ދިވެހި މީޑިއާ

ނުރައްކާތެރި ކުށްވެރިންގެ ދަރަޖައަށް ނޫސްވެރިން ވައްޓާލީތަ؟

ގަބޫލުކުރަން ކިތަންމެ ދައްޗަސް، ނޫސްވެރިންގެ ގިނަ އަދަދެއްގެ ބަޔަކު މިދިއަ ހޮނިހިރު ދުވަހު ހައްޔަރުކޮށް ބަންދުކުރި މައްސަލަ ހަމަޖައްސައިދޭން ފުލުހުން ދެއްކި ވާހަކަ ގާތްގަނޑަކަށް ތަރުޖަމާވެގެން އަންނަނީ މި ރާގުގަ އެވެ. މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ 16 ނޫސްވެރިޔަކު ހައްޔަރުކޮށް ބަންދުކޮށްލީ އެވެ.

އެކަމަކު ސުވާލަކީ، އެގޮތަށް ގޮސް، ރަޔަޓު ގިޔަރުގައި ހިފައި ހައްޔަރުކޮށް، އުފުރާލަން ޖެހޭ ބަޔަކީ މުޖުތަމައުގެ ހަލަބޮލިކަމުގެ ޚަބަރާއި މައުލޫމާތު އާންމުންނާ ހަމަ އަށް ގެނެސްދޭން ތިބި ނޫސްވެރިން ހެއްޔެވެ؟ ރަނގަޅު ވާހަކައެކެވެ. ނޫސްވެރިޔަކަށް ވިޔަސް ގަވާއިދާއި ގާނޫނުތަކާ ހިލާފަށް އުޅެ ގައުމު ނުރައްކަލެއްގެ ތެރެއަށް ވައްޓާލަން މަސައްކަތްކުރާ ނަމަ ނުވަތަ އެފަދަ ނުރައްކާތެރި ބައިގަނޑަކަށް ނޫސްވެރިން ވެއްޖެ ނަމަ ފިޔަވަޅު އަޅަން ޖެހޭނެ އެވެ.

އެހެން ނަމަވެސް ފެނިގެން އެ ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ރާއްޖޭގައި މި އުޅެނީ ބަޔަކު މީހުން ނުވަތަ ނުރައްކާތެރި ގޭންގަކަށް ނިސްބަތްވާ ބަޔަކު ދުރާލާ ރާވައިގެން ގޮސް ނޫސްވެރިޔަކު ވަގަށް ނަގައި ގެއްލުވާލައިފަ އެވެ. ނޫސްވެރިންގެ މަސައްކަތުގެ މާހައުލުގައި ހަގީގީ ބިރުވެރިކަމެއް ކޮންމެވެސް ދަރަޖައެއްގައި އެބައޮތެވެ.

އަނެއްކޮޅުން ރާއްޖޭގެ އެންމެ ދުވަސްވީ ނޫސް، ހަވީރު، ހުއްޓުމަކަށް އައިސްގެން އެތަނުގެ ހަތްދިހަ އެތައް މުވައްޒަފުންނާއި ނޫސްވެރިން އެތިބީ ގާތްގަނޑަކަށް މަގުމަތިވެފަ އެވެ. މި ހުރިހާ މައްސަލަތަކެއްގެ ތެރެއިން އުފެދުނު ޖަޒުބާތުތަކެއްގައި ޖެހިގެން ނޫސްވެރިން އިއްޔެ ނުކުތީ އެމީހުންގެ ހިތުގެ އެންމެ ފުންމިނުން އެ ވާހަކަ ރަސްމީ މޭޒަކަށް ބަންޑުންކޮށްލާށެވެ.

އެއްގޮތަކަށް ވެސް ނޫސްވެރިން ގްރޫޕު ހަދާލައިގެން ސަރުކާރާ ނުވަތަ ގައުމުގެ ސަލާމަތީ ބާރުތަކާ ދިމާކޮށްލީކީއެއް ނޫނެވެ. އެކަން ކުރަން ބޭނުން ނަމަ ކޮންމެ ނޫސްވެރިއެއްގެ އަތުގައި ކަނޑިއަކަށްވުރެ ތޫނު ހަތިޔާރެއް ވެސް އެބައޮތެވެ. ދަންނަވަން މި އުޅޭ ވާހަކަ އަކީ މުޖުތަމައުގެ ރައްކާތެރިކަމާއި ސަލާމަތަށް ނޫސްވެރިން ހިފައި ހައްޔަރުކުރި ކަމަށް ބުނާއިރު އެފަދަ ހަގީގީ ސަބަބެއް މި މައްސަލައިގައި ނެތްކަމެވެ.

