ވިޔަފާރި

ގެއްލުންވާ އޮޑިފަހަރަށް ބަދަލުދޭ އިންޝުއަރެންސްގެ ހިދުމަތްދޭން އެލައިޑަށް

Apr 7, 2016
  • ރާއްޖޭގެ ހުރިހާ ރަށަކަށް ހިދުމަތް ލިބޭ
  • ފުރިހަމަ ބަދަލެއް ލިބޭ ސްކީމެއް
  • ޕްރިމިއަމް ހުރީ ރޭޓެއްގައި

ގެއްލުންވާ އޮޑިފަހަރަށް ފުޅާ ދާއިރާއެއްގައި ބަދަލު ދެވޭ "މެރިން ހަލް އިންޝުއަރެންސް" ގެ ހިދުމަތް ދޭން އެލައިޑް އިންޝުއަރެންސަށް ހަވާލުކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅިގެން މުޅިރާއްޖެއަށް ހާއްސަކޮށްގެން އެލައިޑުން ފަރުމާކޮށްފައިވާ މި ސްކީމް ތައާރަފުކޮށްދެއްވީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ކަނޑު ދަތުރުފަތުގެ ގާނޫނުން އަންނަ އަހަރުގެ ނިޔަލަށް ލާޒިމްކުރާ އިންޝުއަރެންސްގެ ހިދުމަތް މުޅިރާއްޖޭގައި ފެށުމުގެ ގޮތުން ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. މި ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އެންމެ ކުޑަ އަގެއް ހުށަހަޅާފައިވަނީ އެލައިޑް އިންޝުއަރެންސްގެ ފަރާތުންނެވެ.

"މެރިން ހަލް އިންޝުއަރެންސް" ނަމުގައި ތައާރަފުކުރި މި ސްކީމްގެ ދަށުން ކުޑަ ޕްރިމިއަމްއެއް ދެއްކުމުން އުޅަނދަށް ލިބޭ ގެއްލުން އެއްކޮށް ކަވަރު ކުރެވެ އެވެ. މި ސްކީމްގެ ދަށުން އުޅަނދު ފަހަރުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި އުޅަނދު ބިންދައިގެން ދިއުމާއި ފަރަހަށް އެރުމުގެ އިތުރުން އުޅަނދު ފަހަރު ފެތުން ފަދަ ހާދިސާތަކަށް ވެސް ބަދަލު ދެވޭނެ އެވެ.

އެލައިޑުން މި އިންޝުއަރެންސްގެ ހިދުމަތް ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

މި އިންޝުއަރެންސް ސްކީމް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ އިގްތިސާދަކަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާއި، ރާއްޖެއަށް މިފަދަ ސްކީމެއްގެ ބޭނުންތެރިކަން ނުހަނު ބޮޑު ކަމަށެވެ.

"މި އިންޝުއަރެންސަށް ދިއުމަށް އިއުލާނުކުރީ ވަރަށް ހާމަކަން ބޮޑުކޮށް. އެކަމަށް އެލައިޑް ހަމަޖެހުނީ އެންމެ އަގު ހެޔޮ ލުއި ފަސޭހަކަމާއެކު ދެވޭނެ ފަރާތް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކަނޑު އުޅަނދު ފަހަރާ ބެހޭ ގަވާއިދު ޒަމާނީ ފެންވަރަކަށް ގެނެވިފައިވާ ކަމަށެވެ.

"މިނިސްޓްރީއާ ޓްރާސްޕޯޓް އޮތޯރިޓީ ގުޅިގެން ކުރެވުނު މަސައްކަތުން މިފަދަ އެތައް އިސްލާހީ ބަދަލުތަކެއް ވަނީ ގެނެސްދީފައި. ހުޅަނގު މޫސުމުގައި ވަރަށްގިނަ ގެއްލުންތައްވޭ. މި ސަބަބަށްޓަކަައި ރައީސް ޔާމީން ލަފާދެއްވީ އުޅަނދު ފަހަރާއި މީހުންނަށް އެންމެ ރައްކާތެރި ނިޒާމެއް، ގެއްލުން ކުޑަ ގޮތަކަށް ރައްކާތެރިކަމަށް ރިއާޔަތްކޮށް މަހާސިންތާއެއް ވެސް ކުރިއަށް ގެންދަން. އެގޮތުން ނޭޝަން ވައިޑް ކެމްޕޭނެއް ވެސް ވަނީ ފަށާފައި،" ސައީދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތައް ފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެލައިޑް އިންޝުއަރެންސުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ އެ ކުންފުނިން މެރިން އިންޝުއަރެންސުގެ ހިދުމަތް ދެނީ ރާއްޖޭގެ މާކެޓުގައި ދެވޭ އެންމެ ހެޔޮ އަގު ރޭޓުގައި ކަމަށެވެ.

"މިއީ މާކެޓުގައި ހުރި އަގުތަކާ އަޅާ ބަލާނަމަ 35 ޕަސެންޓް ހެޔޮ އަގެއް. އަޅުގަނޑުމެންގެ ރޭޓެއްގެ ގޮތުގައި ހުންނާނީ 0.5 ނޫނީ 0.6 ވަރު ޕަސެންޓް ވަރު. އިންޓަނޭޝަނަލް މާކެޓުގައި ވެސް އެންމެ ހެޔޮ އަގު މިއީ. މި ރީޖަން [މިސަރަހައްދުގެ ގައުމުތަކަށް] އަށް ބަލާފައި މި ރޭޓް މިއިނީ،" އަމީލް ވިދާޅުވި އެވެ.

އެލައިޑުން ތައާރަފުކުރި "މެރިން ހަލް އިންޝުއަރެންސް" ހިދުމަތްތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ފޯމް ލެވޭނެ އެވެ. އެގޮތުން މީހުން އުޅޭ ކޮންމެ ރަށްރަށުގައި ހުރި އެސްޓީއޯގެ ބޭސް ފިހާރަތަކުން މި ހިދުމަތް ލިބޭނެ އެވެ.

އަމީލް ވިދާޅުވީ މި އިންޝުއަރެންސުގެ ހިދުމަތް ދެނީ އިންޓަނޭޝަނަލް ޕާޓްނާއާ ގުޅިގެން ކަމަށެވެ.

"އިންޝުއަރެންސަށް ބޭސް ފިހާރަތަކުން ކްލައިމް ކުރުމުން އޮޑިވެރިޔާގެ އެކައުންޓަށް ފައިސާ ދާގޮތް އަޅުގަނޑުމެން ހަދާފައި އިންނާނީ،" އަމީލް ވިދާޅުވި އެވެ.

އެލައިޑްގެ މި ހިދުމަތް އެލައިޑްގެ އެޖެންޓުން މެދުވެރިކޮށާއި، ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތައް އަދި ޕޯސްޓް އޮފީހުން ވެސް މި ހިދުމަތް ލިބޭނެ އެވެ.