އޮފްބީޓް

ސައުދީ މީހުން އިސްރާފުކުރާ ވާހަކައަށް އާ ބޮޅެއް!

ސައުދީ އަރަބިއްޔާއަކީ މުއްސަނދި ގައުމެކެވެ. ތެޔޮގެ ނިއުމަތުގެ ސަބަބުން ދުނިޔޭގެ ވެސް އޮތް އެންމެ މުއްސަނދި ގައުމެވެ. ގައުމުގެ މަހުޖަނުން ވެސް ހަމަ އެހާމެ ގިނަ އެވެ. މަހުޖަނެއްވިޔާ ފައިސާ އޮންނާނެތާ އެވެ. ފައިސާ ގިނަވެއްޖެ ނަމަ އެއަށް ހަދާނެ ގޮތެއް ވެސް ނޭނގޭނެ އެވެ. ގިނަ ފަހަރަށް ކުރެވޭނީ އިސްރާފެވެ. މަޖަލަށް ނޫނީ ދެއްކުންތެރިކަމަށް ތަޅާ ބުރުސްސާލާނީ އެވެ.

މިއީ ސައުދީގެ މަހުޖަނަކު ކުރި ވަރަށް އަދާޔާ ހިލާފު ކަމެއްގެ ވާހަކައެކެވެ. ޒުވާން މަހުޖަނެއް ކަމަށްވާ ޓަކީ ބިން އަބްދުﷲ ގެ ޗުއްޓީގެ ވާހަކަ އެވެ. އޭނާ ޗުއްޓީ ހޭދަކޮށްލުމަށް ދިޔައީ އިނގިރޭސިވިލާތަށެވެ.

ޓަކީ ލަންޑަނަށް ދިޔުމާއެކު އެ އޮތް ތަރައްގީވެފައިވާ ލަންޑަނަށް ވެސް ބޮޑު ބަދަލެއް ގެނުވި އެވެ. "މީހެއް" އެ ސިޓީއަށް ދިޔަ ކަމުގެ އިހުސާސް އެންމެންނަށް ކުރެވުނެވެ. މަގުމަތިން ތަފާތު މަންޒަރެއް ފެނުނެވެ. ލަންޑަނުން އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. ރަތް ކުލައިގެ ބަސްތަކާއި ކަޅު ކާރުތަކުން ފުރާލާފައިވާ ލަންޑަނުގެ މަގުތަކުން އެންމެންގެ ސަމާލުކަން އަތުލައިގަތީ ޓަކީ ލަގްޒަރީ ކާރަށެވެ. އެންމެ ކާރެއް ނޫނެވެ. ހަތަރު ކާރެވެ.

ކާރުތަކަށް ސަމާލުކަން ލިބެން މެދުވެރި ސަބަބަކީ ކާރުތަކުގެ ކުލަ އެވެ. އެއީ ރަން ކުލަ އެވެ. ޝާހީ ކުލަ އެވެ. މުއްސަނދިކަން ދައްކުވައިދޭ ކުލަ އެވެ. ކާރުތަކަކީ އަގު ބޮޑެތި ކާރުތަކެކެވެ. އެ ކާރުތަކުގެ ތެރޭގައި ދުނިޔޭގައި މަޝްހޫރު ލަގްޒަރީ ކާރުތައް ކަމަށްވާ ލަންބޯގިނީ އެސްވީ އަކާއި މާސެޑްސް ޖީ63 އަކާއި ރޮލީ ރޯސްއެއް ހިމެނެ އެވެ.

ޓާކީގެ ކާރުތައް އެންމެންގެ ސާމުލަކަން ހޯދިއިރު ކާރުތައް މަގުމަތީ ޕާކްކޮށްފައި އޮއްވާ އެ ކާރުތަކުގައި މީހުން ފޮޓޯ ވެސް ނަގާފައިވެ އެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދްގެ ގަވަރުނަރުކަން ކުރައްވާފައިވާ ބޭފުޅެއް ދަރިއެއް ކަމަށްވާ ޓަކީއަކީ ޕެރިސް ފަދަ ގައުމުތަކަށް މީގެ ކުރިން ވެސް ލައްކަ "ފޮނި" ދައްކާފައިވާ ޒުވާނެކެވެ.

ސައުދީގެ "ޕްލޭބޯއީ"ގެ ނަމުން މަޝްހޫރުވެފައިވާ ޓަކީ ލަންޑަނަށް ދިޔުމަށް އެ ސިޓީއަށް ވަނީ ތޫފާނެއް އައިސްފަ އެވެ. އޭނާ ބޭނުންވި ކަންތައް މިހާރު ވަނީ ހާސިލުވެފަ އެވެ. ދައްކަން ބޭނުންވި "ފޮނި" އެވަނީ ދައްކާފަ އެވެ. ލަންޑަނުގައި އަންހެން ކުދިން ޓަކީ ހިތް ކިޔާފައިވާއިރު އޭނާގެ މުއްސަނދިކަން ފެނިފައި ދަހިވެތިނުވާ މީހެއް ވެސް ނެތެވެ.