ކުޅުދުއްފުށި

ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓު ތަރައްގީ ކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އެއާޕޯޓު ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީ އިން އިއުލާންކޮށްފި އެވެ.

ފިނޭންސްއިން ކުރި މި އިއުލާނުގައި ބުނެފައި ވަނީ ކުޅުދުއްފުށި އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޑް ސެކިއުރިޓީ އަދަދަކީ 62،000 ޔޫއެސް ޑޮލަރު ކަމަށާއި ފުނަދޫ އެއާޕޯޓް ތަރައްގީ ކުރަން ސެކިއުރިޓީ އަދަދަކަށް 60،000 ޔޫއެސް ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 208 ދުވަސް ކަމަށާއި ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސަންޓު ކަމަށެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އިއުލާނުގައި ބުނެފައިވަނީ ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށާއި އަދި އެފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައިފައިވާ ކަމަށް މީރާއިން ދޫކޮށްފައިވާ ލިޔުން ބީލަމާއެކު ހުށަހަޅަންޖެހޭނެ ކަމަށެވެ.