ފިނިޕޭޖް

"ގޭމް އޮފް ތްރޯންސް" ގެ އާ ފޮތް މި އަހަރު ވެސް ނުނިކުންނާނެ

"ގޭމް އޮފް ތްރޯންސް" ޓީވީ ސިލްސިލާގެ ޖާދޫގައި މި ޑްރާމާގެ އަސްލާ ގުޅިފައިވާ ވާހަކަ ލިޔުނު އަދި ލިޔެމުންދާ އެމެރިކާގެ ފެންޓަސީ ވާހަކަ ލިޔުންތެރިޔާ، ޖޯޖް އާރް އާރް މާޓިން ވެސް ޖެހިފައިވާ ކަހަލަ އެވެ. މި ސިލްސިލާގެ ކުރިއަށް ހުރި ވާހަކަތައް ނުނިންމައި މާޓިން ވެސް ޑްރާމާ ކުރިއަށްދާ ގޮތް ބަލަން ޖައްސާލައިގެން އޮތް ކަހަލަ އެވެ.

އެހެންވީމަ، ޑްރާމާ ސީރީޒްގެ އަސްލާ ގުޅިފައިވާ ވާހަކަ ސިލްސިލާ "އަ ސޯންގް އޮފް އައިސް އެންޑް ފަޔާ" ގެ އާ ފޮތެއް މި އަހަރު ވެސް ނުނިކުންނާނެ އެވެ. މި ވާހަކަ ސިލްސިލާގައި ކުރިއަށް އޮތީ "ދަ ވިންޑްސް އޮފް ވިންޓާ" އެވެ.

އެޗްބީއޯގެ ޑްރާމާ ބަލާ މީހުން އަބަދުވެސް ޝަކުވާކުރަނީ "ވިންޓާއެއް ނައިސްގެން" ނެވެ. އެހެންވީމަ ވާހަކަ ސިލްސިލާގައި ވެސް އަވަހަކަށް ވިންޓާ އަންނާނެ ކަމަކަށް ނުބެލެވެ އެވެ.

"ދަ ވިންޑްސް އޮފް ވިންޓާ" އަކީ މި ސިލްސިލާގެ ހަ ވަނަ ފޮތެވެ. މި އަހަރު މި ވާހަކަ ނެރޭ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް މިހާރު މި ވާހަކަ އޭގެ ކިޔުންތެރިންނާ ހަމަ އަށް އަންނާނެ ކަމަށް ލަފާކުރެވެނީ 2017 ވަނަ އަހަރު އެވެ. ފޮތް މިހާރު އޮތީ އެޑިޓްކުރުމުގެ މަރުހަލާގަ އެވެ.

އެޑިޓަރު ޖޭން ޖޯންސަން ބުނަނީ މިއީ އާދައިގެ ފޮތްތަކެއް ނޫން ކަމަށާއި މި ސިލްސިލާގެ ކޮންމެ ފޮތަކީ ވެސް އާދައިގެ ދެ ތިން ފޮތްވަރުގެ ފޮތެއް ކަމަށެވެ.

ހަ ވަނަ ފޮތުގެ ވާހަކަ ނުނިމިގެން އުޅެނިކޮށް އެޗްބީއޯ އިން މިހާރު ތައްޔާރުވެފައި ވަނީ ވާހަކައިގެ އަސްލަށް އެމީހުން އުފައްދަމުން އަންނަ ސިލްސިލާގެ ފަސް ވަނަ ސީޒަންގެ ޝޯތައް ފެށުމަށެވެ. ވާހަކަ ފޮތުގެ ކާމިޔާބީ މިފަހުން ބޮޑުވެފައި ވަނީ ވެސް ޓީވީ ޝޯގެ މަގްބޫލުކަމާ ގުޅިގެންނެވެ.

"ގޭމްސް އޮފް ތްރޯންސް" ނުވަތަ "އަ ސޯންގް އޮފް އައިސް އެންޑް ފަޔާ" އަކީ ވެސްޓާރޮސް އާއި އީސޮސް ނަމަކަށް ކިޔާ ހިޔާލީ ދެ ބައްރެއްގައި ހިނގާ ސިޔާސީ ކަތިލުމާއި ފިތުނަ އާއި ތަހުތުގެ ދަހިވެތިކަމުގައި ހިންގާ ޖަރީމާތަކުގެ ވާހަކަ އެވެ.

މި ސިލްސިލާގައި "ވިންޓާ" އަށް ފަހު ދެން ކުރިއަށް އޮތީ "އަ ޑްރީމް އޮފް ސްޕްރިންގް" އެވެ.