ހަބަރު

ހަ އެއްބަސްވުމެއްގައި ރާއްޖެ-އިންޑިއާ ސޮއިކޮށްފި

ރާއްޖެ އާއި އިންޑިއާ ދެމެދު ގުޅުން ހަރުދަނާ ކޮށް ދެ ގައުމުން އެކި ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭ ހަ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފި އެވެ. އެ އެއްބަސްވުންތައް މައިގަނޑު ގޮތެއްގައި ހުރީ ތިން ދާއިރާ އަކުންނެވެ.

އިންޑިއާގެ ހައިދްރާބާދް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ އެސް ޖައިޝަންކަރް އާއި އިންޑިއާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނާ އަހުމަދު މުހައްމަދު އެވެ.

އިންޑިއާ-ރާއްޖެ ސޮއިކުރި އެއްބަސްވުންތައް:

  • ވައިގެ ދަތުރުތަކުން ނަގާ ޑަބަލް ޓެކްސް ކުޑަކުރުމުގެ އެއްބަސްވުން
  • ރާއްޖޭގައި ދިރާސާތައް ކުރުމާއި މިސްކިތްތައް މަރާމާތުކޮށް ރައްކާތެރިކޮށް ބެލެހެއްޓުމުގައި އެހީވުމާ ބެހޭ އެއްބަސްވުން
  • ސައުތު އޭޝިއާ ސެޓްލައިޓް "އޯބިޓް ފްރެކުއެންސީ ކޯޑިނޭޝަން" އާ ބެހޭ އެއްބަސްވުން
  • ޓެކްސްގެ ދާއިރާއިން ދެ ގައުމުން މައުލޫމާތު ހިއްސާކުރުމާ ބެހޭ އެއްބަސްވުން
  • ޓޫރިޒަމް ދާއިރާ ތަރައްގީކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުން
  • ފުލުހުންގެ ޓްރެއިނިން އިންސްޓިޓިއުޝަނެއް އެޅުމާ ބެހޭ އެއްބަސްވުން.

މިއަދު ހައިދްރާބާދް ހައުސްގައި ރައީސް އަބްދުﷲ ޔާމީން ވަނީ އިންޑީއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބައްދަލުވުކުރައްވާފަ އެވެ. އަދި މޯދީ ވަނީ ރައީސް ޔާމީންނަށް ހާއްސަ ޖާފަތެއް ވެސް ދެއްވާފަ އެވެ.