ހަބަރު

ސިއްހަތު ދުވަސް ފާހަގަކުރުމަށް ހެލްތްގެ މުވައްޒަފުން ސިޑި ބޭނުންކުރަނީ

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ސިއްހަތު ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީން "ވޯކް ދަ ޓޯކް" ނަމުގައި ކެމްޕޭނެއް ފަށައިފި އެވެ.

މިއަދުގެ ޝިއާރަކަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ ޝިއާރު ކަމަށްވާ "ރައްކާތެރިވަމާ، ފަރުވާ ކުރަމާ - ހަކުރުބަލީގެ މައްޗަށް ކުރި ހޯދަމާ" އާއި ގުޅުވައިގެން ފެށި މި ކެމްޕެއިނަކީ އެތަނުގެ މުވައްޒަފުންނަށް ލިފްޓުގެ ބަދަލުގައި ސިޑި ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ފެށި ކެމްޕޭނެކެވެ. އެގޮތުން ކެމްޕެއިން ފެށުމަށް މިއަދު އެ މިނިސްޓްރީގެ މުވައްޒަފުން ވަނީ އެންމެން އެއްކޮށް އެ އިމާރާތުގެ އަށްވަނަ ފްލޯ އާއި ހަމަޔަށް ސިޑިން އަރާފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ހަކުރު ބައްޔަކީ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ޖެހޭ ބައްޔަކަށް ވާއިރު، އެ ބަލި ރާއްޖޭގައި ދުވަހެއް ދުވަހަކަށް އިތުރުވަމުން އައުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ހަކުރުބަލިން ސަލާމަތްވުމަށް ހެލިފެލިވެ އުޅުމާއި ގިނައިން ހަކުރު ހުންނަ ކާނާ ކެއުން މަދުކުރުން ފަދަ ފަސޭހަ ފިޔަވަޅު ހުރިއިރު، ދުޅަހެޔޮކޮށް ހުރުމަށް އެފަދަ ކަންކަމަށް އިސްކަންދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ލިފްޓުގެ ބަދަލުގައި ސިޑި ބޭނުންކުރުމަށް މިއަދު އެ މިނިސްޓްރީން ކެމްޕޭނެއް ތައާރަފްކުރީ މުވައްޒަފުން ކަސްރަތަށް އަހުލުވެރިކުރުމުގެ ގޮތުން ކަމަށް އިރުތިޝާމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މިނިސްޓްރީން ފެށި އެ ކެމްޕޭން ނަމޫނާއަކަށް ބަލައިގެން އެހެން އޮފީސްތަކުންވެސް އެ ކެމްޕޭނުގައި ބައިވެރިވުމަށް އެދިވަޑައިންނަވާ ކަމަށެވެ.

ޑަބްލިޔު އެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަރްވިންދް މާތުރް ވިދާޅުވީ، މިއަދު ހަކުރުބަލި ވެފައިވަނީ 8 ވަނައަށް އެންމެ ގިނައިން މީހުން މަރުވާ ބައްޔަށް ކަމަށެވެ. އެހެންކަމުން ހަކުރުބައްޔަށް މީހުން އިތުރަށް ހޭލުންތެރިކުރުމަށް މިއަދު ކުރެވޭ މަސައްކަތްތަކުން އެކަށީގެންވާ ބަދަލުތަކެއް ދުނިޔޭގެ ސިއްހަތަށް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ހަކުރުބައްޔަކީ މިހާރު އެކަމަށް ފަރުވާކޮށްގެން ރަނގަޅުކުރެވޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ހަކުރު ބަލި ހުންނަކަން އެނގިއްޖެނަމަ އެކަމާ ކަންބޮޑުވުމުގެ ބަދަލުގައި ހޮސްޕިޓަލުން ދޭ އިރުޝާދާއި ބޭހާ އެއްގޮތަށް އަމަލުކުރުމަށް އިސްކަންދޭންޖެހޭ ކަމަށެވެ.

އަރްވިންދް ވަނީ، ހަކުރުބަލިން ދިފާއުވުމަށް ކޮންމެ ދުވަހަކުވެސް މަދުވެގެން 30 މިނިޓް ކަސްރަތު ކުރުމާއެކު ހަކުރު ގިނައިން ހުންނަ ކާނާ ކެއުމުން ދުރުވެ "އެކްޓިވް" ދިރިއުޅުމެއް ހޯދަން މަސައްކަތްކުރުމަށް ގޮވާލައްވާފަ އެވެ.