ދިވެހި މީޑިއާ

އެންމެންގެ ފޭވަރިޓަކީ މަރީ، ކަޓުވާލީވެސް މަރީ!

  • ނަތީޖާ އަންފެއާ، އެކަމަކު ގަބޫލުކުރަން: މަރީ
  • މިއީ މީޑިއާ ނުރައްކަލަށް ހުށަހެޅުން: އިންތި
  • ތައުލީމަށްވުރެ ބޮޑަށް މުހިންމީ އިތުބާރު: ރިޔާޒު

މި ވާހަކަ ފަށަންވީ ކިހިނަކުން ހެއްޔެވެ؟ މަޝްހޫރު ޓީވީ ޕާސަނާލިޓީ މަރިޔަމް ވަހީދާ، ބްރޯޑްކާސްޓިން ކޮމިޝަނަށް ނުހޮވިގެން އެކަމާ ރުޅިގަދަވެ، ޖަޒުބާތުތަކުން ސަރުކާރަށް ތީރު އުކަމުން ގެންދާ މީހުންނާ ހަމައިން ހެއްޔެވެ؟ އެ ފަރާތްތަކުން ބުނާ ގޮތުން ނަމަ ބްރޯޑްކާސްޓިން ކޮމިޝަނުގެ އާ ދައުރާއެކު މިނިވަން ނޫސްވެރިކަމުގައި އަނދަގޮނޑި ޖެހީ އެވެ.

ސަބަބަކީ މީޑިއާތައް ރެގިއުލޭޓްކުރުމަށް އޮތް އެންމެ ބާރުގަދަ މަޖިލީހަށް، ސަރުކާރު ހިންގާ ޕީޕީއެމްގެ ވަފާތެރިންނާއި ހިދުމަތްތެރިންނާއި ނުވިތާކަށް ލޯބިވެރިން ވެސް ހޮވާފައިވާތީ އެވެ. އެންމެން ވެސް ކިޔަނީ މިހެންނެވެ. -- އަސުރުމަލެއްގެ މިނިވަންކަމަށް ނޫސްވެރިކަން ތިރިވެއްޖެ ކަމަށެވެ.

އެކަމަކު މިހުރިހާ ވާހަކައެއް އިހަށް އެއްފަރާތްކޮށްލާފައި، ބްރޯޑްކާސްޓިން ކޮމިޝަނުގެ ރޭހުގައި އެންމެ މަތިން މާކްސް ހޯއްދެވި މަޝްހޫރު އަދި އެހާމެ މަގްބޫލު މޫނުކަމުގައިވާ މަރިޔަމް ވަހީދާގެ ހިޔާލާއި ޖަޒުބާތުތައް ހުރި ހިސާބެއް ވެސް ބަލައިލަމާ ހިނގާށެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ މިހާރުގެ ރައީސް، މުހައްމަދު ޝަހީބު ވެސް ފަހަތަށް ޖައްސަވާލެއްވުމަށް ފަހު މަރިޔަމް ވަހީދާ މި ރޭހެއްގެ ކުރި ހޯއްދެވީ 81.3 ޕަސެންޓް މާކްސްއާ އެކުގަ އެވެ.

ހަގީގަތުގައި ވެސް ފިނިފެންމަލުން ތައުރީފު އެއްލާވަރުގެ ކަމެކެވެ. އެހެން ނަމަވެސް ވޯޓުން ތަޅައި ބޭރުކޮށްލެއްވީ އެވެ!

އަވަސް އަށް އިއްޔެ ދިން އިންޓަވިއުއެއްގައި މަރިޔަމް ވަހީދާ ވިދާޅުވީ، ނުހޮވިދާނެ ކަމުގެ އިހްސާސެއް ކުރެވިފައި އޮތް ނަމަވެސް ކޮމިޓީގައި މާކްސް ލިބިވަޑައިގެންނެވި ގޮތުން މަޖިލީހުގެ ތަޅަމުގައި ވެސް ނަން ފާސްވާނެ ކަމަށް އުއްމީދުކުރެވުނު ކަމަށެވެ. ބްރޯޑްކާސްޓިންގެ ދާއިރާގައި ހިދުމަތްކުރެއްވުމުގެ ރޮނގުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުން ގައުމީ އެވޯޑް އެރުއްވި މަރިޔަމް ވަހީދާގެ ނަން މަޖިލީހުން ބޭރުކޮށްލީ 46 މެމްބަރުންގެ ވޯޓުންނެވެ.

