ހަބަރު

ނޫސްވެރިންގެ "ހިތްވަރުގަދަ" މުޒާހަރާއަށް އެމްޑީޕީއިން މަރުހަބާ ކިޔައިފި

ދިވެހި ނޫސްވެރިން ރައްޔިތުންގެ ހައްގުގައި މިއަދު ކުރީ ހިއްވަރުގަދަ މުޒާހަރާއެއް ކަމަށާއި އެކަމަށް އެމްޑީޕީއިން މަރުހަބާ ކިޔާ ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ހައްގުތަށް ހިމާޔަށް ކުރަން ކަމަށް ބުނެ މިއަދު ބައެއް ނޫސްވެރިން ކުރި މުޒާހަރާއާ ގުޅިގެން އެމްޑީޕީ އިން ބޭއްވި ޕްރެސް ކޮންފަރަންސްއެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ނޫސްވެރިންނަށް ރައްކާތެރިކާއި ހިމާޔަތްތެރިކަން މިއަދުގެ ސަރުކާރަކަށް ފޯރުކޮށް ނުދެވުނު ކަމަށާއި އަދި މިހާތަނަށް ފެނިގެން ދިޔައީ ދުވަހަކަށް ވުރެއް ދުވަހެއް ނޫސްވެރިންނަށް އުނދަގޫތަށް ކުރިމަތިވަމުންދާ ކަމަށެވެ.

ޝިފާޒް ވިދާޅުވީ އެ ފިއްތުންތަކަށް ފަހު ދެން ފެނިގެން ދިޔައީ ގާނޫނަށް ބަދަލެއް ގެނެސްގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތިކޮށްލަން މަސައްކަތް ކުރިކަން ތަން ކަމަށާއި އެގޮތުން ދިވެހި ނޫސްވެރިންނަށް ޖެހުނީ ރައްޔިތުންގެ ހައްގުގައި މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ފުރާނަ އަތް މައްޗައް ލައިގެން މަގު މައްޗައް ނިކުންނަ ކަމަށެވެ.

"މިހުރިހާ ކަމަކާއި އެކީގައިވެސް ދިވެހި ނޫސްވެރިން އެކަން ކަމާއި ކުރިމަތިލާން ހިތްވަރު ނެރުއްވީތީ އެމްޑީޕީ އިން މިއަދު ދިވެހި ނޫސްވެރިނަށް އައްސަރިބަހާއި ސާބަސް ދަންނަވަން. އަދި ނޫސްވެރިގެ ހައްގުގައި ކުރެވިގެން އޮތް ހުރިހާ މަސައްކަތެއް ކޮށް ބައިނަލްލަގުވާމީ އެކި ފަރާތްތަކަށް އަންގާނަން އެފަރާތްތަކުގެ އެހީތެރިކަން ނޫސްވެރިންނަަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނަން،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ މިއަދުގެ މުޒާހަރާގައި އެތަށް ނޫސްވެރިންތަކެއް ހައްޔަރުކޮށް ގިނަ ބަޔަކަށް އަނިޔާވެފައިވާ އިރު ނޫސްވެރިންގެ ދިފާއުގައި ބްރޯޑްކާސްޓިން ކޮމިޝަންއާ މީޑިއާ ކައުންސިލުން އެއްވެސް ބަހެއް ނުބުނުމުން އެކަމާއި ހިތާމަ ކުރާ ކަމަށެވެ. މިއަދު ހައްޔަރު ކުރި 16 ނޫސްވެރިން ދޫކޮށްލުމަށް އެމްޑީޕީ އިން ވަނީ ގޮވާލާފަ އެވެ.