ހަބަރު

ކުޑަކުއްޖަކާ ބެހުނު ކަމަށް ތުހުމަތުކުރެވޭ މީހަކަށް އަނިޔާކޮށް ފުލުހުންނާ ހަވާލުކޮށްފި

ކުޑަކުއްޖާ ބެހުނު ކަމަށް ތުހުމަތުކުރެވޭ މީހަކު މާލެއިން ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ، 14 އަހަރުގެ ފިރިހެން ކުއްޖާ ބެހުނު މީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާއާ ބެހިގެން ހައްޔަރުކޮށްފައިވާ މީހާއަކީ އެ ކުއްޖާގެ އާއިލާގެ ރައްޓެއްސެކެވެ. މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި ކުއްޖާއާ ބެހުނު ކަމަށް ބުނެ އެ ސަރަހައްދުގައި ތިބި މީހުން ވަނީ އޭނާ ގައިގާ ތަޅާ އަނިޔާކޮށްފަ އެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ.

ފުލުހުން އެ ސަރަހައްދަށް ގޮސް އެމީހާ ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވީ، ފިރިހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި މިއަދު ހަވީރު 4:30 ހާއިރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މައްޗަންގޯޅި ގެއަކުންނެވެ.

މިއަދު މިފަދަ ހާދިސާއެއް މާލޭގައި ހިނގާފައިވާއިރު، ރޭ ވެސް ވަނީ ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފަ އެވެ. ރޭގައި ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ފިރިހެނެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ބޮޑެތި އަދަބު ދެމުން ދިޔަ ނަމަވެސް އެ މައްސަލާގައި ހައްޔަރު ކުރާ މީހުންގެ އަދަދު މި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.