ބަޖެޓަށް ކުރާ ބުރަ އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ކޯޓުތަކުގައި ހިނގާ ޝަރީއަތްތައް ދަނީ އަދި ޝަރުއީ ދާއިރާގެ ނިންމުންތައް އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟ މި ސުވާލުތަކަށް ރައްޔިތުން ދޭނެ ޖަވާބެއް ހަމަ ހަގީގަތުގައި ވެސް ނެތެވެ. ރާއްޖޭގެ ދައުލަތް މި ހިންގަނީ އަބަދުވެސް ފޮރުވިގެންނެވެ. ފަރުދަލެއްގެ ނިވަލުގަ އެވެ. މިއީ އެވޭލާ ޒަމާނުއްސުރެ ވެސް އަދި އޭގެ ފަހުން ރައީސް މައުމޫން އާއި ނަޝީދު އަދި މި ސަރުކާރުގައި ވެސް ހަމަ ކަން އޮތް މަގެވެ.

އެންމެ ބޮޑު ސުވާލަކީ؛ މީގެ ނަތީޖާ އަކީ ކޮބައިހެއްޔެވެ؟

ކޮރަޕްޝަނަށް ދެވޭ ދައުވަތެއް!

އައިމަން ވިދާޅުވެފައިވާ ގޮތުގައި އަނދިރި ކޮޓަރިއެއްގެ ތެރޭގައި ދައުލަތް ހިންގަނީ ސިއްރު ކަންތައްތަކެއް ކުރުމަށެވެ. އެހެން ނޫނީ، ރައްޔިތުންނަށް ހިންގައިދޭ ޑިމޮކްރަޓިކް ނިޒާމެއްގައި އެމީހުންނަށް ފޮރުވާފައި އޮންނަ މައުލޫމާތެއް އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އައިމަން އެ ވިދާޅުވި ވާހަކަ ބުއްދީގެ ވިސްނުމަކުން ވެސް ގަބޫލު ކުރެވިދާނެ އެވެ. ސިއްރުން ބަޔަކު ކަންތައްތަކެއް ކުރާނީ ކޮންމެވެސް ގޯސްތަކެއް ނޫނީ ނުބަޔެއް އޭގައި އޮތީމަ އެވެ. ހަގީގަތުގައި ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް މައުލޫމާތުތައް ހާމަ ކުރަން ޖެހިލުންވެ ތިބެނީ ބިރުގެންފަ އެވެ. ވަކި ތަނެއް އިސްތިސްނާ ނުވެ، ދައުލަތުގެ ކޮންމެ މުއައްސަސާއަކުން ކަހަލަ ގޮތަކަށް މައުލޫމާތު ހޯދަން މިޖެހެނީ ގަދަަބަދަވި ކަމުންނެވެ.

ވަކި ޕާޓީއެއް އިސްތިސްނާނުވެ، ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް މި އުޅެނީ އެ މީހުންގެ، "މުއްސަދިކަން" ހާމަކުރަން ވެސް ޖެހިލުންވެގެންނެވެ. މަދު މެންބަރަކު ވެސް އެކަން ކުރީ ރައްޔިތުންގެ ބަޔަކު ބުނެ އާދޭސް ކޮށް ހޯބޯލަވައިގެން ދުނިޔޭގެ ލަދަށެވެ. ފާޑަކަށް މަޖުބޫރުވެގެންނެވެ.

