ނޫސްވެރިން

"ޖަލުގައި އަންހެން ނޫސްވެރިން ލަދުގަންނަވަން އުޅުނު"

ޖަލުގައި އަންހެން ނޫސްވެރިން ލަދުގަންނަވާލުމުގެ ނިޔަތުގައި 20 މިނެޓް ތެރޭގައި ހުރިހާ ހެދުމެއް ބާލައި، ދެ ފަހަރެއްގެ މަތިން ބަލައި ފާސްކުރި ކަމަށް ހައްޔަރުކުރި ނޫސްވެރިން ބުނެފި އެވެ. މިނިވަން ނޫހުގެ އެޑިޓަރު ޒަހީނާ ރަޝީދު ވިދާޅުވީ، އެއީ އާންމު އުސޫލުންކުރާ ކަމެއް ނަމަވެސް 20 މިނެޓް ތެރޭގައި ދެ ފަހަރެއްގެ މަތިން ބަލާ ފާސް ކުރުމަކީ އަންހެން ނޫސްވެރިން ލަދުގަންނަވާލުން ކަމަށެވެ.

އިއްޔެ ހައްޔަރުކުރި ނޫސްވެރިން ޝަހީދު ހުސެއިން އާދަމް ބިލްޑިން ކުރިމަތީގައި މިއަދު ނޫސްވެރިން ޕްރެސްއެއް ދޭން އުޅުމުން އެތަނުން ބޭރު ކުރުމުން އެމްއެމްއޭ ކައިރީގައި ތިބެ މައުލޫމާތު ދެމުން ނޫސްވެރިންގެ ތެރެއިން ޒަހީނާ ވިދާޅުވީ 20 މިނެޓް ތެރޭގައި ދެ ފަހަރެއްގެ މަތިން ހުރިހާ ހެދުމެއް ބާލަން އެނގުމަކީ އަންހެނުންވީމަ ލަދުގަންނަވަން ކުރި ކަމެއްކަން ފާހަގަކުރާ ކަމަށެވެ.

"އަޅުގަނޑުމެން ބޭތިއްބި ގޮޅީގައި މީދަލާއި ފާރުގައި ވެސް ހުންނަނީ ދަތްއުނގުޅާ ބޭހުން ލިޔެފައި، ހިނި ވެސް ވަރަށް ގިނަ، ފާހަނާ ވެސް ހުރީ ބެދިފައި، މިކަހަލަ ކަންކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވަން،" ޒަހީނާ ވިދާޅުވި އެވެ.

ސަންގު ޓީވީގެ ސީއޯ އަޝްވާޑް ވިދާޅުވީ އިހުތިޖާޖުކުރީ ނޫސްވެރިންގެ މިނިވަންކަން ގެއްލޭތީ ކަމަށާއި ނޫސްވެރިން ހައްޔަރުކުރުމުން އެ މިނިވަންކަން ލިބުނީ ނޫން ކަމަށެވެ. އެއީ އިތުރަށް ނޫސްވެރިކަމުގެ މިނިވަންކަން ދަށަށް ދިޔަކަން ދޭހަވުން ކަމަށެވެ.

"އަޅުގަނޑުމެން ދިމާވެފައިވާ ދަތިތައް ހާއްސަކޮށް ކޯޓުތަކުންނާއި ރައީސް އޮފީހުން އަދި އެނޫން މުއައްސަސާތަކުން ވެސް ލިބެމުންދާ ގެއްލުންތައް ނުވަތަ ގޮންޖެހުންތައް ނައްތާލުމަށް އެދެމުންދިޔައީ،" އަޝްވާޑް ވިދާޅުވި އެވެ.

"އަޅުގަނޑު ހައްޔަރުކުރި އިރު އިޔާ ޑްރަމްއާ ހަމައަށް ޕެޕާ ސްޕްރޭ ޖަހާފައި ހުރީ، ދިލަ ނަގާވަރުން އެއްގޮތަކަށް ވެސް ނިދޭވަރެއް ވެސް ނުވޭ، ވަރަށް ބޮޑަށް ކިޔައިގެން އެ ބޭފުޅުން އަޅުގަނޑަށް މެޑިކަލް ހަމަޖައްސައިދިންކަން ފާހަގަކުރަން، އެއްވެސް ވަރަށް ގިނައިރުވީ ފަހުން، އެޗްއާރްސީއެމްގެ ބޭފުޅުން އެތަނަށް ވަޑައިގަތުމުގެ ފަސް މިނެޓް ކުރިން، ކެއުމުގެ އިންތިޒާމް ވެސް ހަމަޖެހުނީ އެޗްއާރްސީއެމްގެ ބޭފުޅުން ވަޑައިގަނެ ބޭރުގައި ތިއްބާ، ބައެއް ގޮޅިތަކުގައި ތިބި ކުދިންނަށް ކެއުމުގެ އެއްވެސް ކަމެއް ނެތް،"

ހަވީރު ނޫހުގެ ނޫސްވެރިޔާ އަލީ ނާފިޒު ބުނީ، ނޫސްވެރިންނަށް ކުރަނީ ވަރަށް ބޮޑެތި ތުހުމަތުތަކެއް ކަމަށާއި އެގޮތުން އަމާން ނަގާލަން އުޅުމާއި ފިލަން ދުވި ކަމުގެ ތުހުމަތުތައް ވެސް ކުރެވޭ ކަމަށެވެ. އަދި ދައުވާ ކުރުމަކީ ވެސް ހަމަ އެކަށީގެންވާ ކަމެއް ކަމަށެވެ. މިއީ ނޫސްވެރިކަމަށް އެޅޭނެ އިތުރު ހުރަހެއް ކަމަށެވެ.

"ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ނޫސް އެއްކޮށް މިވަނީ ހުއްޓިފައި، އެކަމުގައި އަޅުގަނޑުމެން އަޑު އުފުލީ ހުރިހާ ނޫސްވެރިންގެ ހައްގުގައި އަޅުގަނޑުމެން އަޑު އުފުލީ، އެއްވެސް ސިޔާސީ ޑިމާންޑެއް ނުކުރަން، އެއްވެސް މީހެއްގެ އިސްތިއުފާއަކަށް ނުގޮވަން، ފުލުހުންގެ އިރުޝާދުތަކަށް ވެސް ތަބާވަމުން އަޅުގަނޑުމެން ދިޔައީ،" ނާފިޒު ބުންޏެވެ.

އިއްޔެ ހައްޔަރުކުރި ރާއްޖެޓީވީގެ ނޫސްވެރިޔާ ވިޝާމް ބުނީ، ނޫސްވެރިން ނިކުމެތިބީ ވަކި ނޫހެއްގެ ދިފާއުގައި ނޫން ކަމަށާއި މުޅި ނޫސްވެރިކަމުގެ ދިފާއުގައި ކަމަށެވެ. ނޫސްވެެރިންނަކީ އެއް އާއިލާއެއް ކަމަށެވެ. ހުރިހާ މީޑިއާތަކަށް ދިމާވާ ގޮންޖެހުންތަކުގައި މަސައްކަތް ވެސް ކުރާނެ ކަމަށެވެ.