ރިޕޯޓް

މޯލްޑިވިއަން ސީޕްލޭން: އުދުހިގަނެ ދުވެލި ފައްސިޔަކޮށްލައިފި!

  • ސީޕްލޭންގެ ހިދުމަތް ފެށީ 2014 ވަނަ އަހަރު
  • ހިދުމަތް ފެށީ އެންމެ ބޯޓަކުން
  • މި އަހަރު އިތުރު ހަތަރު ބޯޓު ހޯދާނެ

ތިން އަހަރު ފަހަތަށް ގޮސް މިތަނުގައި ހުއްޓޭނަމަ ފެންނަނީ ހަނަވަސް ތަނެކެވެ. ބައިނަލް އަގުވާމީ ވައިގެ ބަނދަރުގެ ރަންވޭ ބިތްދޮށުގައި ހުއްޓިފައިވާ ފެންގަނޑެކެވެ. އޭރުމިއީ ކަފިއްސާއި ކަކުނީގެ ގެދޮރެވެ. ނަމަވެސް އޭގެ ތިން އަހަރު ފަހުން މިއަދު މި ތަނުން ދިރުން ފެނިއްޖެ އެވެ. މިހާރު މި ތަނުގެ ކާރުބާރު ބޮޑެވެ. ތާއަބަދު ވައިގެ އުޅަނދުތައް ފެނަށް ޖައްސާ، ނަގަނީ އެވެ. މި ހުރެވުނީ ގައުމީ އެއާލައިން "މޯލްޑިވިއަންގެ ސީޕްލޭން" ބޭހުގަ އެވެ.

"އަޅުގަނޑުމެން މިތަނަށް އައިއިރު މިއީ ހަނަފަސް ބިމެއް. އޭރު މިތަން އޮތީ ގިރާފަ،" އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ހަދާފައިވާ މޯލްޑިވިއަން ސީޕްލޭން ހިދުމަތްދޭ ތަނުގައި ހުންނަވާ "އަވަސް" އަށް ވާހަކަ ދައްކަމުން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަނުން ސީޕްލޭން ނުވަތަ މޫދައް ޖައްސާ ބޯޓުގެ ވިޔަފާރީގެ ތެރެއަށް އުދުހެން ފެށީ 2014 ވަނަ އަހަރު އެވެ.
އޭރު، މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި ނަޝާތު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ އެ ކުންފުނިން މިތަނުގައި ކުރި މަސައްކަތަކީ ސީޕްލޭން ޖެއްސުމަށް ހާއްސަ ޕްލެޓްފޯމްތަކެއް މޫދުގައި އެޅުމުގެ މަސައްކަތް ކަމަށެވެ.

"ސީޕްލޭން ޕްލެޓްފޯމްގެ މަސައްކަތް ނިމުމުން ދެން ކުރި ކަމަކީ ޓާމިނަލްއަކާއި ހެގަނރެއް ހެދުން،" ނަޝާތު ވިދާޅުވި އެވެ.

މި މަސައްކަތް ވެގެން ދިޔައީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފިޔަގަނޑުގެ ދަށަށް މުޅިންއާ ވިޔަފާރިއެއް ނިވާވި ނިވާވުމަކަށެވެ. ބޭނުމަކީ ރާއްޖޭގައި ފުޅާވެ ތަރައްގީވަމުން ދިޔަ ޓޫރިސްޓް ރިސޯޓުތަކަށް ޓޫރިސްޓުން އުފުލުމުގެ ހިދުމަތް ދިނުމެވެ. މިގޮތުން މޯލްޑިވިއަން ސީޕްލޭންގެ ފުރަތަމަ ދަތުރުކޮށްފައިވަނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މި ހިދުމަތް ފެށީ މޫދައްޖައްސާ އެންމެ ބޯޓެއް ގެނެސްގެންނެވެ. ނަމަވެސް މިއަދު އެ ކުންފުނީގެ ޓުއިންއޮޓާ މަރުކާގެ ހަ މަތިންދާ ބޯޓު އެބަ އޮތެވެ.

ނަޝާތު ވިދާޅުވި ގޮތުގައި ފުރަތަމަ ދުވަހުން ފެށިގެން ސީޕްލޭންގެ ވިޔަފާރި ފުޅާކުރަމުންދާ ކަމަށެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް ސީޕްލޭންގެ އަދަދު 10 އަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިދުމަތް ދުވަހުން ދުވަހަށް މިދަނީ ރަނގަޅު ކުރަން. ސީޕްލޭންގެ އަދަދުވެސް އިތުރު ކުރަމުން،" ނަޝާތު ވިދާޅުވި އެވެ.

ސީޕްލޭންގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން މޯލްޑިވިއަން އިން މިހާރު މިވަނީ ފުރިހަމަ ޓާމިނަލެއް ފައްކާ ކުރުމުގެ މަސައްކަތް ވެސް ކުރަމުނެވެ. މި ތަނުގައި ރިސޯޓުތަކަށް ހާއްސަ ކޯނާތަކާއި ރެސްޓޯރެންޓް އަދި ޓޫރިސްޓުން އަރާމުކޮށްލައި މަޑުކޮށްލާނެ ތަނަވަސް ޖާހަ ހަދާފައިވެ އެވެ.

ނަޝާތު ވިދާޅުވި ގޮތުގައި ސީޕްލޭން މަސައްކަތް ފެށިގެން އައީ "އެންމެ އައިޑިއަލް" ގޮތެއްގައި ނޫން ކަމަށެވެ.

"މީގައި ސްޓާފުން ހުރިހާވެސް ބަޔަކީ. ކޮންޓެއިނާތަކުގައިވެސް އޮފީސް ހަދައިގެން މަސައްކަތް ކުރި. ސްޓާފުންގެ އިހުލާސްތެރިކަމާހުރެ މިހިސާބަށް މިއާދެވުނީ. އަނެއްހެން ބުނަންޏާ ވަރަށް ސްމޫތްކޮށް ދިޔައީ ޓޫރިސްޓުނަށް ދެވުނީ،" ނަޝާތު ވިދާޅުވި އެވެ.

މޯލްޑިވިއަން ސީޕްލޭންގައި 100 އެއްހާ މީހުން މަސައްކަތް ކުރެ އެވެ. މީގެތެރޭގައި ގިނައީ ދިވެހިންނެވެ. މި މުވައްޒަފުންގެ މެޖޯރިޓީއަކީ ޒުވާނުންނެވެ.

ނަޝާތު ވިދާޅުވީ މި މަސައްކަތް ފެށިއިރު ވަސީލަތްތަކުގެ ދަތިކަން ބޮޑު ކަމަށެވެ.

"ފުރަތަމަ ވަރަށް ދަތިކޮށް އުޅުނީ. އެކަމަކު މިހާރު އޭރު އުޅުނު ދަތިހާލެއް ހިތަކަކަށް ނާރަ. މިހާރު މުޅިތަން ނިމުމަކާ ކައިރިއަށް މިދަނީ. މިހާރު އިރާދުކުރެއްވިއްޔާ ވަރަށް ހިތްހަމަ ޖެހިލައިގެން މި އުޅެނީ،" ނަޝާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނީގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މޯލްޑިވިއަން ސީޕްލޭންގެ މުސްތަގުބަލް ވަރަށް އުޖާލާ. އަޅުގަނޑުމެން ހަ ބޯޓު ގެނެވި ފަސް ރިސޯޓަކާއެކު މިއޮތީ އެގްރީމަންޓް ހެދިފައި. ދެންއަނެއްކާ އިތުރު ރިސޯޓު ވެސް އެގްރީމަންޓް ހެދޭނެ. އެހެންވެ ފެންނަނީ ވަރަށް އުޖާލާކޮށް،" ނަޝާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސީޕްލޭން އޮޕަރޭޝަންއަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.

"އަޅުގަނޑުމެން މި އޮޕަރޭޝަން ކުރިއަށް މި ގެންދަނީ މިއީ ބޮޑު ޗެލެންޖެއްކަން އެނގިތިބެ. އެކަމަށް ހުރިހާ ސްޓާފުންވެސް މަސައްކަތް ކުރޭ. ސްޓާފުންގެ އެއްބާރުލުމާއެކު ކުރިއަށް މިދަނީ،" ނަޝާތު ވިދާޅުވި އެވެ

ހަނަފަސް، "މަރުވެފައި" އޮތް ބިމަކުން އުދުއްސައިގަތް މޯލްޑިވިއަން ސީޕްލޭންގެ މިސްރާބު މިހާރު ހުރީ ހެޔޮވަރު ދުވެލީގަ އެވެ. ކުންފުނީގެ މަގުސަދަކީ ދިވެހިންނާއި ރާއްޖެ އަންނަ މެހުމާނުންނަށް އެންމެ ރަނގަޅު ހިދުމަތެއް ދެވޭ ފެންވަރުގެ ފުރިހަމަ ބަޔަކަށް "މޯލްޑިވިއަން ސީޕްލޭން" ވެސް ހެދުމެވެ.