ބޭރު ކުޅިވަރު

ފުރަތަމަ ފަހަރަށް މެން ސިޓީ ސެމީ އަށް

ފްރާންސްގެ ޕީއެސްޖީ 1-0އިން ބަލިކޮށް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.

މި މެޗުގެ ހަމައެކަނި ލަނޑު ޖެހީ ކެވިން ޑެބްރޫނޭ އެވެ. އެއީ ސިޓީގެ ސާޖިއޯ އަގުއެރޯ އަތުން ޕެނަލްޓީ އެއް ނާކާމިޔާބުވެފައިވަނިކޮށެވެ. މިއީ އެންމެ ފަހުން ޖެހި ތިން ޕެނަލްޓީގެ ތެރެއިން އަގުއެރޯ އަތުން ނާކާމިޔާބުވި ދެ ވަނަ ޕެނަލްޓީ އެވެ.

މި ދެ ޓީމު މީހެ ހަފުތާއެއް ކުރިން ފްރާންސްގައި ކުޅުނު މެޗުން 2-2އިން ވީ އެއްވަރެވެ.

ސިޓީ ސެމީ ފައިނަލަށް ދިއުމުން އެ ޓީމު ހިމެނެނީ އިނގިރޭސި ވިލާތުން މި މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ 10 ވަނަ ޓީމަށެވެ.
މެޗަށް ފަހު ޑެބްރޫނޭ ބުނީ މި ކާމިޔާބީއަކީ ހައްގު ކާމިޔާބީއެއް ކަމަށާއި ކުރިއަށް އޮތް ސެމީ ފައިނަލް މެޗަކީ ވެސް ސިޓީ އަށް ކާމިޔާބު ކުރެވޭނެ މެޗެއް ކަމަށެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގޯލްކީޕަރު ޖޯ ހާޓް ބުނީ ސިޓީގެ ކޮންމެ ކުޅުންތެރިއަކު ވެސް މި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވި ކަމަށެވެ.

"އަހަރުމެންނަށް މިއީ އެހާ ފަސޭހަ ސީޒަނެއްނޫން. ހާއްސަކޮށް ސީޒަންގެ ފެށުން ދިޔައީ ގޯސްކޮށް. މިހެންވެ ޗެމްޕިއަންސް ލީގުގެ ނިމުން ރަނގަޅު ކުރަން މުޅި ޓީމު ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި،" މެޗުގައި މޮޅު ތިން ސޭވްކުރި ހާޓް ބުންޏެވެ.