ކުޑަކުޑަ މިސާލެކެވެ؛ މި ހަފްތާ އިން ފެށިގެން މާލެއަށް ލައިގަތް ފެން ނުލިބުމުގެ ކާރިސާއަކާ ހެދި މީގެ ކުރިން އެކުލަވާލި ފެންފަންޑަށް ހޯދިހާ ފައިސާއެއް ހަރަދުވި ގޮތެއް ހޯދުމަށް ގުޅާލުމުން ޑިޒާސްޓާ މެނޭޖްމަންޓް ހިންގަވާ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވި، "އެ ފަންޑް މިތަނާ ހަވާލުކޮށްފައި އޮންނަނީ އެ ފަންޑްގެ ހަރަދުތަކުގައި މައުލޫމާތު މީޑިއާއަށް ހާމަކުރުމުގެ މެންޑޭޓް ދީފައި ނޫން" ކަމަށެވެ. ހަމަ ހިލާ އެބޭފުޅަކު އެ މައުލޫމާތެއް ނުދެއްވި އެވެ. ގޯސްވީ އެ މައުލޫމާތު ހޯދަން އަޅުގަނޑު ގުޅީމަ އެވެ. އެބޭފުޅާގެ ނަމްބަރު ހޯދި ގޮތް ބަލަން އަޅުގަނޑަށް ސުވާލުތައް އޮއްސާލީ އެވެ. އެކަމަކު މިއީ ރައްޔިތުންނަށް ހާމަނުކޮށް ސިއްރު ކުރާވަރުގެ މައުލޫމާތެއް ހެއްޔެވެ؟

ދައުލަތުގެ ހަރަދުތައް ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް ހާމަކުރަމުން އައި އައުން، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި، 2013 ވަނަ އަހަރުން ފެށިގެން ވަނީ ހުއްޓާލައިފަ އެވެ. ނިކަމެތި ރައްޔިތުން ދައްކާ ޓެކްސް ފައިސާ ކޮޅުން ދައުލަތް ހިންގަމުން އަންނަ އިރު އެ މީހުން މިދޭ ފައިސާއަށް ހަދާހެއް ނުހާދައެއް އެ މީހުންނަށް މި އޮތީ ނޭނގި އެވެ. އެކަމަކު ރައްޔިތުން މިދައްކާ ޓެކްސް ފައިސާ އިން ހަރަދު ކުރާ ގޮތް އެ މީހުންނަށް އެނގުމަކީ ހައްގެކެވެ. ނަތީޖާއަކަށް ވަނީ ފޮރުވިގެން ކުރެވޭ ހަރަދުތަކުން ޓެކްސް ނިޒާމަށް އޮންނަ އިތުބާރު ރައްޔިތުން އެކީ ފިލުވާލުމެވެ.

ދައުލަތުގެ ހަރަދުތައް ހާމަކަން ނެތް ގޮތެއްގައި ކުރުމަކީ ކޮރަޕްޝަނަށް ހުޅުވިފައި ހުންނަ ދޮރެއް ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެ އެވެ. ދައުލަތުން ހަރަދުތައް ކުރާ ގޮތާ މެދު ރައްޔިތުން ފެންމަތި ކުރާ ސުވާލުތައް ލައްކަ ގިނަ އެވެ. އެ މީހުންގެ މެދުގައި ޝައްކު ކުރުން ބޮޑުވެފައި މި ވަނީ ދައުލަތުގެ ހަރަދުތައް، "ސިއްރުން" ކުރާތީ އެވެ. ފިނޭންސް މިނިސްޓްރީ އިން ދައުލަތުގެ ހަރަދުތައް ހާމަނުކޮށް ހިފަހައްޓައިގެން އުޅެން ޖެހޭ ސަބަބެއް ވިސްނާ ވިސްނާވެސް ބުއްދިއަކަށްނަ އެވެ. އަޅެ އެއްފަހަރު ވެސް ހަރަދުތައް ހާމަކޮށްލަވާށެވެ. އޭރުން ދައްކާނެ ވާހަކައެއް ނޯންނާނެ އެވެ.