އެކަމަކު އާޚިރުގައި މި ހުރިހާ ކަމެއް ނިމިގެން މިދިޔައީ ނޫސްވެރިންހާ ނުބައިނުލަފާ ބަޔަކު ނެތް ކަމަށް ވެގެނެވެ. ނޫސްވެރިން ހައްޔަރުކުރަން ފުލުހުން ދެއްކި އުޒުރަށް ބަލާ ނަމަ ނޫސްވެރިން މިވީ ގައުމުގެ އެންމެ ނުރައްކާތެރި "ގޭންގްސްޓާރުންނަށެވެ." މާނައަކީ، ނޫސްވެރިންގެ މުޒާހަރާއެއްގެ އަހުލާގު އަދި ހާލަތު ސިފަކުރުމަށް ފުލުހުން ބޭނުންކުރި އިބާރާތުގެ ސަބަބުން ކުށްވެރިންގެ ދަރަޖަ އަށް ނޫސްވެރިން ވެއްޓިގެންގޮސްފައިވާ ވާހަކަ އެވެ.

ހާލަތާ ނުގުޅޭ ބާރު ބޭނުންކުރެވުނުތަ؟

ނޫސްވެރިންގެ ބެލެނިވެރިއެއްގެ ގޮތުގައި އޮތް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް މުހައްމަދު އާސިފް އިއްޔެ ވިދާޅުވީ ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކޮށްފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު ފުލުހުން ހިންގާ ހަރަކާތްތަކުގެ ހަގީގަތް ކިޔައިދޭން އެންމެ ރަނގަޅުވާނެ ބަޔަކީ ފުލުހުން ކަމަށްވެފައި އެމީހުން ބުނާ ވާހަކަ އަކީ ކޮބައިތޯ ވެސް ބަލައިލަން ޖެހެ އެވެ.

ފުލުހުން ބުނެފައި ވަނީ ނޫސްވެރިންގެ ބަޔަކު އެއްވި މުޒާހަރާ ރޫޅާލަން ބޭނުންކޮށްފައި "އެންމެ ކުޑަ މިންވަރުގެ ބާރު" ކަމަށެވެ. އަދި އެއީ ނޫސްވެރިންގެ ޕްރޮފެޝަނަލް މިންގަނޑުތަކާ ހިލާފަށް ގަވާއިދާ ގާނޫނުތަކުގެ އިމުގެ ބޭރުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. މާނަ އަކީ، އެފަދަ ހާލަތެއްގައި ނޫސްވެރިންނާ ދެކޮޅަށް "ކުޑަ މިންވަރެއްގެ ބާރެއް" ބޭނުންކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ބަޔަކު ހައްޔަރުކުރުން އެއީ އެއްވެސް މައްސަލައެއް ނޫންކަމެވެ.

އެއީ ވަރަށް ވެސް ރަނގަޅު ވާހަކަ އެވެ. އެކަމަކު ހަމަނުޖެހުމަކަށް ނުގޮސް ސުލްހަވެރި ސިޓްޑައުންއެއްގައި ތިބެ ހިޔާލު ފާޅުކުރި ބަޔަކު ކޮންމެހެން ހައްޔަރުކޮށްގެން ގެންދަން ޖެހޭ ހެއްޔެވެ؟

އިއްޔެގެ އެއްވުމުގައި ނޫސްވެރިން އިން ފަހަނަޅައި ދިޔަ ކަމަށް ޚުދު މީޑިއާ ކައުންސިލުން ވެސް އެއްބަސްވެ އެވެ. އަދި ގިނަ ނޫސްވެރިން ވެސް އެކަމާ އެއްބަހެވެ. އެހެން ނަމަވެސް ހިޔާލުފާޅުކުރަން ނުކުތް ނޫސްވެރިން ހިފައި ހައްޔަރުކޮށްގެން އެމީހުންގެ އަޑުނީވޭ ގޮތަށް އެތައް ގަޑިއިރަކު ބަންދުކޮށްފައި ބޭތިއްބުމަކީ ހާލަތާ ނުވަތަ މައްސަލައާ ނުގުޅޭ ބާރެއް ކަމަށް އެންމެން ވެސް އިއްތިފާގުވެ އެވެ.

