ބޭރު ކުޅިވަރު

ރެއާލް ކަޓުވާލަން ގިނަ ބަޔަކު އެދޭ: ޒިދާން

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން ރެއާލް މެޑްރިޑް ކަޓުވާލަން ގިނަ ބަޔަކު އެދޭ ކަމަށާއި ނަމަވެސް އެކަމަށް ވިސްނައިގެން ކުޅެފިނަމަ މުބާރާތުގެ ސެމީ ފައިނަލަސް ދެވިދާނެ ކަމަށް ރެއާލް މެޑްރިޑުން ބުނެފި އެވެ.

ކޯޗު ޒައިނުއްދީން ޒިދާން މިހެން ބުނީ ޖަރުމަނުގެ ވުލްފުސްބާގާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިންނެވެ. މި މެޗަށް ނުކުންނައިރު ރެއާލް އަށް ސެމީ ފައިނަލަށް ދެވޭނީ އަމިއްލަ ދަނޑުގައި މިރޭ ތިން ލަނޑުން މޮޅުވެގެންނެވެ. އެއީ ޖަރުމަނުގައި ކުޅެގެން 2-0އިން ބަލިވެފައިވާތީ އެވެ.

"ވަރަށް ގިނަ ވާހަކަތައް އެބަދެކެވޭ އަހަރުމެން ކަޓުވާލަން ނުވަތަ ކަޓާނެކަމަށް. އެކަމަކު އަހަރެން ވިސްނަނީ އެއާ މުޅިން ތަފާތުކޮށް. އަހަރުމެން ޖެހެނީ އަހަރުމެންގެ ވިސްނުމުގެ ބޭނުންހިފަން. އަހަރުމެންނަށް މި މެޗުން މޮޅުވެވޭނީ 10 ނުވަތަ 15 މިނިޓަކުންނޫން. މުޅި މެޗުގައި ވަރަށް ފަރުވާތެރިވާންޖެހޭނެ. އެމީހުން ގޯލެއް ޖަހައިފިއްޔާ އަހަރުމެންނަށް ވަރަށް އުނދަގުވާނެ،" ޒިދާން ބުންޏެވެ.

2002 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ރެއާލް އަށް ކާމިޔާބުކޮށްދިން ލަނޑު ޖެހި ކުޅުންތެރިޔާ ބުނީ ވުލްފުސްބާގެ މެޗު ފަށާނީ ވެސް ވަރަށް ފޯރީގައި ކަމަށާއި އޭނާގެ ކުޅުންތެރިން އެފަދަ ފޯރިއެއް ދައްކަންޖެހޭނެ ކަމަށެވެ.

"ކުޅުންތެރިންނަށް އެނގޭނެ އެމީހުން މި މެޗުގައި ކުރަންވީ ކަންތަކާއި ނުކުރަންވީ ކަންތައް. އަހަރެން އެމީހުންގެ ވާހަކަ ދައްކާކަށް ނެތިން. އަހަރުމެން ތައްޔާރުމިވަނީ މި މެޗުން މޮޅުވާން. ސެމީ ފައިނަލަށް ދާން،" ޒިދާން ބުންޏެވެ.

އަނިޔާގެ ސަބަބުން މި ދެ ޓީމު ކުޅުނު މެޗުގައި ދަނޑުން ފައިބަންޖެހުނު ރެއާލްގެ ފޯވަޑް ކަރީމް ބެންޒެމާ ވެސް މިހާރު ވަނީ މުޅިން ފިޓްވެފަ އެވެ.