ހުޅުމާލެ ހޮސްޕިޓަލް ހިންގާނީ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗާ ވާދަކުރަން ނޫން ކަމަށް އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް ވިދާޅުވެއްޖެ އެވެ.
އެސްޓީއޯގައި ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުޖުތަބާ ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ހިންގުމަށް އެ ކުންފުނިން ހަވާލުވެފައިވާއިރު މި ހޮސްޕިޓަލުން ރާއްޖޭގައި ލިބެން ނެތް ފަރުވާތައް ފެށިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ހުޅުމާލެ ހޮސްޕިޓަލް ހިނގާނީ އައިޖީއެމްއެޗާ ވާދަކުރާ މޮޑެލްއަކަށް ނޫން. އެކަމަކު ވެސް ރައްޔިތުންގެ ތެރެއިން ރައްޔިތުންނަށް ދޭ ފަރުވާ ހަރުދަނާކޮށް، އިތުރަށް ދެވޭނެ ގޮތްތަކެއް އަޅުގަނޑުމެން އިންތިޒާމު ކުރަމުން މިދަނީ،" މުޖުތަބާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަކީ ސިއްހީ ދާއިރާއަށް ދޭ މާލީ އެހީގެ ނިޒާމު ގާއިމް ކުރެވިފައިވާ ގައުމެއް ކަމަށާއި، ނަމަވެސް ރާއްޖޭގައި ނެތީ ހުރިހާ ހިދުމަތްތައް ކަމަށެވެ.
"ރާއްޖޭގައި ހެލްތް ކެއާ ޕްރޮފިޝަންގައި ހުރިހާ ހިދުމަތްތަކެއް ދެވޭކަމަށްވާނަމަ ރާއްޖޭން ބޭރަށްކުރާ ހޭދަ ކުޑަ ކުރެވިގެންދާނެ. މި ހޮސްޕިޓަލް ހިންގުމުގެ އެންމެ ބޮޑު މަގުސަދަކީ ވެސް ރައްޔިތުންނަށް ނުލިބޭ ފަރުވާތައް އެތަނުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން،" މުޖުތަބާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކެންސަރު ބައްޔަށް ހާއްސަކޮށްގެންދޭ "ކީމޯ ތެރަޕީ" ހުޅުމާލެ ހޮސްޕިޓަލުގައި ފެށިގެންދާނެ ކަމަށެވެ.
"ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މިކަންކަން ވެގެންދާނެ އިރާދުކުރެއްވިއްޔާ. މިކަމަކީ ސަރުކާރުން ބޭއް ފަރުވާ ކުރަމުންދާއިރު ވެސް ރާއްޖޭގައި ތިބެގެން ފަރުވާ ކުރެވޭނެ ގޮތް ހެދުން،" މުޖުތަބާ ވިދާޅުވި އެވެ."އަނެއް އޭރިޔާއަކީ ހުޅު ބަދަލު ކުރުމާއި ކަށީގެ ބެކްލޮގް ފިލުވާލައި ކަށީގެ ކަންތައްތަކުގައި ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން،" މުޖުތަބާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުގެ ސަބަބުން ޖެހޭ ބަލިތަކަށް އާއްމުން ހޭލުންތެރި ކުރުވަން ހާއްސަ ސެންޓަރެއް އެ ހޮސްޕިޓަލްގައި ހަދާނެ ކަމަށެވެ.
"ޑައިބެޓީސް އާއި ހައިޕަޓެންޝަން ފަދަ ކަންކަމަށްވެސް ފަރުވާ ކުރެވިގެންދާނެ. އެކަކަން ކުރިއާލާ ދެނެގަނެވިގެންދާނެ،" މުޖުތަބާ ވިދާޅުވި އެވެ.