ބޭރު ކުޅިވަރު

ރެއާލް އަތުން ބަލިވި ހަނދާނެއްނެތް، އެތްލެޓިކޯ ބަލިކުރެވޭނެ: އެންރީކޭ

ހޮނިހިރު ދުވަހުގެ ރޭ ރެއާލް މެޑްރިޑް އަތުން ސްޕެނިޝް ލީގުގައި ބަލިވި ހަނދާން މިހާރުނެތް ކަމަށާއި ޗެމްޕިއަންސް ލީގުގައި މިރޭ އެތްލެޓިކޯ މެޑްރިޑް ބަލިކުރެވޭނެ ކަމަށް ބާސެލޯނާއިން ބުނެފި އެވެ.

ސްޕޭނުގެ ދެ ޓީމުގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށް ކުޅޭ ފުރަތަމަ މެޗުގެ ކުރިން ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ އޭނާގެ ޓީމާމެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

"އަހަރުމެން (ރެއާލް މެޑްރިޑް) އަތުން ބަލިވި ހަނދާން ނެތިއްޖެ. އަހަންނަށް ޔަގީން އަހަރެން ޓީމު ކާމިޔާބު ހޯދުމުގައި ދެމި އޮންނާނެކަން. އަހަރުމެންގެ ކިބާގައި ކާމިޔާބު ހޯދަން ބޭނުންވާ ހުރިހާ ކަމެއް އެބަހުރި،" އެންރީކޭ ބުންޏެވެ.

އޭނާ ބުނީ އެތްލެޓިކޯ މެޑްރިޑަކީ ބަލިކުރަން އުނދަގޫ ޓީމެއް ކަމަށާއި ނަމަވެސް މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި ބާސެލޯނާ އައީ ކާމިޔާބު ހޯދަމުން ކަމަށެވެ.

ޖެރާޑް ޕީކޭ ބޭނުންވަނީ ތިން ތަށި ހޯދަން

މިރޭގެ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނީ ހުސްވި ސީޒަނެކޭ އެއްގޮތަކަށް މި ސީޒަނުގައި ވެސް ތިން ތަށި ހޯދުމަކީ ޓީމުގެ އަމާޒު ކަމަށެވެ.

"އަހަރުމެން މެޗަކުން ބަލިވުމަކީ އެ ކާމިޔާބީ ނުހޯދެންވީ ސަބަބެއްނޫން. އަހަރުމެން މިތިބީ ތިން ތަށި ހޯދަން ވަރަށް ފޯރީގައި. އަހަރުމެންނަކީ ތިން ތަށި ހޯދޭނެ ބައެއްކަން ސާބިތުކޮށްދޭން އަނެއްކާ ވެސް ބޭނުން،" ޕީކޭ ބުންޏެވެ.

އެތްލެޓިކޯ އަށް ބާސެލޯނާ ބަލިކުރެވިދާނެތަ؟

މިރޭގެ މެޗަކީ އެތްލެޓިކޯ އާއި ބާސެލޯނާ ވަނީ މިދިޔަ ތިން އަހަރު ތެރޭގައި ބައްދަލުކުރާ 14 ވަނަ މެޗެވެ. މިހާތަނަށް ހެ މެޗުން ބާސެލޯނާ މޮޅުވިއިރު އެތްލެޓީކޯ އެންމެ ފަހުން މޮޅުވީ 2014 ވަނަ އަހަރުގެ މި މުބާރާތުގެ ކުއާޓާ ފައިނަލުގަ އެވެ.

އެ ޓީމުގެ ކުޅުންތެރިން ބުނީ ބާސެލޯނާ ކުޅޭގޮތް އެނގޭ ކަމަށާއި މިހެންވެ ވަރުގަދަ މެޗެއް ފެނިގެންދާނެ ކަމަށެވެ.