އަންފެއާ ރިޒަލްޓެއް، އެކަމަކު ރެސްޕެކްޓްކުރަން!

"ދެން އަނެއްކާ ކޮމިޓީއަށް (ނަން) ގޮސްފަ، ކޮމިޓީގެ މާކްސް ލިބުނީމަ އަދި އެއަށް ވުރެ ތަންކޮޅެއް އެންކަރޭޖުވި. އެކަމަކު އަސްލު ޕާޓީ ލައިނުން ދާ އެއްޗެއްކަން މީގެ ކުރީގެ ކޮމިޝަންތަކަށް ބަލައިލިޔަސް އެނގޭ. ފެންނަން ހުރީ މިސާލަކަށް ރައީސް ފޮނުއްވާ ނަންފުޅުތައް ހޮވިފައި،" މަރިޔަމް ވަހީދާ ވިދާޅުވީ މިހެންނެވެ.

"އައި ރެސްޕެކްޓް ދަ ޑިޒިޝަން. އެކަމަކު މެރިޓަށް ބޭސްކޮށްފައި ހަދާ އެއްޗެއްގައި އެހާ ބޮޑު އަސާސެއް ނެތް ނަންތަކެއް ފޮނުއްވައިގެން އެކަން ކުރުމުގެ. އެއީ ދެން އަޅުގަނޑު ބުނެލަން ބޭނުންވާ އެއްޗަކީ."

އޭނާ ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލެއްވި ނިންމެވުމަކީ އޭނާގެ ދިގު ކެރިއަރުގައި އެފަދަ ކަމަކަށް އަމިއްލަ އަށް ފާޅުކުރެއްވި ފުރަތަމަ ޝައުގުވެރިކަން ކަމަށެވެ. އަދި އޭނާގެ މި ޝައުގުވެރިކަމުގެ ފަހަތުގައި އޮތީ ޕެޝަން އާއި އާ ބަދަލުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެން ވެސް ބުނޭ ތިއީ ވަރަށް ސިޔާސީ ކަމެއް ނޫންހެއްޔޭ. އެކަމަކު އަޅުގަނޑު ހިތަށް އެރީ މި ޗޭންޖެއް އެބަ ގެންނަން ޖެހެއޭ. ޓްރައިކޮށްލުމަކީ ގޯހެއް ނޫނޭ. އޭގެ ސަބަބުން އިންޑިޕެންޑެންޓް އިންސްޓިޓިއުޝަނަކަށް ކިޔަފާތިބި އަދި ކިޔަވާފަނެތަސް ތަޖުރިބާކާރު މީހުން ވެސް ލުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށް އުއްމީދުކުރަން،" ފޯނުން ވާހަކަ ދައްކަމުން މަރިޔަމް ވަހީދާ ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދުކުރަނީ ރާއްޖޭގައި ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑުމެން ގޮތަށް ހަމަ ކިޔަވައިގެން، ނިއުޓްރަލްކޮށް، މި ބުނީ ވަކި ޕާޓީއަކަށް ނިސްބަތްނުވެ އުޅޭ މީހުންނަށް ވެސް ފުރުސަތު އޮންނާނެ ކަމަށް."

ސިޔާސީވެގެން އަގުވެއްޓެން ބޭނުމެއް ނުވީ!

