ރިޕޯޓް

ރާއްޖެ-ޗައިނާ ގުޅުން: ދިވެހި ވިޔަފާރިއަށް ހުޅުވެނީ ކޮން ދޮރެއް؟

  • ޗައިނާއަށް އިމްޕޯޓު ކުރާ މަހަށް ޑިއުޓީ ނުނަގާނެ
  • މުދާ އެތެރެކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް
  • ޗައިނާގެ ބިޔަ ބާޒާރަށް ދިވެހި އުފެއްދުންތައް ނެރެވޭނެ

ދުނިޔޭގެ އެންމެ ބިޔަ އިގްތިސާދަކީ ޗައިނާ އެވެ. އަދި ދުނިޔޭގެ އެންމެ ކުޑަ އިގްތިސާދުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ނަމަވެސް މި ދެ ގައުމުން މި އަހަރުގެ ތެރޭގައި މިނިވަން ވިޔަފާރީގެ ބަދަހި ގުޅުމަކުން ބަނދެލާނެ އެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އަންނާނެ އެވެ. މީގެ މާނައަކީ މި އެއްބަސްވުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ލުއި ފަސޭހަ ތަކެއް ލިބިގެން ދާނެ ކަމެވެ. ސުވާލަކީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް އޮތީ ކޮން ފައިދާއެއް ބާ އެވެ؟ މި ގުޅުމުން ދިވެހި ވިޔަފާރިވެރިންނަށް ހުޅުވޭ ދޮރުތަކަކީ ކޮބައި ހެއްޔެވެ؟

"މި ފުރުސަތަކީ ދިވެހި ވިޔަފާރިތަކަށް މިހާތަނަށް ހުޅުވޭ އެންމެ ގިނަ ފުރުސަތުތަކެއް ހުޅުވޭ ދޮރު. މި ފުރުސަތުގެ ބޭނުން ވިޔަފާރިތައް ހިފުން މުހިންމު،" އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާ އިން މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް މިހާރު ފަށާފައިވާ މަޝްވަރާތަކުގެ ދަށުން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފަ އެވެ. މިގޮތުން ވާހަކަތަކުގެ ފުރަތަމަ ބުރު ނިމި، އަންނަ މަހު އިތުރު މަޝްވަރާތަކެއް ފަށާނެ އެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ މި އަހަރުގެ ތެރޭގައި އެއްބަސްވުމަކަށް އައުމަށެވެ.

ރާއްޖެ އާއި ޗައިނާ އިން މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް ތައްޔާރުވަމުންދާއިރު، ޗައިނާއަކީ ރާއްޖެއަށް މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ގައުމެވެ. މިދިޔަ އަހަރު އެކަނި ވެސް ޗައިނާ އިން ރާއްޖެއަށް 2.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހު އެ ގައުމުން ރާއްޖެއަށް 182 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި އެވެ. މީގެ އިތުރުން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމަށްވުމުން ޓޫރިޒަމް ދާއިރާގެ ވިޔަފާރި އާއި އެއާލައިން ވިޔަފާރީގައި އުޅޭ ގިނަ ފަރާތްތަކުން ޗައިނާގެ ވިޔަފާރިވެރިންނާ ގާތް ގުޅުންތައް ބާއްވަ އެވެ. އެހެންކަމުން މި އެއްބަސްވުމުގެ ސަބަބުން މި ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ފުރުސަތު މި އޮތީ ހުޅުވިފަ އެވެ.

"ޓޫރިޒަމް ދާއިރާގައިވެސް ދިވެހިންނަށް ޗައިނާގައި ގިނަ ފުރުސަތުތަކެއް އެބަހުރި. އެކަމަކު ބައެއް ދަތިތައް ބިއުރޮ ކްރޮސީތައް ހުންނަ ގޮތުން ދިމާވޭ. އެހެންވެ މިކަމަށް ލުއިތަކެއް ލިބިއްޖެނަމަ ޓޫރިޒަމް ވިޔަފާރިއަށްވެސް ކުރިއެރުންތަކެއް ހޯދިދާނެ،" ގެސްޓް ހައުސް ވިޔަފާރީގައި ހަރަކާތްތެރިވާ ވިޔަފާރިވެރިއަކު ބުންޏެވެ.