"ސިޔާސީ ވާހަކައަށް ވުރެ މާބޮޑު ވާހަކައެއް އަސްލު ދައުލަތުގެ ހަރަދުތައް އާންމުންނަށް އެގިފައި ހުރުމަކީ. އޭގެން އެބަ އަންގައިދޭ އާންމު ދައުލަތް މި ދައްކާ ޓެކްސްގެ ފައިސާ މި ހަރަދު ކުރެވެނީ ރަނގަޅު ޕެޓާންގަތޯ. ނޫނީ ގޯސްކޮށްތޯ؟ ގޯސްކޮށް ދާނަމަ އެކަން ރަނގަޅު ކުރަން ފާޑުކިޔައިގެން ފުރުސަތު އެބަ ލިބޭ. އެކަމަކު ރާއްޖޭގައި އެ ފުރުސަތު އެބަ ބަންދުވޭ،" ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެފައިވެ އެވެ.

ހާމަކަމެއް ނެތް ދައުލަތަކީ ރާއްޖޭގައި މި އޮތް ކޮރަޕްޝަންގެ ބޮޑު މައްސަލަ ނައްތާނުލެވިގެން އުޅޭ މައިގަނޑު އެއް ސަބަބެވެ. އެ ފަނި އަހަރުމެންގެ ތެރެއިން ނަގައި އެއްލާ ނުލެވިގެން މި އުޅެނީ ވެސް އެ ސަބަބަކާ ހުރެ ކަމަށް ވެދާނެ އެވެ. އެންމެ ކުޑަމިނުން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އަށް ވެސް ކޮރަޕްޝަންގެ ތަހުގީގުތައް ވެސް ދެ ފުށް ފެންނަ ގޮތަކަށް ނުހިންގެ އެވެ. ފުލުހުންގެ އިދާރާގައި ވެސް މި މައްސަލަ އޮތީ ހަމަ މި އުސޫލުންނެވެ. އެންމެ ފަހުން ރައްޔިތުން އިތުބާރު ނުކުރާ ހިސާބަށް ކަންކަން ދަނީ މައުލޫމާތު ހާމަކުރަން ޖެހުމުން، ބިރުން މި އަޅައި ގަންނަ ތުރުތުރަކާ ހެދި އެވެ. ފުލުހުން ވެސް ބައެއް ފަހަރު ތަހުގީގުގެ އެންމެ ބޭސިކް މައުލޫމާތު ވެސް ހާމަ ކުރަން ޖެހިލުންވެ އެވެ.

"އަޅުގަނޑުމެންގެ މައިގަނޑު ގޮވާލުމަކީ ދައުލަތް ހިންގުމުގައި ހާމަކަން އިތުރު ކުރާށޭ. ހާމަކަމާ އެކީގައި ކުރާ ކަންކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުމަކީ ވަރަށް އުދަނގޫ ކަމެއް. ފަސާދައިގެ އަމަލުތައް ހިންގުމަށް ވަރަށް އުދަނގޫ ވެގެން ދާނެ. އެެން ނޫނީ އެދޮރު އޮންނާނީ ހުޅުވިފައި،" އައިމަން ވިދާޅެފައިވެ އެވެ.

އެއްކަމެއްގައި ވެސް ހާމަކަމެއް ނެތް

ދާދި ފަހުން އައިޖީއެމްއެޗްގައި ޒަމާނީ 25 ބްރީގެ އިމާރާތެއް އެޅުމަށް ސިންގަޕޫރު ކުންފުންޏަކާއި ހަވާލުކުރުމަށް ފިނޭންސްގެ އާ އިމާރާތް އެޅުން ވެސް މެލޭޝިޔާގެ ކުންފުންޏަކާ މުޅި ޖުމްލަ ހަތަރު ބިލިއަނެއްހާ ރުފިޔާއަށް ހަވާލު ކުރީ ހަމަ ކުއްލި އަކަށެވެ. ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ތެރެއިން ނިންމީ ކަމަށް ބުނެ އެހާ ބޮޑު މަޝްރޫއެއް އެހާ ގިނަ ފައިސާއަށް ބަޔަކާ ހަވާލު ކުރި އިރު ރައްޔިތުންނަށް އެނގުނީ އެކަން ބަޔަކާ ހަވާލު ކުރިކަން އެކަންޏެވެ. އެ މަޝްރޫއުން ހަގީގަތުގައި ރައްޔިތުންނަށް ކުރާނެ ފައިދާ އާއި ހަރަދުވާ ފައިސާއާ އެއްވަރުގެ ލުޔެއް އެކަމުން ރައްޔިތުންނަށް ލިބޭނެތޯ ބަލައި މިންކޮށްފައި އޮންނަ އެނަލިސިސްއެއްހާ ހިސާބު ވެސް ރައްޔިތުންނަކަށް ނުފެނުނެވެ. ބޭރުގެ ދެ ކުންފުންޏަކަށް މަޝްރޫއު ދިނީ ކޮން އުސޫލަކުން ކިހިނެތް ޕްރޮޕޯސަލްތައް ހޯދައިގެން ކަމެއް ވެސް ނޭނގެ އެވެ.