މަރިޔަމް ވަހީދާ ވިދާޅުވަނީ ސިޔާސީ ގޮތުން ވަކި ކޮޅެއް އިހްތިޔާރުކޮށްގެން އެފަދަ މަގާމަކަށް ވަޑައިގެންނެވުމުގެ ވިސްނުމެއް ނެތް ކަމަށާއި އާންމުންގެ މެދުގައި އޭނާ އަށް ލިބިފައިވާ އިހްތިރާމާއި ލޯބި އެއަށް ވުރެ މާ މުހިންމު ކަމަށެވެ.

"ވަރަށް އުފާވޭ. އަޅުގަނޑަށް އެނގޭ އަޅުގަނޑަށް އޮތް ލަވް އާއި ރެސްޕެކްޓް. އައި މީން އީވެން ތުރޫ މީޑިއާ ދޭއި ހޭވް އެކްސެޕްޓެޑް މީ. ދެޓް އިޒް ދަ މޯސްޓް ކްރެޑިބްލް ތިންގް އަ ހިއުމަން ބީން ކޭން ހޭވް. ވިން ކުރަން ވެސް ބޮޑު އެއްޗެއް ކްރެޑިބިލިޓީއަކީ. އެހެންވީމަ އަޅުގަނޑު ބޭނުންނުވަނީ އަޅުގަނޑުގެ ކްރެޑިބިލިޓީ ވެސް ގެއްލޭކަށް ވަކި ޕާޓީއަކަށް ސަޕޯޓްކޮށްގެން،" ވަހީދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީގެ ނުފޫޒާ އެކު މިފަދަ މަގާމުތައް ވިއްކުގެ ސަގާފަތެއް އޮތީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށާއި މިއީ މުޅި ދުނިޔޭގައި ވެސް އޮތް އާދައެއް ކަމަށްވީއިރު އޭނާގެ ހުވަފެނަކީ މިނުބައި އާދަ ރަނގަޅުކޮށް އިސްލާހުކުރުވުން ކަމަށެވެ. އަދި އެ ރޫހުގައި ނުކުމެ ވަޑައިގެން ކޮމިޝަނަށް ހޮވިވަޑައިގެންނެވި ނަމަ އެފަދަ ބަދަލަކަށް ހިތްވަރު ދެއްވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ފީލްވި އައި ކުޑް ހޭވް މޭޑް އަ ޑިފަރެންސް. މިސާލަކަށް ފުރުސަތު ދިން ނަމަ. ދެން ކުރީގެ ބޯޑްތަކުގައި ތިއްބެ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ވޯކްކުރާ ގޮތް. އެކަމަކު އައި ރެސްޕެކްޓް ދެޓް ޑިޒިޝަން. ބަޓް އައި ތިންކް އިޓްސް އަންފެއާކަން ނޭނގެ އެގޮތަށް ކޮންމެ ކޮމިޝަނަކަށް އެގޮތަށް އެމީހުންގެ މީހުންތަކެއްލުން،" މީޑިއާގެ ދާއިރާގައި މެދުކެނޑުމެއް ނެތި މަސައްކަތްކުރައްވާތާ 18 އަހަރުވެފައިވާ ވަހީދާ ވިދާޅުވި އެވެ.

"އެކަން ބަދަލުވާން އެބަޖެހޭ. އެކަމަކު ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް ޕޮލިޓިކްސްގެ ސައިޑަށް ވަދެގެން މި އަންނަނީ މިތަންތަނަށް ވަދެވެން. އޭތި ޗޭންޖުކުރަން އަޅުގަނޑުމެން ބޭނުންވަނީ"

"އަޅުގަނޑަކަށް މިއީ އެންޑް އޮފް ދަ ރޯޑްއެއް ނޫން."

އެންމެ ކޮލިފައިޑް މީހާ ކަޓުވާލުމަކީ ލަދުވެތިކަމެއް!

މަރިޔަމް ވަހީދާ ވިދާޅުވީ އެއީ އަންފެއާ ރިޒަލްޓެކޭ އެވެ. އޭނާގެ ނަން އިވެލުއޭޓްކުރި މަޖިލީހުގެ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި އިދިކޮޅު އެމްޑީޕީގެ މެމްބަރު، މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވަނީ މިއީ ލަދުވެތިވި ނަތީޖާއެއް ކަމަށެވެ.

