ހަބަރު

ނޫސްވެރީންނަށް ޖިނާއީ ދައުވާ އުފުލުމުން ބްރޯޑްކޮމް އިން ކަންބޮޑުވެއްޖެ

ރާއްޖޭގެ ބްރޯޑްކާސްޓިން ސްޓޭޝަންތަކުގައި މަސައްކަތްކުރާ ބައެއް ނޫސްވެރީންނަށް ޖިނާއީ ދައުވާތައް އުފުލެމުންދާތީ ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައެއް ނޫސްވެރިންނަށް ޖިނާއީ ދައުވާތައް އުފުލަމުންދާ ކަމުގެ މައުލޫމާތު މީޑިއާގެ ޒަރިއްޔާއިން ލިބެމުންދާ ކަމަށާއި އެއީ، ބްރޯޑްކާސްޓަރުންގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން، އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

ބްރޯޑްކާސްޓަރުން އެފަރާތްތަކުގެ ޒިންމާ އަދާކުރައްވަމުން ގެންދަވާއިރު ހުރިހާ އިރެއްގައިވެސް، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި ކޯޑް އޮފް ޕްރެކްޓިސްގެ ދަށުން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް ފުރިހަމައަށް ތަބާވުމަށާއި ޒިންމާދާރުވުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން އެއްބާރުލުން ދެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.