އެކަމަކު އެ ދެ އިމާރާތް ކޮޅަށް ޖެހުމަށް މި އަޅާލެވުނީ ރައްޔިތުންގެ ކިހާ ބައިވަރު ފައިސާއެއް ހެއްޔެވެ؟ ހެޔޮވާނީ ކިހިނެތް ހެއްޔެވެ؟ މައްސަލައެއް ނެތެވެ. އެއީ ވަރަށް ފައިދާ ހުރި ދެ މަޝްރޫއަށް ވެދާނެ އެވެ. ބަޖެޓަށް އެތައް ފަސޭހައެއް ލިބޭ ހާލުގައި އޮތް ސިއްހީ ނިޒާމު ކޮޅަށް ޖެހޭނެ ކަމަކަށް ވެސް ވެދާނެ އެވެ. އެހެންވެއްޖިއްޔާ ރައްޔިތުންނަށް އެ ދެ މަޝްރޫއުގެ ހުރިހާ މައުލޫމާތެއް ހާމަކޮށްލާށެވެ. އެހެން ނޫން ނަމަ، ޝައްކު އުފައްދާނެ އެވެ. މިހާރު ވެސް އެ ޝައްކުތައް އުފެދެނީ އެހެންވެ އެވެ.

މިސާލަކަށް ލޯނު ނަގައިގެން ހިންގައި އެތައް ބިލިއަން ރުފިޔާއެއްގެ ބްރިޖް މަޝްރޫއު ފަދަ ކަންތައްތައް ހިނގާ ގޮތާއި އެކަމަށް ހަރަދު ކުރެވޭ ފައިސާގެ ކަންކަން ދާ ގޮތް އަދި ބްރިޖް އަޅަން ކުންފުނި ހޮވި ގޮތުގެ މައުލޫމާތުތައް މިހާރަށް ވުރެ ބޮޑަށް ރައްޔިތުންނަށް ހާމަ ނުކުރެވޭ ނަމަ، ތަރައްގީގެ ޕްރޮޖެކްޓްތަކަށް ރައްޔިތުން ކުރާ އުންމީދުތައް ފަނޑުވެދާނެ އެވެ. އެފަދަ މަޝްރޫއުތަކުގެ ހަގީގީ ފައިދާއަށް ވުރެ ގެއްލުން، ބޮޑުވާ ގޮތް ދިމާވުމުގެ ފުރުސަތު ވެސް އޮވެދާނެ އެވެ. ކޮންމެހެން އެ ކަންކަމުގައި ކޮރަޕްޝަން އޮތް ވާހަކައެއް ނޫނެވެ. އެކަމުގެ މައުލޫމާތުތައް ރައްޔިތުންނަށް ހަމާކުރުމުގެ މުހިންމުކަން ބޮޑެވެ.

"ދައުލަތުގެ ހަރަދުތައް ޓްރާންސްޕޭރަންޓް ވާން އެބަ ޖެހޭ. އެހެން ނޫނީ ދައުލަތުގެ ހަރަދު ކުރުމުގެ ނިޒާމާ މެދު އާންމުންގެ އިތުބާރު ނުދެމެހެއްޓޭނެ،" ފިނޭންސް މިނިސްޓަރަކަށް އަހުމަދު އިނާޒު ހުންނެވި ދުވަސްވަރު ދައުލަތުގެ ހަރަދުތައް ހާމަކުރުމުގެ މުހިންމުކަމުގެ މައްޗަށް އޭނާ ވިދާޅުވެފައިވެ އެވެ.