"ވަރަށް ހިތާމަހުރި ކަމެއްގެ ގޮތުގައި އަޅުގަނޑުމެން މިކަން ފާހަގަކުރަނީ. އަޅުގަނޑު ދެކޭ ގޮތުގައި މަރިޔަމް ވަހީދާ އަކީ އެތަނަށް ކުރިމަތިލެއްވި އެންމެ ކޮލިފައިޑް، އެންމެ ޓޮޕްގައި އުޅުއްވަން ޖެހޭ ބޭފުޅެއް،" ފޯނުން ވާހަކަ ދައްކަމުން އިންތި ވިދާޅުވި އެވެ.

"މަރިޔަމް ވަހީދާ އަށް އެންމެ މަތީން މާކްސް ލިބިވަޑައިގެންފައި ވަނިކޮށް މިހެން ހެއްދެވުމަކީ ވަރަށް ލަދުވެތިކަމެއް. ވަރަށް ބޮޑު ލަދުވެތިކަމެއް. އަދި މީޑިއާގެ މިނިވަންކަމަށް ވެސް ވަރަށް ބޮޑު ތްރެޓެއްކަމަށް އަޅުގަނޑަށް ފެނޭ. އެއީ ކޮލިފައިޓް މީހުން ނުލައި އަންކޮލިފައިޑް މީހުން މީޑިއާގެ ކަންތައް ބަލަހައްޓަންލުން."

"ގާނޫނުގައި ވެސް ބަޔާންކުރޭ ސިޔާސީކޮޅުތައް ނަގައިގެން އުޅޭ މީހަކަށް ނޫނޭ ވާން ޖެހޭނީ ކޮމިޝަންގެ މެމްބަރުން. ހޮވާފައިވާ މީހުންގެ ތެރޭގައި އެބަތިބި ސިޔާސީ ގޮތުން ވަކިކޮޅެއް ނަގައިގެން އުޅޭ ކަމަށް ވަރަށް ބޮޑަށް ފާޅުވާ މީހުން."

އިންތި ވިދާޅުވީ ރައީސް ނަންތައް ފޮނުއްވިއިރު މިނިވަން ހިޔާލުގެ ބޭފުޅުންނަށާއި ތައުލީމީ ގޮތުން ގާބިލު ބޭފުޅުންނަށް އެއްވެސް ކަހަލަ ސަމާލުކަމެއް ދެއްވާފައިނުވާކަން ފާހަގަކޮށްލެވުނު ކަމަށެވެ.

"ލިސްޓް ފޮނުއްވިއިރު، މިކަމަށް ގާބިލު، ހައިލީ ކޮލިފައިޑް ޕޮލިޓިކަލީ ސައިޑް ނަގައިގެން ނޫޅޭ ކަހަލަ މީހުން ތިބީ އެންމެ ދަށަށް ލާފައި. ދެން ހުށަހަޅުއްވާފައި ވަނީ ޕީޕީއެމްގެ އެކި ހަރަކާތްތަކުގަ އާއި މަހާސިންތާގައި އުޅުއްވާ އެކި ކަހަލަ ކުދިންތައް،" އިންތި ވިދާޅުވި އެވެ.

އެކްޓިވިސްޓުންނަށް މަގާމު ދިނުމުގެ ސަގާފަތް ގެންނެވީ ނަޝީދު!

ހައިލީ ކޮލިފައިޑް މަރިޔަމް ވަހީދާ ބްރޯޑްކާސްޓިން ކޮމިޝަންގެ ރޭހުން ކަޓުވާލާފައި އެ މަގާމަށް ޕީޕީއެމްގެ ވަފާތެރިންތަކެއް ހޮވި ކަމަށް އިދިކޮޅު އެމްޑީޕީ އިން ތުހުމަތުކުރާއިރު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން އެއަށް ދޭން އޮތް ރައްދަކީ މިއީ އެވެ. ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރިޔާޒު ރަޝީދު ވިދާޅުވީ ކުށްވެރިޔަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

