ހަބަރު

ނަޝީދު އަނބުރާ ރާއްޖެ އަންނަން އަންގައިފި

ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރުން މެދު ކަނޑާލުމަށްފަހު، ބޭސްފަރުވާއަށް އިނގިރޭސިވިލާތައް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނބުރާ ރާއްޖެ އަންނަން ކަރެކްޝަންސް އިން އަންގައިފި އެވެ.

ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު ހަސަން އަލީ "އަވަސް" އަށް ވިދާޅުވީ ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ފަރުވާ ހޯދައި ޑޮކްޓަރުގެ ފަރާތުން ބޭނުންވާ ހުރިހާ ލިޔުންތައް ނަޝީދުގެ ފަރާތުން މިހާތަނަށް ދެއްވާފައި ނުވާ ކަމަށާއި އަދި އެކަން އެންގުމުންވެސް އެ ލިޔުންތައް ފޮނުވާފައި ނުވާ ކަމަށެވެ.

"ގަވައިދުގައި ބުނާގޮތަށް ހުރިހާ ލިޔުމެއް ހަމަނުކޮށް އަދި ލިޔުންތަކުގެ ސައްހަކަމާއި މެދު ޝައްކު އުފެދޭތީ އަޅުގަނޑުމެން ވާނީ ނަޝީދު އަނބުރާ ރާއްޖެ އަންނަން އިއްޔެ އަންގާފައި،" ހަސަން ވިދާޅުވި އެވެ.

އެކަމާއި ބެހޭގޮތުން މިރޭ ވިލިމާލޭގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ކަރެކްޝަން ސާވިސް އަށް މައްސަލައަކަށްވީ ނަޝީދުގެ ބޭސްފަރުވާއާ ބެހޭ ހުރިހާ މައުލޫމާތެއް އެއް ލިޔުމެއްގައި ޝާއިރުކޮށްފައިވީމަ ކަމަށާއި އެހެން ކަމުން ކަރެކްޝަނުން އެދޭ ގޮތަށް ފަސް ލިޔުމަކަށް ބަހާލައިގެން ލިޔުން ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހިސާންގެ ވާހަކާގައި ނަޝީދު މިވަގުތު ރާއްޖެ ވަޑައިނުގަންނަވާނެ ކަމުގެ އިޝާރާތެއްވެސް ދެއްވާފަ އެވެ.

"އަޅުގަނޑުމެންގެ އޮތީ އެންމެ ސުވާލެއް. މުއްދަތު އިތުރު ނުކޮށްދީފި ނަމަ ނަޝީދު އަނބުރާ ރާއްޖެ އަންނާނެ ހެއްޔޭ؟ ނަމަވެސް ރައީސް ނަޝީދު އަނބުރާ ވަޑައިންނަވަންވީ ކޮން ސަބަބަކާ ހުރެތޯ؟ ނަޝީދަކީ އަބަދުވެސް ރައްޔިތުންގެ ހިދުމަތުގައި ހުންނަވާ ބޭފުޅެއް. އަޅުގަނޑުމެން މިއަދު ކުރަންވީ ސުވާލަކީ ނަޝީދަށް ރާއްޖެ އަށާއި ރައްޔިތުންނަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދެވޭނީ އަނބުރާ ވަޑައިން މާފުށީ ޖަލުގައި އިންނަވާގެންތޯ ނުވަތަ އިންގިރޭސިވިލާތުގައި ހުންނަވާގެން އެކުރައްވާ މަސައްކަތް ކުރައްވާގެންތޯ،" ހިސާން ވިދާޅުވި އެވެ.

"ރައީސް ނަޝީދު އަނބުރާ ރާއްޖެ ވަޑައިންނަވާނެ. އެކަމަކު އަނބުރާ އާދެވޭ މާހައުލެއް ގާއިމް ކުރުމަކީ އަދި އެ މާހައުލް ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތަކީ އެންމެންގެ ޒިންމާއެއް،"