ހަބަރު

"ރާއްޖެއަކީ ދުނިޔޭގައި ވެސް ދައުލަތުން ވެކްސިން ގަންނަ ހަމައެކަނި ގައުމު"

އޭޝިއާގެ ގައުމުތަކުގެ އިތުރުން މުޅި ދުނިޔެއަށް ބެލިނަމަވެސް ރާއްޖެއަކީ ދައުލަތުގެ ބަޖެޓުން ވެކްސިން ގަންނަ ހަމަ އެކަނި ގައުމު ކަމަށް ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

އިރުތިޝާމް މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނެވެ. މިނިސްޓަރު ވިދާޅުވީ ސަރަހައްދީ އަދި ދުނިޔެ ފެންވަރުގައި ރާއްޖެއިން ގިނަ ކުރިއެރުންތަކެއް ހަލުވިކަމާއި އެކު ހޯދަމުން އަންނަ ކަމަށާއި އެގޮތުން ވިހެއުމުގެ ތެރޭގައި މައިންނާއި ތުއްތު ކުދިން މަރުވާ ރޭޓު އެންމެ ދަށް އަދަދެއްގައި ހުރި ގައުމު ގޮތުގައި ރާއްޖެ ފާހަގަކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކުޑަކުދިން މަރުވާ އަދަދު ކުޑަ ކުރުމަށް ޅަފަތުގައި ޖެހޭ ބަލިތަކުން ދިފާއު ކުރުމަށް ދެވޭ ވެކްސިން ބޭހަށް ރާއްޖެއިން ކުރާ ހޭދަ ފާހަގަކޮށްލަން ޖެހޭ ކަމަށާއި އެގޮތުން ޅަފަތުގެ އަދި އެންމެ ތުއްތު ކުދިންނަށް ވެކްސިން ދިނުމުގައި ރޭޓަށް ބަލައި އިރު 99 ޕަސަންޓު ކާމިޔާބުކޮށްފައިވާ ކަމަށެވެ.

"އެހެން ކަމުން މި ސަރަހައްދު އަދި ދުނިޔެއަށް ބަލައި އިރު ރާއްޖެއަކީ ދައުލަތުގެ ބަޖެޓުން ވެކްސިން ގަންނަ ހަމަ އެކަނި ސަރުކާރު ކަމުގައި ފާހަގަ ކުރެވޭ. މިއީ އަޅުގަނޑުމެން އުފާ ކުރަން ޖެހޭ ބޮޑު ކާމިޔާބެއް،" އިރުތިޝާމް ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި ތަފާސް ހިސާބުތަކުގައި 1970 ވަނަ އަހަރު ރާއްޖޭގައި އުފަންވީ ކޮންމެ 1000 ކުދިންގެ ތެރެއިން 30 ކުދިން ވަނީ ޅަފަތުގައި މަރުވެފައި. ނަމަވެސް 2014 ވަނަ އަހަރު އަހަރު އެއަދަދު ވަނީ އަށް ކުދިންނަށް ދަށް ކުރެވިފަ އެވެ. އަދި ޅަފަތުގައި އަދި އުމުރުން 28 ދުވަސް ނުވަނީސް މަރުވާ ކުދިންގެ އަދަދު 90 ގެ އަހަރު ތެރޭގައި ކޮންމެ 1000 އަކުން 37 ކުދިން މަރުވާ އިރު 2014 ވަނަ އަހަރު އެއަދަދު ވަނީ ފަސް ކުދިންނަށް މަދު ކުރެވިފަ އެވެ.