ދިވެހި މީޑިއާ

"ޔެސް" ޗެނަލް އިފްތިތިހާކޮށްފި

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުޅިވަރާއި މުނިފޫހި ފިލުވުމަށް ހާއްސަ ޓީވީ ޗެނަލް "ޔެސް" އިފްތިތާހްކޮށްފި އެވެ. މިހާރު އޮލިމްޕަހުގައި ކުރިއަށްދާ ހާއްސަ ރަސްމިއްޔާތެއްގައި މި ޗެނަލް އިފްތިތާހްކޮށްދެއްވީ ރައީސް އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމެވެ.

މި ޗެނަލަކީ ކުޅިވަރަކަށް ހާއްސަކޮށްގެން އާ ގާނޫނެއް ވުޖޫދަށް ގެނެސް އެ ގާނޫނުގެ ތެރެއިން އުފައްދާ ޗެނަލެކެވެ. މިއީ ޒުވާނުންނަށް ކުޅިވަރާއި މުނިފޫހި ފިލުވުމަށް ހާއްސަ ޗެނަލެކެވެ.

މި ޗެނަލުން ޒުވާނުންނަށް ބޭނުންވާ ކުޅިވަރާއި މުނިފޫހި ފިލުވައިދިނުމުގެ އެންމެ ފަހުގެ މައުލޫމާތުތައް ގެނެސްދޭނެ ކަމަށް ޕީއެސްއެމުން ކުރިން ބުނެފައިވެ އެވެ. މިޗެނަލް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ސެޓްލައިޓު މެދުވެރިކޮށ ލިބޭއިރު ދުނިޔޭގެ ގްލޯބްގެ ތިންބައި ކޮށްފައި ދެބަޔަށް މި ޗެނަލްގެ ސިގްނަލް ލިބޭނެ އެވެ. އަދި މީގެ އިތުރުން ޗެނަލް ވުޖޫދަށް އަންނަ ދުވަހުން ފެށިގެން މި ޗެނަލް ސްޓްރީމް ކުރެވޭނެ ކަމަށް ޕީއެސްއެމުން ކުރިން ބުނެފައިވެ އެވެ.

މިޗެނަލް މީޑިއާ ނެޓުން 124 އިން ލިބޭނެ ކަމަށް ޕީއެސްއެމުން ބުނެ އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ މުހައްމަދު އިކުރާމް އަބްދުއް ލަތީފް ވިދާޅުވީ ޔެސް ޗެނަލަކީ ރައީސް ޔާމިންގެ ކެމްޕޭން ވައުދުތަކުގައި ހިމެނޭ ކަމެއް ކަމަށެވެ. މިޗެނަލުން ޒުވާނުންނަށް ބޭނުންވާނެ ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށެވެ. އިކުރާމްގެ ވާހަކައިގައި ރައީސް ޔާމިނަށް "ޔެސް" ބުނަންވީ ސަބަބުތައް ފާހަގަކުރެއްވި އެވެ.

ޕީއެސްއެމުން މިހާރުވެސް ދަނީ އިތުރު ޗެނަލްތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ކަމަށް ޕީއެސްއެމުން ބުނެ އެވެ. އޭގެތެރޭގައި އިސްލާމިކް ޗެނަލަކާއި، ތައުލީމީ ޗެނަލެއް އަދި އިނގިރޭސިބަހުން ގެނެސްދޭ ޗެނަލެއް އަދިވެސް އެހެން ޗެނަލްތަކެއް އުފައްދަން ނިންމާފައިވާ ކަމަށް ޕީއެސްއެމުން ބުންޏެވެ.