ތިމާވެށި

ވެލާ ކަހަނބު ހިމާޔަތް ކުރުމުގެ ފެސްޓިވަލެއް ބާއްވަނީ

ވެލާ ކަހަނބު ހިމާޔަތްކޮށް އެ ތަކެއްޗަށް ރައްކާތެރި މާހައުލެއް ގާއިމްކޮށް އެކަމަށް ހޭލުންތެރި ކުރުމުގެ ގޮތުން ލ. އަތޮޅުގައި ފެސްޓިވަލެއް ބާއްވަން ހަމަޖައްސައިފިއެވެ.

"ޓާޓަލްސް އިން ލާމު – ސޭފް އެންޑް ޕްރޮޓެކްޓެޑް" ނަމުގައި ބާއްވާ މި ފެސްޓިވަލް ކުރޔަށް ގެންދާނީ ލ. އަތޮޅުގައި ހިންގާ ރިޒޯޓެއް ކަމަށްވާ، ސިކްސް ސެންސަސް ލާމުއާ ފުލުހުންނާއި ގުޅިގެންނެވެ.

ފުލުހުން ބުނީ އެއް ދުވަހަށް ލ. އަތޮޅުގައި ކުރިޔަށްދާ މި ފެސްޓިވަލްގެ ބޭނުމަކީ އެ އަތޮޅަކީ ވެލާ ކަހަނބު ގިނަ އަދަދަކަށް އުޅޭ އަތޮޅަކަށް ވެފައި އެތަކެތީގެ ރައްކާތެރި ކަމާއި ހިމާޔަތަށް ކުރަންޖެހޭ މަސައްކަތްތައް ރައްޔިތުންގެ ސަމާލުކަމަށް ގެނެސް ހޭލުންތެރިކުރުން ކަމަށާއި ގާނޫނީ ގޮތުން ހިމާޔަތް ކޮށްފައިވާ ވެލާ ކަހަނބުގެ ބާވަތްތައް ނަގައި އެއިން ވިޔަފާރި ކުރުމާއި ކެއުން ބުއިމުގެ ގޮތުންވެސް އެތަކެތި ބޭނުންކުރުން މަދުކުރުން ކަމަށެވެ.

މި ފެސްޓިވަލް ގައި ލ. މާވަށު ސްކޫލާއި، މާމެންދޫ ސްކޫލާއި، ހިތަދޫ ސްކޫލުގެ އިތުރުން އިހައްދޫ ސްކޫލާއި އެ އަތޮޅު ތައުލީމީ މަރުކަޒު އަދި ހަމަދު ބިން ހަލީފާ އަލްސާނީ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން ބައިވެރިވާނެ ކަމަށާއި ފުލުހުންގެ އިތުރުން ލ. އަތޮޅުގައި ހުރި އެކިއެކި މުއައްސަސާތަކުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.