ޓެކްނޯލޮޖީ

ގަންނަންވީ މި ފޯނުތައް!

ދުނިޔޭގައި މިހާރު ހަލުވި ދުވެލީގައި ޓެކްނޮލޮޖީ ފެތުރެމުންދާއިރު އެ ވައިރަހުގެ އަސަރު މިއޮތީ ރާއްޖެއަށްވެސް އެންމެ ބޮޑަށް ކޮށްފަ އެވެ. ވެކްސިންތަކާއި އެންޓިބަޔޮޓިކްސް ދީގެންވެސް ރަނގަޅު ނުވާ ހިސާބަށް ގޮސްފަ އެވެ. ހުރިހާ ކަމެއް ސްމާޓް ވެފަ އެވެ. ޓީވީ ތަކާއި ކޮމްޕިއުޓަރުތައް އަދި ފޯނު ތަކެވެ. ސްމާޓް ފޯނެއް މިހާރު ނޯންނަ މީހަކު ނެތެވެ. މާމައިން ފެށިގެން ހަތް ދުވަސް ނުވާ ތުއްތު ދަރިފުޅު އަތުގައިވެސް މިހާރު މިބުނާ ޒާތުގެ ސްމާޓް ފޯނެއް އޮވެ އެވެ. މިހާ ހިސާބަށް މި ވައިރަހުގެ އަސަރުކޮށްފައިވާތީ އިވޭ އަޑަކީވެސް ސްމާޓް ފޯނާއި ބެހޭ ވާހަކަ ތަކެވެ. ފޯނު އާކޮށްލާއިރު ކޮށްލާނީ ކޮންކަހަލަ ފޯނަކަށް ކަމެއް ނޭނގެން ކުރާ މަޝްވަރާގެ އަޑަކީވެސް ނުލާހިކު ގަދަޔަށް ދައްކާ ވާހަކަ އަކަށް ވެއްޖެ އެވެ.

އަނެއްކާ މި ފޯނަކީ އެންމެ ގިނައިން އެއެއްޗަކާއެކު ވަގުތު ހޭދަކުރާ އެއްޗެކެވެ. އަނބި މީހާ ނުވަތަ ފިރި މީހާ އަށްވުރެވެސް ގިނަ ވަގުތު މި ފޯނާއެކ ހޭދަކުރެވެ އެވެ. އެހެން ވީމާ މި ފޯނަކީ ރަނގަޅު ފޯނަކަށް ވާން އެބަޖެހޭ ތާ އެވެ. އެހެންވީމަ މިކަމަށްވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާން ހިތަށް އަރާތީ މަގޭ ހިޔާލުވެސް ހިއްސާކޮށްލާނަމެވެ. މިއީ ދިރާސާއަކަށް ބިނާކޮށް ލިޔާ ލިޔުމެކެވެ.

އައި ފޯނު

އެންމެ ފުރަތަމަ މިއުޅޭ އައިފޯން ސިކްސް އެސް ނުވަތަ ސިކްސް ޕްލަސް އަށް ބަލައިލާން ހިނގާށެވެ. މިއީ ގިނަ ޒުވާނުންގެ ހިތެވެ. މީގެ ޑިޒައިނަކީވެސް ގެންގުޅެން ފަސޭހަ ގޮތަކަށް ޑިޒައިންކޮށްލާފައި އިންނަ ލޯބި ފޯނެކެވެ. ކެމެރާ އާއި އިންޓާނަލް ސްޕީޑް ހަލުވި މިނުގެ އިތުރުން މީގެ ބެޓެރީގެ ބާރުވެސް ގިނައިރު ހިފަހައްޓައިދެ އެވެ. އަނެއްކާ މީގެ ސްކްރީން އަކީ ފަސޭހަ ޓަޗް ޕެޑް އެއް އެކުލެވޭ ފޯނެކެވެ. ސްޓޯރޭޖް ސްޕޭސްވެސް އެހާ ބޮޑެވެ. އައި ފޯނަކީ މިހާރު ގިނަ ބައެއްގެ ލޯބި ލިބިފައިވާ ފޯނެއްވެސް މެ އެވެ. އަނެއްކާ އަގަކީވެސް ހަމަ އެންމެ އެކަށީގެންވާ އަގެކެވެ. ދެތިން މަހު ސޭވް ކޮށްލައިން ގަނެވިދާނެ އެވެ.


އަދި އައި ފޯނު އެސްއީ ވެސް އޮތީ އެވެ. މިއީ އަތުން ގެންގުޅެން ފަސޭހަ ސައިޒަކަށް އަދި ހެޔޮ އަގެއްގައި އެޕަލް އިން ދޫކޮށްލާ ފޯނެކެވެ. އެޕަލްގެ އެހެން ފޯނުތަކަށްވުރެ މި ފޯނުގެ އަގު ހެޔޮވާނެ އެވެ. ސައިޒު ކުޑަވިއަސް މި ފޯނުގެ ފީޗާސްތައް އައިފޯން ސިކްސް އާއި ދާދި އެއްގޮތްވާނެ އެވެ. އަދި ޑިޒައިން އައިފޯސް ފައިވް އެސް އާއި ވަރަށް އެއްގޮތް ވާނެ އެވެ. މިދިޔަ މާޗު މަހު ލޯންޗުކުރި މި ފޯނު ހެޔޮ އަގެއްގައި ރާއްޖޭގައި ފޯނު އޮޕަރޭޓުކުރާ ފަރާތްތަކުން ދޫކުރަން މިހާރު ވަނީ ނިންމާފަ އެވެ. އަދި މިފޯނު އިންސްޓޯލްމަންޓަށްވެސް ދޫކުރަން ވަނީ ނިންމާފަ އެވެ.

