ހަބަރު

ރައީސް ނަޝީދުގެ އިނާޔަތްތައް ކަނޑާލުމަކީ ޖަރީމާއެއް: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބެންޖެހޭ އިނާޔަތް ކެނޑޭ ގޮތަށް ބިލެއް ފާސްކުރުމަކީ ސަރުކާރުގެ ފިނޑި އަމަލެއް ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފި އެވެ.

އެމްޑީޕީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ 128 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މި އިނާޔަތްތަކާއި ރައްކާތެރިކަމަކީ ރައީސް ނަޝީދަށް ހައްގުވާ އިނާޔަތްތަކަކާއި ރައްކާތެރިކަމެއް ކަމަށެވެ. އަދި އެ ހައްގުތައް ދިނުމާ ބެހޭ ކަންކަން ގާނޫނެއްގައި ބަޔާންކޮށް ފާސްކުރެވިދާނޭކަމަށް ގާނޫނު އަސާސީގައި ލިޔެފައިވާއިރު، އެ ހައްގުތައް ނުދިނުމާ ބެހޭ ގާނޫނެއް ފާސްކުރުމަކަށް ގާނޫނު އަސާސީ ތަނެއް ނުދޭ ކަމަށެވެ.

"އެހެންކަމުން “ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނު” އަށް ކުއްލި ބަދަލު ގެނެސްގެން ރައީސް ނަޝީދަށް ހައްގުވާ ރައްކާތެރިކަމާއި އިނާޔަތްތައް ކަނޑާލުމަކީ އެކަމުގައި އެއްވެސް ހަމަހަމަކަމެއް އަދި އިންސާފެއް އެކުލެވިގެންނުވާ، އިންތިހާއަށް ޒާތީވެ ތިބެގެން ހިންގާފައިވާ ޖަރީމާއެއް،" ބަޔާނުގައިވެ އެވެ.

އެމްޑީޕީއިން ބުނީ،ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް މުޅި ދުނިޔޭގެ މަލާމާތް ރައްދުވެގެންވާ ޝަރީއަތެއް ކުރުމަށްފަހު 13 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ވެސް އެމަނިކުފާނަކީ ރާއްޖޭގެ އެންމެ މަގުބޫލު އަދި ރައްޔިތުންގެ ލޯތްބާއި އިގްތިރާމު އެންމެ ބޮޑަށް ލިބިވަޑައިގެން ހުންނެވި ސިޔާސީ ލީޑަރުކަމަށްވާތީ އިންތިހާބެއްގައި ރައީސް ނަޝީދާ ވާދަކޮށްލެއްވުމަށް ރައީސް އަބްދުﷲ ޔާމިން ޖެހިލުންވެވަޑައިގަންނަވާތީ ކަމަށެވެ.

ހަމަ އެފަދައިން ރައީސް ނަޝީދު ޖަލަށް ލުމަށް ހުކުމް ކުރުމަށްފަހު އެމްޑީޕީ ގެ ރައީސްކަމުން އެމަނިކުފާނު ވަކިކުރުމަށް މި ސަރުކާރުން ގާނޫނެއް ފާސްކޮށްފައިވަނީ ވެސް ރައްޔިތުންނާއި ރައީސް ނަޝީދާ ދެމެދު އޮންނަ އާދަޔާ ހިލާފު ގުޅުން ކަނޑުވާލުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީއިން ވަނީ ބުނެފަ އެވެ.