ބޭރު ކުޅިވަރު

ފެންވަރު ދައްކާލައި ރެއާލް ގޮވައިގެން ރޮނާލްޑޯ ސެމީ އަށް

ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ އަސްލު ފެންވަރު ދައްކާލި މެޗުގައި ވުލްފުސްބާގް 3-0އިން ބަލިކޮށް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ރެއާލް މެޑްރިޑް ރޭ ދަތުރުކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ރޮނާލްޑޯ ހެޓްރިކް ހެދީ ތިން ލަނޑުން މޮޅުވާން ރެއާލް އަށް މަޖުބޫރުވެފައިވަނިކޮށެވެ. އެއީ މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި 2-0އިން ރެއާލް ބަލިވެފައިވާތީ އެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ތިން ލަނޑާއެކު މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 16 އަށް އަރައިފަ އެވެ. ޗެމްޕިއަންސް ލީގުގެ އެއް މުބާރާތެއްގައި އެންމެ ގިނަ ލަނޑ ޖަހާފައިވަނީ ވެސް ރޮނާލްޑޯ އެވެ. އެއީ 17 ލަނޑެވެ.

ރޮނާލްޑޯއާ މެދު ޒިދާންގެ ބަސް:

މެޗަށް ފަހު ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ރޮނާލްޑޯ އޭނާއަކީ ކާކުކަން ދުނިޔެ އަށް އަނެއްކާ ވެސް ދައްކައިދީފި ކަމަށެވެ.

"މި ފަދަ މެޗެއްގައި ތިން ލަނޑު ޖެހުމަކީ ފަސޭހަކަމެއްނޫން. ވަރަށް މަދު މީހަކަށް މިކަން ކުރެވޭނީ. ރޮނާލްޑޯ ދައްކައިދީފި އޭނާ އަކީ އަދިވެސް އެއްވަނަކަން. ޓީމަށް އޭނާގެ ބޭނުން ވަރަށް މުހިންމު. އަދި އަހަރެންގެ ކުޅުންތެރިން މިރޭ ވަރަށް ރަނގަޅަށް ކުޅުނު،" މެޗަށް ފަހު ޒިދާން ބުންޏެވެ.

މެޗަށް ފަހު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ގެރެތް ބޭލް ބުނީ ރެއާލް މެޑްރިޑުން ފެންވަރު ސާބިތުކޮށްދީފި ކަމަށެވެ.

"އަހަރުމެންނަށް ހައްގު ދެ ވަނަ ފުރުސަތު. އަހަރުމެންނަށް އެނގޭ މި މެޗު ކިހާ އުނދަގޫވާނެކަން. އެކަމަށް އަހަރުމެން ވަރަށް ތައްޔާރުވިން،" ބޭލް ބުންޏެވެ.

ވުލްބުސްގާގެ ކޯޗުގެ ބަސް:

މެޗަށް ފަހު ވުލްފުސްބާގްގެ ކޯޗު ބުނީ އޭނާގެ ޓީމަށް މެޗުން މޮޅުވާން ދެ ކަމެއް ކުރަން ޖެހުނު ކަމަށެވެ.

"އަހަރުމެން ރަނގަޅަށް ޑިފެންސް ކުރަން ޖެހޭ. އެކަމެއްނުވި. ދެން އަހަރުމެން ގޯލެއް ޖަހަންޖެހޭ. އެކަމެއް ވެސް ނުވި. މިއީ މުބާރާތުން ކަޓަންޖެހުނު މައިގަނޑު ސަބަބަކީ،" ކޯޗު ބުންޏެވެ.