ސެމްސަންގު

މިއީ މިހާރު ދުނިޔޭގެ ފޯނު ބްރޭންޑްތަކުގެ ތެރެއިން އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ބްރޭންޑެވެ. މިއީވެސް އެތައް ބައެއްގެ ހިތްތަކާއި ހަމައަށް ވާސިލްވެފައިވާ ބްރޭންޑެކެވެ. އެންމެ ކުރީގައި އުޅެނީ އެސް ސެވަން އާއި އެސް ސެވަން އެޖެވެ. މިކްސް ފީޗާސް ތަކެއް ހިމެނޭ މި ފޯނަކީ ފޮޓޯ ކޮލިޓީ ރަނގަޅު ފޯނެކެވެ. އަދި ގިނައިރު ބެޓެރި ޗާޖު ހިފަހައްޓައިދޭ ރީތި ސްކްރީން އެއް އިންނަ ފޯނެކެވެ. މި ފޯނަކީ ފެން ނުވަންނަ ގޮތަށް ތައްޔާރުކޮށްފައިވާ ފޯނެއްވެސް މެ އެވެ.

އެސް ސެވަންގެ އެޖް މޮޑެލް އަކީ އޭގެ ސްކްރީން ކާވްކޮށްލާފައި އިންނަ ފޯނެކެވެ. އެސް ސެވަން އެކޭ އެއްގޮތަށް މިއީވެސް ފޮޓޯ ކޮލިޓީ ރަނގަޅު އަދި ފެން ނުވަންނަ ކަހަލަ ގޮތަކަށް ތައްޔާރުކޮށްފައިވާ ފޯނެކެވެ. އަދި މީގެ އެންމެ ހާއްސަ ކަމަކީ މިއިން ފިންގަޕްރިންޓް ސްކޭން ކޮށްލަން ފަސޭހަ ކަމެވެ. ނަމަވެސް މީގެ އެހެން ފޯނުތަކަށްވުރެ މި ފޯނުގެ ސައިޒު ބޮޑުވާނެ އެވެ. އެކަމަކު ގެންގުޅޭކަށް އުނދަގުލެއްވެސް ނުވާނެ އެވެ.

ދެން މިއޮތީ ސެމްސަންގު ނޯޓު 5 އެވެ. މިއީވެސް ގިނަބައެއްގެ ސަމާލުކަން އަތުލައިގަނެގެން އުޅޭ ފޯނެކެވެ. އެންމެ ފާހަގަ ކުރެވެނީ އޭގެ ބޮޑު ސްކްރީން އެވެ. މަޝްހޫރީވެސް އެހެންނެވެ. 5.7 އިންޗީގެ ސްކްރީނެއް މި ފޯނުގައި އިނދެ އެވެ. ބެޓެރި ލައިފާއި މީގެ ފްލުއިޑް ސްޓައިލަސް ސަޕޯޓަކީ ގިނަބަޔަކީ މި ފޯނު ހިތުން ފިލައިން ނުގޮސްގެން އުޅޭ މައިގަނޑު އެއް ސަބަބަށްވެސް މިވަނީ ވެފަ އެވެ. އަނެއްކާ މީގަ މިއިންނަ ހޭންޑް ރިޓެން ޕެން އަކީވެސް އޭގެ ވާހަކ ނުދައްކާ ދޫކޮށްގެންވާނެ އެއްޗެއް ނޫނެވެ. ކުރެހުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ވަރަށް ބޮޑު ހަދިޔާއަކަށް ވާނެ އެވެ. ފެރީގައި ނުވަތަ ބަހުގައި އިންނަ ވަގުތުތަކުގައިވެސް ފޯނުގައި އެކަމަށް ހާއްސަ އެޕް ބޭނުންކޮށްގެން ހިޔާލުގައި ކުރެހިފައި ހުރި މަންޒަރުތައް ލޯ މައްޗަށް ގެނެވޭނެ އެވެ.

ވަން ޕްލަސް ޓޫ

މިއީވެސް ނިކަން ފައްކާ ފޯނެކެވެ. ޗައިނާގެ ކުންފުންޏަކުން ބާޒާރަށް ނެރެގެން އުޅޭ ފޯނެކެވެ. މި ފޯނު މަޝްހޫރުވެފައިވަނީ "ފްލެގްޝިޕް ކިލާސް" ގެ ނަމުންނެވެ. މަޝްހޫރު އެޕަލް ކުންފުނީގެ ފޯނުތަކާއި، ސެމްސަންގު އަދި އެލްޖީ ބްރޭންޑުގެ ފޯނުތަކާއި ވަން ޕްލަސް ޓޫ މިއަދު އަންނަނީ އަރާ ފައި ހަމަކުރަމުންނެވެ. ފޯނުގެ ފީޗާސް ތައްވެސް މި ފޯނުތަކަށް ދުލެއް ނުކުރެ އެވެ. ޑިޒައިނާއި ފޯނުގެ ބެޓެރި އަދި ސްޓޯރޭޖް އެންޑްރޮއިޑް ފޯނުތަކަށް ދޫނުކުރެ އެވެ. މީގެ ކެމެރާއަކީ 13 މެގަޕިކްސެލްގެ ކެމެރާއެކެވެ. ފޮޓޯ އާއި ވީޑިއޯގެ ކޮލިޓީ ރަނގަޅުވާނެ ކަމާމެދު ޝައްކެތް ނެތެވެ.