ވިޔަފާރި

ޑަބްލިޔުޓީއެމް ފެއާގައި އެންމެ ފުރިހަމަ ސްޓޯލުގެ އެވޯޑު ރާއްޖެއަށް

Apr 10, 2016
  • މި ފެއާގައި ރާއްޖޭން ބައިވެރި ފުރަތަމަ ފަހަރު
  • ތިން އެވޯޑެއް ރާއްޖެއަށް ލިބުނު
  • އެފްރިކާ މާކެޓު ދަނީ ރަނގަޅު ވަމުން

ދެކުނު އެފްރިކާގައި ބޭއްވި ޑަބްލިއުޓީއެމް ފެއާގެ އެންމެ ފުރިހަމަ ސްޓޯލުގެ އެވޯޑު ރާއްޖެއަށް ލިބިއްޖެ އެވެ.

އެފްރިކާ ބައްރުގެ ޓޫރިސްޓުންނަށް އަމާޒުކޮށްގެން ބޭއްވި ޑަބްލިއުޓީއެމް ފެއާގައި އެންމެ ފުރިހަމައަށް ފަރުމާކޮށްފައިވާ ސްޓޭންޑުގެ އެވޯޑު ރާއްޖޭގެ ސްޓޯލަށް ލިބުމުގެ އިތުރުން ބެސްޓް ޕާސަނަލް ސްޓޭންޑާއި ކޮސްޓް އިނޮވޭޓިވް ސްޓޭންޑުގެ އެވޯޑުވެސް ރާއްޖެއަށް ލިބިފައިވެ އެވެ. މި އެވޯޑުތަކާ ރާއްޖޭގެ ފަރާތުން ހަވާލުވީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އެވެ.

ދެކުނު އެފްރިކާގައި ބޭއްވި ޑަބްލިއުޓީއެމްގެ ތިންވަނަ ފެއާގައި ރާއްޖޭގެ ފަސް ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ. މި ފެއާގައި ރާއްޖޭގެ ސަގާފީ ގިނަ ހަރަކާތްތަކެއް ދައްކާލާފައިވެ އެވެ. މިއީ މި ފެއާގައި ރާއްޖޭން ބައިވެރިވި ފުރަތަމަ ފަހަރެވެ.

މި އަހަރުގެ ފެއާގައި ބައިވެރި ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގައި ހާއްސަ އިނާމުތަކެއް ދީފައިވެ އެވެ.

ދެކުނު އެފްރިކާ މާކެޓަކީ ރާއްޖެއަށް ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ އެއް މާކެޓެވެ. އެފްރިކާ މާކެޓުން މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 39.9 ޕަސެންޓް އިތުރުވެފަ އެވެ.