ބޭރު ކުޅިވަރު

މެސީ އަށްވުރެ ސިމިއޯނީ އަަށް ނުރައްކަލީ ސުއަރޭޒް

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރާ މެޗުގައި ބާސެލޯނާއިން ހުއްޓުވަން އެންމެ މުހިންމު ކުޅުންތެރިއަކީ ލުއިސް ސުއަރޭޒް ކަމަށް އެތްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފި އެވެ.

"އަހަރުމެން އެބަޖެހޭ އެޓޭކްކުރަން. ހަމައެއާއެކު އެފަދަ ދެވަނައެއްނެތް ފޯވަޑް، މިސާލަކަށް ބުނާނަމަ ލުއިސް ސުއަރޭޒް ހުއްޓުވަންޖެހޭ،" ކޯޗު ބުންޏެވެ.
މިދެ ޓީމު ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުން އެތްލެޓިކޯ ބަލިވީ 2-1އިންނެވެ. އެ މެޗުގެ ފުރަތަމަ ލަނޑު ޖެހި ފެނާންޑޯ ޓޮރޭޒަށް މި މެޗުގައި ނުކުޅެވޭނެ އެވެ. އެއީ އެ މެޗުގެ ވަރަށް ކުރީކޮޅު އޭނާ އަށް ރަތްކާޑު ދައްކާފައިވާތީ އެވެ.

މި މެޗާ ބެހޭ ގޮތުން ބާސެލޯނާގެ އާޖެންޓީނާ ފޯވަޑް ލަޔޮނަލް މެސީ ބުނީ އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވި ނަމަވެސް އޭނާ އާއި ބާސެލޯނާގެ ކުޅުންތެރިންގެ ވިސްނުން ހުރީ ތައްޓަށް ކަމަށެވެ.

"އަހަރުމެން މުޅި އަހަރުގައި ވެސް މަސައްކަތް މިކުރީ ތަށި ހޯދަން. އެވިސްނުން ބަދަލެއްނުވޭ. އަހަރުމެންނަށް މިރޭ ވެސް މޮޅުވެވޭނެ،" މެސީ ބުންޏެވެ.

އޭނާ މިހެން ބުނިއިރު ފާއިތުވެދިޔަ ފަސް އަހަރު ތެރޭގައި ގޯލެއް ނުޖެހި 400 މިނިޓާ ގާތަށް މެސީ ވަނީ ހުންނަންޖެހިފަ އެވެ. ކެރިއަރުގެ 500 ވަނަ ގޯލު ޖަހަން ފުރުސަތުލިބި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް އޭނާ އަށް ގޯލެއް ނުޖެހުނެވެ. ނަމަވެސް އަލުން ފޯމަށް އައުމަށް އޭނާ ހުރީ ވަރަށް އުއްމީދުގަ އެވެ.