ހަބަރު

ގޮއްމުށުގެ ބާރުގައި ނޫސްވެރިންނާ މުއާމަލާތްކޮށްގެން ނުވާނެ: ނަޝީދު

ގޮއްމުށުގެ ބާރުގައި ނޫސްވެރިންނާ މުއާމަލާތްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދު މިހެން ވިދާޅުވީ، ނޫސްވެރިންކުރި އިހުތިޖާޖަކާ ގުޅިގެން 16 ނޫސްވެރިޔަކު ހައްޔަރުކުރުމާ ގުޅިގެންނެވެ.

ލަންޑަނުގައި ހުންނަވާ ޓްވިޓަރު މެދެވެރިކޮށް ރައީސް ނަޝީދު ވިދާޅުވީ، ގޮއްމުށުން ނޫސްވެރިންނަށް މުއާމަލާތްކުރުމަކީ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށާއި، ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލަންޖެހޭ ކަމަށެވެ. ނަޝީދު ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީ އޮތީ ވަރަށް ނުބައި ފައްތަރެއްގައި ކަމަށާއި ނޫސްވެރިންނަށް މިނިވަންކަމާއެކު ނޫސްވެރިކަންކުރުމުގެ ހައްގު ދޭން ޖެހޭ ކަމަށެވެ.

ހަވީރާއި މިނިވަން ނޫސް ރާއްޖެ ޓީވީ އަދި ސަންގް ޓީވީ ހިމެނޭ ގޮތުން 16 ނޫސްވެރިން ހައްޔަރުކޮށް މިހާރު ތިބީ ފުލުހުންގެ ބަންދުގަ އެވެ. ނޫސްވެރިންގެ ބަންދަށް މުއްދަތު ޖެހުން މިރޭ ކްރިމިނަލް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.

ހަވީރު ނޫހާއި މިނިވަން ނޫހުގެ ނޫސްވެރިން އިސްނަގައިގެން ފެށި މި އިހުތިޖާޖުގައި ރާއްޖޭގެ މީޑިއާތަކުގެ ގިނަ ނޫސްވެރިން ބައިވެރިވެ އެވެ. މި އިހުތިޖާޖަކީ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ގެއްލެމުންދާ ހައްގުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އަޑުއުފުލާ ކުރި އިހުތިޖާޖެކެވެ. އިހުތިޖާޖު ފުރަތަމަ ފެށީ މީޑިއާ ކައުންސިލް ކުރިމަތިންނެވެ. އަދި އެއަށް ފަހު ނޫސްވެރިން ޝުއޫރުފާޅު ކުރަމުން ގޮސް މަޖީދީ މަގުން އަލިކިލެގެފާނު މަގުން މުލިއާގެ ކައިރިން ގޮސް ނޫސްވެރިން ވަނީ ރައީސް އޮފީސް ކުރިމައްޗަށް އެއްވެ ޝުއޫރުފާޅު ކޮށްފަ އެވެ.

ރައީސް އޮފީސް ކައިރިއަށް ނޫސްވެރިން އެއްވުމުން އެ ސަރަހައްދުން ނޫސްވެރިން ފޮނުވާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. އެގޮތުން ޕެޕާ ސްޕްރޭ ޖަހާ ނޫސްވެރިން ފަހަތަށް ޖައްސާފައިވާއިރު ސިފައިން ވެސް ވަނީ ނޫސްވެރިން ފަހަތަށް ޖެއްސުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވެފަ އެވެ.