އަދި ހަމައެއާ އެކު ނޫސްވެރިން ވެސް އިން ފަހަނަޅައި ގޮސްގެން ނުވާނެ ކަމަށް ވެސް އެންމެން ގަބޫލުކުރެ އެވެ. ނޫސްވެރިއެއްގެ ފާހަކީ އެއްގޮތަކަށް ވެސް ކުށަކަށް އަރައިގަތުމަށް ދެވޭ ލައިސަންސްއެއް ނޫނެއް ނޫންތޯ އެވެ؟

އެއީ ބިރު ދައްކާލުމެއްތަ؟

ބައެއް މީހުންގެ ހިޔާލުހުރީ މިހެންނެވެ. އެބަޔަކު ބުނަނީ ނޫސްވެރިންތަކެއް ހިޔާލު ފާޅުކުރީމަ އެ މައްސަލަ އަށް ޖަވާބުދާރީވުމުގެ ބަދަލުގައި އެ ޝަކުވާކުރި ބަޔަކު ހިފައި ހައްޔަރުކުރުން އެއީ ބިރުދެއްކުމެއް ނުވަތަ އެ ބަޔަކަށް ދިން އިންޒާރެއް ނޫން އެހެން އިޝާރާތެއްގެ ގޮތުގައި ގަބޫލުކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

"ދެން އިތުރު ކޮން ކަމެއްތޯ. އަޅުގަނޑުމެން އެތަނަށް ދިޔައީ އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލު ނުރައްކަލަށް ހުށަހެޅެމުންދާތީ އެ ޝަކުވާގެ އަޑު ކަމާ ބެހޭ ފަރާތްތަކަށް އިއްވަން. ބަދަލުގައި ޕެޕަސްޕްރޭ ޖަހައި ހައްޔަރުކޮށްލީ،" ނޫސްވެރިން ނުރައްކާތެރި ބައެއްގެ ގޮތުގައި ލޭބަލްކުރެވިފައިވާ މި ދަނޑިވަޅުގައި ނަން ވެސް ހާމަކުރަން ރަނގަޅުނުވާނެ ކަމަށް ބުނެ ވާހަކަ ދެއްކި އެހެން ރިޕޯޓަރަކު ބުންޏެވެ.

ނަމަވެސް ފުލުހުން ބުނަނީ އެއީ އެފަދަ ގޮތަކަށް މާނަކުރެވިދާނެ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ އެބޭފުޅުން އަމަލުކުރައްވާފައި ވަނީ އެބޭފުޅުންނަށް ލިބިފައިވާ ބާރުތަކެއްގެ ތެރެއިން ކަމަށްވާތީ އެވެ. އަނެއްކޮޅުން ނޫސްވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ހިނގީ ނޫސްވެރިން އިމުން ބޭރުވެ އެގޮތް މެދުވެރިވާ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމުން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ހަމަނުޖެހުމެއް ހިނގައިދިއުމުގެ ކުރިން ސުލްހަވެރި ގޮތުގައި ހިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ހުރިހާ ނޫސްވެރިންނަށް އޮތްކަން ވެސް ފުލުހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެ އެވެ. އޭގައި ހަމަ ކުށްވެރިވަނީ ނޫސްވެރިންނެވެ.

"މިފަދަ ހާދިސާތައް ކުރިމަގުގައި ތަކުރާރު ވިޔަ ނުދިނުމަށް މީޑިއާގެ ޒިންމާދާރު ފަރާތްތަކުންނާއި މީޑިއާތަކުން މަސައްކަތްކޮށްދެއްވައި މުޒާހިރާ ކުރުމާއި އިހުތިޖާޖް ކުރުމުގެ ބަދަލުގައި މަޝްވަރާ ކޮށްގެން ކަންކަމަށް ހައްލު ހޯދުމަށް ހުރިހާ ފަރާތްތަކުންވެސް އިސްކަން ދެއްވުމަށް މިފުރުސަތުގައިވެސް އިލްތިމާސް ކުރަމެވެ،" ފުލުހުން ދީފައިވާ ނަސޭހަތަކީ މިއީ އެވެ.

ގޭގަ އޮތް ނަމަ!

