ހަބަރު

ބްރޯޑްކޮމްގެ ރައީސަކަށް އަނެއްކާވެސް ޝަހީބު

ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް ކަމަށް މުހައްމަދު ޝަހީބު ހޮވައިފި އެވެ. ރައީސް ކަމަށް ޝަހީބު ހޮވާފައިވަނީ ކޮމިޝަނުގެ ހަތް މެންބަރުންގެ އިއްތިފާގުންނެވެ. މީގެކުރިން ވެސް އެ މަގާމުގައި ހުންނެވީ ޝަހީބެވެ.

އެ ކޮމިޝަނުގެ އާ ނައިބު ރައީސްގެ މަގާމަށް މިއަދު ހޮވާފައިވަނީ މުހައްމަދު އަސްލަމެވެ. މުހައްމަދު އަސްލަމަކީ އެ ކޮމިޝަނުގައި ކުރިން ވެސް ހުންނެވި މެންބަރެކެވެ. އަސްލަމްގެ ދައުރު އަދި ހަމައެއް ނުވެ އެވެ.

މިއަދު އެ ކޮމިޝަނަށް އަލަށް ހަ މެންބަރުން އައްޔަންކޮށްފައިވަނީ ކުރިން ކޮމިޝަނުގައި ތިއްބެވި ހަ މެންބަރެއްގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޝަހީބު ވެސް ހިމެނެ އެވެ. އިއްޔެ ކޮމިޝަނަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރި ހަ މެންބަރުން އެ މަގާމަށް އައްޔަންކޮށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް އަބްދުﷲ ޔާމީނެވެ.

މަޖިލީހުން މުހައްމަދު ޝަހީބުގެ ނަން ފެންނަ ކަމަށް ވޯޓު ދެއްވީ 55 މެންބަރުންނެވެ. ނުފެންނަ ކަމަށް ހަތް މެންބަރުން ވޯޓު ދެއްވިއިރު ވަކިކޮޅަކަށް ނުޖެހޭ ތިން މެންބަރުން ތިއްބެވެ.

ޝަހީބުގެ އިތުރުން ބްރޯޑްކޮމްގެ މެންބަރު ކަމަށް އަލަށް އައްޔަންކުރެއްވި ބޭފުޅުންނަކީ ޒީނާ ޒާހިރު، އަމިނަތު ސަލާހަތު، ފާތިމަތު ޒައިނާ، އިސްމާއިލް ސޮފްވާން އަދި ހަސަން ނަބާހް އެވެ.