އިބުރަތް ހާސިލް ކުރައްވާށެވެ؛ ރައީސް ނަޝީދު ދުވަސްވަރު ހަމައެކަނި އޮތް އިންޓަނޭޝަނަލް އެއާޕޯޓް، ޖީއެމްއާރަށް ދިނާމަ އެތައް ބަޔަކު ނިކުމެ ކޮރަޕްޝަންގެ ތުހުމަތު ކުރީ ކީއްވެ ހެއްޔެވެ؟ އެއްވެސް ކަހަލަ ހާމަކަމެއް ނެތި އަވަސް އަރުވާލައިގެން ތަބަކަކަށް ލާފައި ޖީއެމްއާރަށް އެއާޕާޓް ވެދުން ކުރީމަ އެވެ.ނަޝީދަށް ވަގަށް ގޮވީ އެހެންވެ އެވެ. ޕްރެވައިޓައިޒޭޝަންގެ ނަމުގައި ހިންގެވި، ބޮޑު ކެމްޕޭންގައި ސަރުކާރާއި ރައްޔިތުން ވެސް ހިއްސާވާ އެތައް ކުންފުންޏެއްގެ ހިއްސާތަށް އެގޮތް މިގޮތަށް ބަހާލުމުގައި ވެސް ނަޝީދަށް ވެސް ހާމަކަމެއް ނުގެންގުޅެވުނެވެ. އެހެން ވީމާ ނަޝީދުގެ ނަމުގެ ކުރިއަށް ވެސް ވަގު އެ ލަފުޒު ހަމަ އައީ އެވެ. ދެން ވެސް ވާނީ ހަމަ އެހެންނެވެ.

މިއީ ގާނޫނީ މައްސަލައެއްތަ؟

އިނގިރޭސިވިލާތާއި އެމެރިކާގައި އޮންނަ އުސޫލުގެ ދަށުން ހުދު ރައީސް އާއި އާއިލާއަށް ކުރާ ހަރަދުތަކާއި ސިޔާސީ އެކި މަގާމުތަކާއި ސިވިލް ސާވިސް އާއި އުމްރާނީ އެކި މަސައްކަތްތަކާއި ދައުލަތް ހިންގުމަށް ޓެކްސް ފައިސާ އިން ހަރަދު ކުރާ ގޮތް އާންމު ކުރެ އެވެ. މީގެ އިތުރުން އެ ރިޕޯޓްތައް އެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހަށް ކޮންމެ ކުއާޓާއެއްގައި ވެސް ފޮނުވަން ލާޒިމް ކުރެ އެވެ. ރާއްޖޭގައި މިކަންކަމަށް އެހާ ހަރުދަނާ އުސޫލުތަކެއް އަދިއެއް ނެތެވެ.

އެކަމަކު ރާއްޖޭގެ ފެންވަރުގައި އެފަދަ އުސޫލުތައް ނެތިގެން އެކަން ނުވެގެން އުޅެނީ ކަމަކަށް ނުފެނެ އެވެ. މިހާރު ވެސް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު ގާނޫނު އަސާސީ އިން ކަށަވަރުކޮށްދެ އެެވެ. އެކަމަށް ހާއްސަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ވެސް އެބަ ހުއްޓެވެ.

