އެމްޑީޕީ

އެމްޑީޕީ އިން ކޮމަންވެލްތަށް: މަޝްވަރާ ކުރާނީ ސިޔާސީ މީހުން ދޫކުރުމުން

Apr 10, 2016
2

ޖަލުގައި ތިބި ސިޔާސީ ލީޑަރުން މިނިވަން ނުކުރަނިސް ސިޔާސީ މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަން އެމްޑީޕީ އިން ކޮމަންވެލްތަށް އަންގައިފި އެވެ.

ކޮމަންވެލްތްގެ ސެކެޓަރީ ޖެނެރެލް ޖޯސެފީން އޮޖިއާންބޯއާ އެކު މިއަދު ބޭއްވި ބައްދަލު ވުމަށް ފަހު، އެމްޑީޕީ އިން ނެރުނު ނޫސްބަޔާނުގައި ބުނީ ރާއްޖެ މިއަދު މި އޮތް ހާލަތުން އަރައިގަނެ އަމާންކަން ގާއިމް ކުރުމަށް ސަރުކާރާ އެކު މަޝްވަރާ ކުރަން އެމްޑީޕީ އިން ވެސް ތާއީދު ކުރާ ކަމަށް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް މަޝްވަރާތައް ކުރެވޭނެ ފަދަ އިތުބާރު ހުރި މާހައުލެއް ގާއިމް ކުރުމަށް ޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެއްވެސް ޝަރުތެއް ނެތި، ސިޔާސީ ހައްޔަރީން ދޫކޮށްލުން ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

"އެހެންކަމުން މިފަދަ މާޙައުލެއް ޤާއިމުކުރެވޭނީ ހައްޔަރުކުރެވިފައިވާ ނުވަތަ ބޭއިންސާފު ޝާރީޢަތް ހިންގަައި ޖަލަށްލާފައިވާ ސިޔާސީ ވެރިން އެއްވެސް ޝަރުތެއްނެތި މިނިވަންކޮށްގެން ކަމުގައި އެމް.ޑީ.ޕީން ޑެޕިއުޓީ ސެކެޓަރީ ޖެނެރެލް އަރިހުގައި ދެންނެވިއެވެ. އަދި އިސްވެދެންނެވުނު ކަންކަން ފުރިހަމަ ނުވަނީސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެމް.ޑީ.ޕީން ބައިވެރިނުވާނެ ކަމުގައިވެސް ޑެޕިއުޓީ ސެކެޓަރީ ޖެނެރެލް އަރިހުގައި ދެންނެވިއެވެ،" ބަޔާނުގައިވެ އެވެ.

މި ބައްދަލުވުމުގައި، ފެބްރުއަރީ މަހު ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުގެ ފަރާތުން ކަންބޮޑުވުން ފާޅުކުރައްވައި އިސްލާހުކުރުމަށް ސަރުކާރަށް ހުށަހެޅުއްވި ހުރިހާ ކަމަކާ ގުޅޭ ގޮތުން އެމްޑީޕީގެ ފަރާތުން ތައްޔާރުކޮށްފައިވާ ތަފްސީލީ ކަރުދާހެއް ކޮމަންވެލްތްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލަށް އެމްޑީޕީ އިން ވަނީ އަރުވައިފަ އެވެ. މި ކަރުދާހުގައި ފެބްރުއަރީ މަހު ސީމެގުން ނިންމެވި ހުރިހާ ކަމަކާ ގުޅޭ ގޮތުން ސަރުކާރުން އަމަލުކުރައްވާ ގޮތުގެ ތަފްސީލު ހިމެނޭނެ ކަމަށް އެމްޑީޕީ އިން ބުންޏެވެ.