މިއީ އަދި މުޅިން އެހެން ދުނިޔެއެއްގައި އުޅޭ ބަޔަކު ދައްކާ ވާހަކައެކެވެ. އަދި ވަކިން ހާއްސަކޮށް ދިވެހި ރާއްޖޭގެ ސިޔާސީ އުނދުންމަތީގައި ކެކި، އަނދައި ހުލިވާ މީހުންނަށް ހަޖޫޖެހުމަށް ބަޔަކު މީހުން އުފައްދައިގެން އުޅޭ "ފްރޭޒެކެވެ."

"ގޭގައި އޮތް ނަމަ ފުލުހުންގެ މުގުބުރި އާއި ޕެޕަސްޕްރޭއެއް އަމާޒުނުވީހެއް ނޫން ހެއްޔޭ" ކިޔާފައި އެފަދަ ބަޔަކު މިފަދަ މައްސަލަތައް ސަމާސާއަކަށް ހެދިކަމުގައިވިޔަސް ހަގީގަތުގައި މިއީ މިހާ ޒިންމާދާރުކަން ކުޑަގޮތަކަށް މަލާމާތްކޮށް ނިންމާލެވެން ހުރި ކަހަލަ މައްސަލަތަކެއް ނޫނެވެ. އެފަދަ ސަމާސާއެއްކުރާ ނަމަ ނުވަތަ މަލާމާތެއްކުރާ ނަމަ އެ ފަރާތަކަށް ހަމަ ހަގީގަތުގައި ވެސް ގައުމު އޮތް ހާލަތު ވަޒަންކޮށްނުލެވެނީ އެވެ. ނުވަތަ ގައުމަށް ވުރެ ކުރީގައި އެ ފަރާތަކަށް އުޅުއްވެވެނީ އެވެ.

ނޫސްވެރިންގެ މުޒާހަރާގައި ވެސް ބައެއް ނޫސްވެރިންނަށް އެކި ވަރުގެ އަނިޔާތައް ލިބުމުން މަންޒަރު ބެލި އެއް ބަޔަކު ބުނީ "ގޭގައޮތް ނަމަ" ތިޔަހެނެއް ނުވީސް ނޫންތޯއޭ އެވެ!

ގައުމާއި ފުލުހުންގެ އަގު ވެއްޓުން ނޫން ކަމެއް ނުވި!

ނޫސްވެރިން ބޭނުންވި ކަމެއް ހާސިލެއް ވެސް ނުވި އެވެ. އެކަމަކު އެންމެ ބޮޑަށް ފާހަގަކޮށްލަން ޖެހޭ ކަންބޮޑުވުމަކީ މިއީ އެވެ. ނޫސްވެރިންތަކަކަށް ޕެޕަސްޕްރޭކޮށް އޭގެ ތެރެއިން ބަޔަކު ހައްޔަރުކޮށްގެން ފުލުހުންގެ ޖީޕަކަށް އަރުވައިގެން ދިޔައިރު ދުނިޔެ މިއޮތީ އެ މަންޒަރު ބަލާށެވެ.

އޭގެ އިރުކޮޅެއް ނުވެ ބައިނަލްއަގުވާމީ އެންމެ ބޮޑެތި މީޑިއާތަކަށް ވެސް "ދިވެހި ފުލުހުން ނޫސްވެރިންގެ ގިނަ އަދަދެއްގެ ބަޔަކު" ހައްޔަރުކުރި ވާހަކަ އެރި އެވެ. އަދި ބައެއް ސުރުހީތަކަށް ބަލާއިރު "ދިވެހި ފުލުހުން އަނިޔާވެރި ބައެއްގެ ގޮތުގައި" ސިފަވާ ފަދަ ލިޔުންތައް ވެސް ފާހަގަކޮށްލެވިފައިވެ އެވެ.

އެކަމަކު މި މައްސަލާގައި ނޫސްވެރިން ކުށްވެރިކުރެވޭކަށް ނެތެވެ. ފުލުހުންނަށް ފާޑުކިޔުންތަކެއް އަމާޒުވީ ނުވަތަ އެމީހުންގެ ވާހަކަ ދުނިޔޭގެ މީޑިއާ އަށް އެގޮތަށް އެރީ އަމަލުތައް ބެހެއްޓުނު ގޮތުންނެވެ. ނޫސްވެރިންގެ އަމަލުތައް ބެހެއްޓިގޮތަކުން އެމީހުންނަށް ވެސް އަނިޔާލިބުނު އުސޫލުންނެވެ.