"ތަންތަނަށް އެކްޓިވިސްޓުން ލުމުގެ ސަގާފަތަކީ މިހާރު އައިސްގެން އުޅޭ ކަމެއް ނޫން. ނަޝީދު މިކަން ފެއްޓެވި ހިސާބުން މިކަމެއް ނުހުއްޓިގެން މިއަދާ ހަމަޔަށް ވެސް މި އުޅެނީ. އެހެން ވީމާ މި ސަރުކާރަށް ވެސް އެގޮތަށް މި ވަނީ. ވެރިކަމެއް ހޯދަ ދޭން އުޅޭ ބަޔަކަށް ނޫނީ އެކްޓިވިސްޓުންނަށް މަގާމުތައް ވެސް ދޭން ޖެހިފައި މި އޮންނަނީ،" ރިޔާޒު ވިދާޅުވި އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ "މީހުން ތަންތަނަށް ހަމަޖައްސާ ވަކިކުރުމުގައި ބެލެވެނީ ތައުލީމަށް ވުރެ ބޮޑަށް އިތުބާރަށް" ކަމަށާއި ވަހީދާ އަށް ރުހުން ނުދިނީ އެކަމަނާ އަށް އިތުބާރުނުކުރެއްވޭތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"މަޖިލީހުގެ ތަޅުމުގައި ވޯޓު ދޭ އިރު މި ބެލެނީ މަޖިލީހުގެ މެންބަރުންނަށް އިތުބާރު ކުރެވޭ ބަޔަކަށް ވޯޓު ދިނުމަށް. މަޖިލީހުގެ މެޖޯރިޓީ މިއަދު އޮތް ގޮތުން، ޕީޕީއެމްގެ މެޖޯރިޓީ އޮތީ ޕީޕީއެމްގެ މެންބަރުންނަށް އިތުބާރު ކުރެއްވޭ ބޭފުޅުންނަށް އެބޭފުޅުން ވޯޓުދެއްވައިގެން ކޮމިޝަންގެ މެންބަރުން މި ހޮވީ،" އަބަދުވެސް ވޯޓް ދެއްވަނީ ތްރީލައިން ވިޕަށް ތަބާވެގެން ކަމަށާއި މިއަދު ވެސް ވޯޓް ދެއްވީ އެ އުސޫލުން ކަމަށް ވިދާޅުވެ ރިޔާޒު އޮޅުންފިލުވައި ދެއްވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ހައިލީ ކޮލިފައިޑް ބޭފުޅުންނަށް އެމްޑީޕީގެ އިތުބާރެއް ވެސް ނެތް ކަމަށެވެ. އަދި ކިޔަވައިގެން އަންނަ މީހުންގެ އަގު ވެއްޓެނީ އެފަދަ ފަރާތްތަކުގެ ދަށުދަރަޖައިގެ އަމަލުތަކާ ހެދި ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެން އެކަން ވާން ޖެހެނީ ވެސް ކިޔަވައިގެން ތިބި މީހުންނަށް ދަށުދަރަޖައިގެ އަމަލުތަކެއް ކުރާތީ. އެމްޑީޕީ އިން ކީއްވެތޯ ޕީޖީ މުއިއްޒު ބޭރު ކުރީ؟ ތަޖުރިބާ ނެތިގެންތޯ ތައުލީމެއް ނެތިގެންތޯ؟ އޭރު އިތުބާރު ނުކުރެވުނީ އެބޭފުޅާއަށް! އޭރު މެޖޯރިޓީ އޮތީ އެމްޑީޕީއަށް. އެބޭފުޅުން ވޯޓުދެއްވީ. ދެން ކޮން ތައުލީމުގެ ވާހަކައެއްތޯ މި ދައްކަވަނީ؟،" ރިޔާޒު ސުވާލުކުރެއްވި އެވެ.

