ހަބަރު

ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ދޫޑިގަމު ކައުސިލަރަކު ސަސްޕެންޑްކޮށްފި

ޏ. ފުވައްމުލަކު ދޫޑިގަމު ކައުންސިލަރަކު ގަދަކަމުން ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ފުލުހުންގެ ތަހުގީގުން ސާބިތުވާތީ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކައުންސިލަރު ސަސްޕެންޑް ކޮށްފި އެވެ. އެ މައްސަލާގައި ސަބްޕެންޑްކޮށްފައިވަނީ ދޫޑިގަމު ކައުންސިލް މެންބަރު އަލީ ޝަޒީމް އެވެ.

އެލްޖީއޭއިން ބުނީ، ޝަޒީމް ހައްޔަރުކުރީ، މިދިޔަ ނޮވެމްބަރު މަހު 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގޮވައިގެން ފަޅު ގެއަކަށް ވަދެ ގަދަކަމުން ޖިންސީގޯނާކުރި ކަމަށް އެ އަންހެންކުއްޖާގެ މަންމަ ހުށަހެޅި މައްސަލައާ ގުޅިގެން، މައްސަލަ ބަލަން ފުލުހުން ހިންގި ތަހުގީގަށް އެކަން ސާބިތުވެފައިވާތީ ކަމަށެވެ. އަދި އެފަދަ ކުށެއް ތުހުމަތުކުރެވޭ މީހަކު ކައުންސިލް ފަދަ ޒިންމާދާރު މުއައްސަސާއެއްގެ މަތީ މަގާމެއްގައި ހުރުމަކީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދި އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭނެ ކަމެއް ކަމަށް އެލްޖީއޭ އަށް ފެންނާތީ ކަމަށެވެ.

ފުލުހުން ވަނީ އެ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިންމަން ޕްރޮސެކިއުޓާ ޖެނަރަލް އަށް މިހާރު ފޮނުވާފަ އެވެ.