ސުވާލަކީ ދެ ގައުމު ވިޔަފާރީގެ ގޮތުން މި ޖަހާލައި ވަރުގަދަ ގޮށާ އެކު ރާއްޖެއަށް އޮތީ ކޮޮން ފައިދާއެއް ހެއްޔެވެ؟

ޗައިނާއަށް މުދާ ބޭރު ކުރާ އިރު ޑިއުޓީ ނުނެގުން

ރާއްޖެއަކީ ބައެއް އުފެއްދުންތައް ބޭރު ކުރާ ގައުމަކަށްވުމުން ޗައިނާއާއި ރާއްޖޭގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެކު ދިވެހި "އެކްސްޕޯޓަރުންނަށް" ރުގެ ފުރުސަތުތަކެއް ތަނަވަސްވާނެ އެވެ. ހާއްސަކޮށް މަހާއި މަހުން އުފައްދާ ބާވަތްތައް ޗައިނާ މާކެޓަށް ބޭރުކޮށްގެން ބޮޑު އާމްދަނީއެއް ހޯދުމުގެ ފުރުސަތު ދިވެހި މަސް ކުންފުނިތަކަށް އޮންނާނެ އެވެ. ސަބަބަކީ ޗައިނާ މީހުންނަކީ ކަނޑު މަހާއި ކަނޑު ގޮވާމުގެ ބާވަތްތައް ކެއުމަށް ވަރު ހުންނަ ބަޔަކަށްވުމެވެ. އަދި ދިވެހި މަހުގެ ބައެއް ބާވަތްތައް މިހާރުވެސް ޗައިނާއަށް އެތެރެކުރަމުން ދިއުމެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާ ސަރުކާރާއެކު ކުރާ މަޝްވަރާތަކުގެ މައިގަނޑުގޮތެއްގައި ރާއްޖެއިން އެދެމުން އަންނަނީ ޗައިނާ މާކެޓަށް ދިވެހި އުފެއްދުންތައް ހުޅުވާލުމަށް ކަމަށެވެ. ހާއްސަކޮށް އެ ގައުމަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ޑިއުޓީ ނުނަގައި އެތެރެކުރެވޭނެ މަގު ފަހިކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށް ސައީދު ވިދާޅުވި އެވެ.

"ރާއްޖޭގެ މަސްވެރިކަމުގެ ބާވަތްތަކާއި މެރިކަލްޗާގެ ބާވަތްތަކަށް ޗައިނާގެ ބާޒާރަށް އެކްސްޕޯޓް ކުރެވޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައި އޮތީ. މަހާއި މަހުގެ ބާވަތްތަކުގެ 400 އަށްވުރެ ގިނަ ބާވަތުން ސީރޯޓެރިފްގައި ވިއްކުމަށް މަޝްވަރާ ކުރެވޭ،" ސައީދު ވިދާޅުވި އެވެ.

ރާއްޖޭން ދަނީ މަހުގެ ގިނަ އުފެއްދުންތައް ތައްޔާރު ކުރަމުންނެވެ. ސަރުކާރުގެ މައި މަސް ކާރުހާނާ ހުންނަ ފެލިވަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ވަނީ ފަަށައިގެންފަ އެވެ. މި އަޕްގްރޭޑިން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ އެވެ. ނިމޭއިރު އެ ކާރުހާނާ އިން އުފެއްދުންތެރިކަން 50 ޓަނަށް ބަދަލުވެ ދަޅު މަހާއި ޕައުޗް ފަދަ އުފެއްދުންތައް އުފައްދަން ފަށާނެ އެވެ. ޗައިނާ އާއި ރާއްޖޭގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޑިއުޓީއެއް ނެތި ދިވެހި އުފެއްދުންތައް އެތެރެ ކުރަން ފުރުސަތު ލިބިއްޖެނަމަ މިއީ ރާއްޖެއަށް ލިބޭ އާމްދަނީ އެތަށް ގުނައެއް އިތުރު ވެގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ މުޅި އިގްތިސާދަށް ފައިދާ ހޯދިދާނެ އެވެ.

ރާއްޖޭން މަސް އެކްސްޕޯޓްކުރާ އެންސިސް ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް ވިދާޅުވީ ޗައިނާ މާކެޓަށް އެތެރެކުރާ މަސް ޑިއުޓީ ނުނަގައި އެތެރެކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެނަމަ އެއީ މަސްވެރިކަމަށް ލިބޭނެ ފައިދާއެއް ކަމަށެވެ.

