ހަބަރު

ޔުމްނާ އިސްތިއުފާ ދެއްވުމުން މަހުލޫފު މަރުހަބާ ކިޔައިފި

އެޑިއުކޭޝަން މިނިސްޓްރީގެ ނައިބުގެ މަގާމުން ޔުމްނާ މައުމޫން އިސްތިއުފާ ދެއްވުމާ ގުޅިގެން ޕީޕީއެމްގެ ކުރީގެ މެންބަރު އަހުމަދު މަހުލޫފް މަރުހަބާ ކިޔައިފި އެވެ. ޔުމްނާ އެ މަގާމުން އިސްތިއުފާ ދެއްވާ، ރައީސް އޮފީހަށް މިއަދު ވަނީ ސިޓީ ފޮނުއްވާފަ އެވެ.

އެ ސިޓީއާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވީ، ޔުމްނާ އިސްތިއުފާ ދެއްވާ ފޮނުވި ސިޓީގައި އިސްތިއުފާ ދެއްވަނީ އަމިއްލަ ސަބަބުތަކާހުރެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

މިއަދު މަޖިލިސް ކުރިމަތީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިހާރު އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު މަހުލޫފް ވިދާޅުވީ، މިހާރު ރާއްޖޭގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައި ކަމަށާއި، މިފަދަ ދަނޑިވަޅެއްގައި ސަރުކާރުގެ މަގާމެއް ދޫކުރައްވާ ޔުމްނާ ނިކުމެވަޑައިގަތުމަކީ ރައްޔިތުން ވިސްނަންޖެހޭނެ ކަމެއް ކަމަށެވެ.

"މިފަދަ ނިންމުމެއް ޔުމްނާ ނިންމެވީތީ އަޅުގަނޑު އެކަމަށް ޔުމްނާއަށް ޝުކުރު އަދާކުރަން ބޭނުން، މިއަދު ގައުމު ވެއްޓިފައިމިވާ އަނދަވަޅުން ސަލާމަތްކުރުމަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް މައުމޫނަށް ވަރަށް ބޮޑު ދައުރެއް އަދާކުރެވޭނެ،" މަހުލޫފް ވިދާޅުވި އެވެ.

ރައީސް މައުމޫންއާއެކު ގިނަ މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން މަހުލޫފް ވިދާޅުވީ، މިއަދު ގައުމު އޮތް ހާލަތަކީ ރައީސް ޔާމީން ދޫކުރައްވާ ރައީސް މައުމޫން ނިމެވަޑައިގަންނަން ޖެހިފައިވާ ވަގުތު ކަމަށެވެ.

"ރައީސް މައުމޫން އާއި ރައީސް ނަޝީދާއި ގާސިމް އިބްރާހިމް ފަދަ ރައްޔިތުންގެ ތާއިދު ލިބިފައިވާ ބޭފުޅުން ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އެބަޖެހޭ، ރައްޔިތުންގެ މައްސަލަތައް ނިންމޭނީ ރައްޔިތުންގެ ތާއިދު ލިބިފައިވާ ބަޔަކަށް، އެހެންކަމުން މިފަދަ ބޭފުޅުން އެބަޖެހޭ މިކަންކަން ހައްލުކުރަން، ޒާތީ ކަންކަން އެއްކިބާކޮށް ގައުމާގެން ކުރިއަށްދާން އެބަޖެހޭ،" މަހުލޫފް ވިދާޅުވި އެވެ.