ނިއުރޭޑިއަންޓްގެ މިހާރުގެ ކޯޗު ބަލްގޭރިޔާގެ ޔްރޮދާން ސްޓޮއިކޯފް އިވަނޯފާ ދެކޮޅަށް ނުކުތުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވަން މިރޭ މި ދެ ޓީމު ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސުޒޭން ބުނީ ގައުމީ ޓީމާއި މަހިބަދޫ އަށް ވެސް ކޯޗުކޮށްދީފައިވާ ސްޓޮއިކޯފަކީ ރާއްޖޭގައި މަސައްކަތް ކުރި އެންމެ މޮޅު ބިދޭސީ ކޯޗު ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް މިއީ ވަރަށް ބޮޑު ޝަރަފެއް. ނިއުރޭޑިއަންޓްގެ ކޯޗެއްގެ ގޮތުގައި ސްޓޮއިކޯފް ހުއްޓައި އޭނާއާއެކު ވާދަކޮށްލަން ލިބުމަކީ. އޭނާއަކީ ރާއްޖޭގައި މިހާތަނަށް މަސައްކަތް ކުރި އެންމެ މޮޅު ކޯޗު. އެހެންވީމަ މިހާ ރަނގަޅު މެޗަކާއެކު އާ އަހަރުގެ ސީޒަން ފަށާކަމީ ވެސް ރަނގަޅު ޕޮޒިޓިވް ކަންތައްތަކެއް ފެނިގެންދާނެ ކަމުގެ ހެއްކެއް،" ސުޒޭން ބުންޏެވެ.
ސުޒޭނާއި ސްޓޮއިކޯފަކީ ގައުމީ ޓީމުގައި ވެސް އެކުގައި މަސައްކަތް ކޮށްފައިވާ ދެ ކޯޗުންނެވެ. 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝޕުގައި ގައުމީ ޓީމުގައި ސްޓޮއިކޯފްގެ އެހީތެރިއަކަށް ހުރީ ސުޒޭން އެވެ.
އޭނާ މިއަދު ބުނީ ކުރީ އަހަރުތަކަށްވުރެ ކުޅުންތެރިންގެ ގޮތުން ހީނަރުވެފައިވީ ނަމަވެސް އަދިވެސް ނިއުއަކީ އެންމެ މޮޅު އެއް ޓީމު ކަމަށެވެ.
"މީގެ ތެރެއަށް މިހާރު ވެސް ރަނގަޅު ދެތިން ކުޅުންތެރިއަކު އިތުރުކޮށްލީމަ އަދިވެސް ނިއު ވަރުގަދަ ޓީމެއްގެ ގޮތުގައި ފެނިގެންދާނެ. އެހެންވީމާ މާޒިޔާ ވެސް މި މެޗަށް ނުކުންނާނީ ފައިނަލަކަށް. އެއީ ކޮންމެ ގޮތެއްވިޔަސް އެންމެ މެޗަކުން ތައްޓަކާއި މެޑަލްތަކެއް ލިބެން އޮއްވާ އެނުހޯދައި ދޫކޮށްލާފައި ދިއުމުގެ ބޭނުމެއްނެތް،" ސުޒޭން ބުންޏެވެ.
މި މެޗުގައި ހުސައިން ނިޔާޒް (ބޮކުރީ) އާއި ފޯވަޑް އަހުމަދު ރަޝީދު (އައްމަޑޭ) އަށް ނުކުޅެވޭނެ ކަމަށް ވެސް ސުޒޭން ބުންޏެވެ. މީގެ ތެރެއިން އައްމަޑޭ އަކީ މި ސީޒަނުގައި މާޒިޔާގައި އެންމެ ރަނގަޅަށް ސްކޯކުރަމުން އަންނަ ފޯވަޑެވެ.
ނަމަވެސް މުހައްމަދު އުމޭރާއި ގައުމީ ޓީމުގައި ބޫޓާން ކޮޅަށް ލަނޑުޖެހި ހުސްވި ދެ އަހަރުގެ މޮޅު ކުޅުންތެރިޔާ އަސަދުﷲ އަބުދުﷲ މި މެޗުގައި ފެނިގެންދާނެ އެވެ.