"މިހާރު ގާތްގަނޑަކަށް 50 ޕަސެންޓުގެ ޑިއުޓީއެއް ނަގާއެބަ. އެހެންވެ ޑިއުޓީ ނުނަގާނަމަ މިއީ ހުޅުވޭނެ ރަނގަޅު މާކެޓެއް،" ވަސީމް ވިދާޅުވި އެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ ހަ ކޯޕަރޭޓިވްއަކުން 77 އަށްވުރެ ގިނަ ބާވަތްތައް މާކެޓުގައި ދަނީ ވިއްކަމުންނެވެ. މީގެ ތެރޭގައި ފެންވަރު ރަނގަޅުކޮށް ބަންދުކޮށްފައިވާ ދިވެހި އަލަފަދަ އާ އުފެއްދުންތައް ހިމެނެ އެވެ. މީގެ އިތުރުން ލިޔެލާ ޖަހާފައިވާ ސާމާނާއި ސުވެނިޔައިގެ ގޮތުގައި ބޭނުންކުރާ ހަނދާނީ ހަދިޔާވެސް ހިމެނެ އެވެ. މި ބާވަތްތައްވެސް ރަނގަޅު ފެންވަރުގައި ޗައިނާ މާކެޓަށް އެތެރެ ކުރެވިދާނެ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާއާއެކު ކުރާ މަޝްވަރާތަކުގައި ރާއްޖޭގައި ޕްރޮޑަކްޓުގެ 30 ޕަސެންޓް އުފައްދައިފިނަމަ އެ އެއްޗަކީ ދިވެހި އެއްޗެއްގެ ގޮތުގައި ޗައިނާ އަށް އެތެރެ ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.

"މުޅި އެތީގެ ޓޯޓަލް ވެލިއުގެ 30 ޕަސެންޓަކީ ރާއްޖޭގެ އެއްޗެއްނަމަ ޗައިނާ މާކެޓަށް އެތެރެކުރެވޭނެ މަގު ތަނަވަސް ކުރަން މަޝްވަރާ ކުރެވޭ. ރާއްޖޭގެ ރިސޯސަސްގެ ގޮތުގައި ޓެލެންޓް ނޫނީ އިންސާނީ ވަސީލަތް ބޭނުން ކުރުން.އެކަމަކު އެންމެ ވޯސް ކޭސްގައި ވެސް 40 ޕަސެންޓްނަމަވެސް ޒީރޯ ޓެރިފް ނޫނީ ކުޑަ ޓެރިފެއްގައި ޗައިނާ އަށް އެތެރެކުރެވޭނެ މަގު ތަނަވަސް ކުރަން މަޝްވަރާ ކުރެވޭ،" ސައީދު ވިދާޅުވި އެވެ.

މުދާ އެތެރެކުރާ ފަރާތްތަކަށް އެންމެ ބޮޑު އުފާ

މި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ މިއީ ހަމަ ގައިމުވެސް އިމްޕޯޓަރުންގެ ހިތުގައި އުފެދޭނެ ސުވާލެކެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށްވެސް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ.

"މޯލްޑިވިއަން އާއި މެގަ މޯލްޑިވްސް ފަދަ އެއާލައިންތައް ޗައިނާއަށް ދަތުރުކުރޭ. މިގޮތަށް ކުރާއިރު މެއިންޓަނަސް ކަމެއް ޖެހުނުނަމަވެސް މި ޖެހެނީ ރާއްޖެ އަންނަން. މި އެއްބަސްވުމުގެ ދަށުން ބަލަން ޗައިނާގެ މެއިންޓަނަސްއަށް ޗައިނާގެ އެއް ޑެސްޓިނޭޝަނުން އަނެއް ޑެސްޓިނޭޝަނަލް އުދުހުމުގެ ހުއްދައަށް. އިމްޕޯޓަރުންނަށް ބޯޑަރާއި ކަސްޓަމަސް އަދި ޝިޕިން އިން އާއްމު އުސޫލުތަކުން މި އަންނަ ހުރިހާ ބިއޮރިކްރަސީތަކެއް ނެތިގެންދާނެ،" ސައީދު ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އައުން ވެގެންދާނީ ތާރީހީ ކަމަކަށެވެ. މިއާއެކު ދިވެހި ވިޔަފާރިވެރިންނަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެ އެވެ. ދެން އޮތީ މި ދޮރުތަކުން ވަނުމަށް ވިޔަފާރިވެރިން ތިބީ ތައްޔާރަށްތޯ އުފެދޭ ސުވާލެވެ؟