މައްސަލަ އަކީ މައުލޫމާތު ހާމަ ކުރުމާ އަދިވެސް ބީރަށްޓެހި ވުން ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ދެކެ އެވެ. އެއީ މުޅިދައުލަތް އެކަމާ ނުރުހޭތީ އެވެ. ކޮންމެ ޒަމާނެއްގައި ވެސް މަންޒަރު ފެންނަ ގޮތުން ރައްޔިތުންގެ މަޖިލީހުން ފަށައިގެން އައިސް ސަރުކާރާއި ކޯޓުތައް މި އޮތީ ކަންކަން ހާމަކޮށް ރައްޔިތުންނަށް ފެންނާނެހެން ރީތިކޮށް ކަންކަން ކުރުމާ މުޅިން ދެކޮޅަށެވެ. ޓްރާންސްޕޭރަންސީ އިން އައިމަން ވިދާޅުވެފައި ވަނީ ދައުލަތް އަނދިރި ކޮޓަރިއެއްގައި ފަރުދާއެއްގެ ނިވަލުގައި ހިންގަނީ ކޮންމެހެން ގާނޫނެއް ނެތިގެނެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި އެއީ ބަހަނާ އެކެވެ. އެކަން ގުޅިފައި އޮންނަނީ ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިހުލާސްތެެރި ކަމާ އެވެ. އެބޭފުޅުން އިހުލާސްތެރި ނަމަ ރަނގަޅު ހެޔޮ ނިޔަތް އޮތް ނަމަ ކަންކަން ކުރާނީ ހާމަކޮށްނެވެ. ރައްޔިތުންނަށް ވެސް ހެޔޮ ނުބައި ވަކިވާ ވަރަށެވެ.

"ދައުލަތުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރުމަށް ހުރިހާ މުއައްސަސާތަކާއި އިސްވެރިން އަމިއްލަ އަށް އިސްނަގަން ޖެހޭ. ނުހައްގުން މުއްސަދިވުން ފަދަ ކަންކަން ހުއްޓުވައި މާލީ ބަޔާން އެންމެންނަށް ފެންނާނެހެން އާއްމު ކުރައްވުން އެބަ މުހިންމުވޭ. އެކަމަކު އެކަމެއް ވެސް ނުކުރޭ. ރައްޔިތުންނަށް ހިންގާ ޑިމޮކްރެޓިކް ނިޒާމެއްގައި ކީއްވެތޯ ރައްޔިތުންނަށް، ރައްޔިތުންގެ ނިޒާމުން ކަންކަން ނޭނގެންވީ، ރައްޔިތުންގެ މަސްލަހަތުގައި އެކަން ނެތް ހާލަތެއް ފިޔަވައި؟" އައިމަން ވަނީ ވިދާޅުވެފަ އެވެ.

މި ދައުލަތް ސިއްރު ކޮޓަރިން ނެރެގެން ނޫނީ، ކޮރަޕްޝަނާއި ފަސާދައަށް މި ހުރި ދޮރުތައް ބަންދު ކުރެވޭކަށް ނެތެވެ. މައުލޫމާތު އެނގުމަކީ ރައްޔިތުންގެ ހައްގެކެވެ. އެ ހައްގުން ރައްޔިތުން މަހުރޫމު ކުރުމުގެ ބޭނުމެއް އޮތްހެނެއް ހިއެއް ނުވެ އެވެ. މުޅި ދައުލަތުގެ ބިތުފަންގި ނަގަން ވެއްޖެ އެވެ. އެކަން ކުރަންވީ ސަރުކާރުން އެކަންޏެއް ނޫނެވެ. ކޯޓުތަކާއި މަޖިލީހާއި އެހެން ވެސް މިނިވަން މުއައްސާތަކުން އެބަޔަކު އަމިއްލަ އަށް އިސްނަގައިގެން ވެސް މިކަން ކުރަން ވެއްޖެ އެވެ. ނޫނީ މި ދައުލަތަށް ރައްޔިތުން އިތުބާރު ކުރާނެ ދުވަހެއް ނާންނާނެ އެވެ. އަދި މިއުޅޭ ކޮރަޕްޝަންގެ ހުތުރު ވަބާއިން ދައުލަތް އެކީ ދޮވެ ސާފުކޮށްލެވޭނެ މި ނޫން ގޮތެއް ވެސް ނެތެވެ.