"ހަމަ މިގޮތަށް އޭރު އެމްޑީޕީ މެޖޯރިޓީ އޮތް އިރު އެމްބީސީއަށް އިބްރާހިމް ހަލީލް ކުރިމަތިލެއްވީމާ އެބޭފުޅުން އޭނާގެ ނަން ފެއިލްކޮށްލީ. ތަޖުރިބާ ނެތިގެންތޯ؟ ބްރޮޑްކާސްޓިން ދާއިރާގައި އެބޭފުޅާ ނޫޅުއްވާތީތޯ؟"

އެ ވޯޓުން މީޑިއާގައި ތަޅުއެޅުވީތަ؟

ރިޔާޒު ރަޝީދު އެއްގޮތަކަށް ވެސް މި ވާހަކަ ގަބޫލެއް ނުކުރައްވަ އެވެ. އެހެން ނަމަވެސް އިދިކޮޅު މެމްބަރު އިންތިގެ ހިޔާލުގައި އިއްޔެ އެ ފާސްކުރި ނަންތަކާ އެކު މިނިވަން މީޑިއާތަކުގެ ދުވަސްދިޔައީ އެވެ.

"ސަރުކާރުން ބުނާ ގޮތަކަށް އަމަލުކުރާތަނަކަށް ބްރޯޑްކާސްޓިން ކޮމިޝަންވެއްޖެ ނަމަ ޕްރައިވެޓް މީޑިއާތަކަށް ތްރެޓް އަތުވެދާނެ. އެމީހުންގެ ލައިސަންސް ބާތިލުކުރުމާއި ސަސްޕެންޑްކުރުމާއި ޖޫރިމަނާކުރުން ފަދަ މައްސަލަތަކާ އެކު މިނިވަންކަމަށް ވަރަށް ބޮޑު ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އިންތި ވިދާޅުވި އެވެ.

ޕީޕީއެމް އަދި ރިޔާޒުގެ ހިޔާލަކީ ކޮބައިތޯ އެވެ؟

"ކޮމިޝަނަކަށް މެންބަރުން އައްޔަން ކުރާ ހިސާބުން ރައީސް ނޫނީ އަޅުގަނޑުމެން އެބޭފުޅުންނަށް ގުޅާ މިހެން ހަދާ އެހެން ހަދާ ނުބުނާނެ. އެއީ އެބޭފުޅުންގެ މެންޑޭޓް އޮވޭ ގާނޫނުގައި ލިޔެފައި. އެހެން ވީމާ މިފަހަރު މި ހޮވުނު ބޭފުޅުން ވެސް އެބޭފުޅުންގެ ގާނޫނުގައި އޮންނަ ގޮތަށް ނުފޫޒެއް ނެތި މަސައްކަތް ކުރައްވާކަން ސާބިތުކޮށްދިނުން އުންމީދަކީ. އެގޮތަށް އަޅުގަނޑު ދެކެނީ ވެސް،" އެ ބޭފުޅާ ވިދާޅުވީ މިހެންނެވެ.

އެއަށް ފަހު ވިދާޅުވީ ރައީސް ޔާމީން ދުވަހަކު ވެސް މީޑިއާއަކަށް އިންޒާރެއް ނުދެއްވާ ކަމަށެވެ.

"ރައީސް ދުވަހަކު ވެސް މީޑިއާއަކަށް އިންޒާރެއް ނުދެއްވާ. މީޑިއާތައް މި ހިންގަނީ އަމިއްލަ ފަރާތްތައް. މީޑިއާގެ މިނިވަަންކަން އޮތީމަ ނޫންތޯ ދުވާލު ދެ ދަޅައަށް ރައީސުލްޖުމްހޫރިއްޔާއަށާއި މެޑަމް ފާތުންނަށް އަށް ވަގަށް މި ގޮވަނީ ބައެއް މީޑިއާތަކުން. ދެން އެ މީޑިއާއަކުން ދޯ އެ މީޑިއާއެއްގެ ޕޮލިސީ ކަނޑައަޅަނީ. ރައީސް އާއި މެޑަމްތޯ އެކަން ކުރަނީ،" ރިޔާޒު ރަޝީދު ވިދާޅުވި އެވެ.