ހަބަރު

ޗައިނާ ސަރުކާރުން ހަދިޔާކުރާ ސީ އެމްބިއުލެންސްގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޗައިނާ ސަރުކާރުން ދިވެހި ރާއްޖެއަށް ހަދިޔާ ކުރާ ސީ އެމްބިއުލެންސްގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފި އެވެ.

ޗައިނާގެ މި އެހީއަކީ "ޕްރޮޓޮކޯލް ބިޓްވީން ދަ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮފް ދަ ރިޕްބްލިކް އޮފް މޯލްޑިވްސް އޮން ޗައިނާ ޕްރޮވިޒަން އޮފް މިލިޓަރީ އެސިސްޓެންސް ގްރާޓިސް ޓު ދަ މޯލްޑިވްސް"ގެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ދޭ އެހީ އެކެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ޑިފެންސްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައިސަލްއެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ މިނިސްޓްރީ އޮފް ޑިފެންސްގެ، އޮފީސް ފޯ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޗީފް، މޭޖަރު ޖެނެރަލް ސީ ގުއޮވެއި އެވެ.

މިރަސްމިއްޔާތުގައި މޭޖަރ ޖެނެރަލް ސީ ގުއޮވެއި ދެއްކެވި ވާހަކަފުޅުގައި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ގާތް ގުޅުމަށް އަލިއަޅުއްވާލެއްވި އެވެ. އަދި ސީ އެމްބިއުލެންސް ހެދުމުގެ މަސައްކަތް މި އަހަރުގެ ޖަނަވަރީން ފެށިގެން ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ.

މި ރައްމިއްޔާތުގައި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައިސަލް ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އަޅަމުންދާއިރު، ވަރަށް ބޮޑައް އެހީތެރިވާ ގައުމެއްކަމަށާއި ތަރައްގީގެ ހާއްސަ ބައިވެރިއެއް ކަމަށެވެ. އަދި ޗައިނާ ސަރުކާރުން ދިވެހި ރައްޖެއަށް ހަދިޔާކުރާ ސީ އެމްބިއުލެންސްގެ ސަަބަބުން ރާއްޖޭގެ ރައްޔިތުންނަށް، ހާއްސަކޮށް އަތޮޅުތަކުތެރޭގެ ރައްޔިތުންނަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެން ގޮސް ސިއްހީ ހިދުމަތް ދިނުމުގައި ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަ ކުރައްވާ ދިވެހި ސަރުކާރުގެ ނަމުގައި ޗައިނާ ސަރުކާރަށާއި ޑިފެންސް މިނިސްޓްރީގެ އިސްވެރިންނަށް ޝުކުރުއަދާކުރެއްވެވި އެވެ.

ޗައިނާ ސަރުކާރުން ދިވެހި ރައްޖެއަށް ހަދިޔާކުރާ ސީ އެމްބިއުލެންސްގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗައިނާ އަސްކަރިއްޔާގެ އިސް ވެރިން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.