ހަބަރު

ބްރޯޑްކޮމްއިން ރާއްޖެ ޓީވީއަށް އިންޒާރުދީފި

ރާއްޖެ ޓީވީއިން މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުގައި ބްރޯޑްކާސްޓްކުރި ކޮންޓެންޓްގައި އިސްލާމީ އަގީދާއާ ފުށުއަރާ ކޮންޓެންޓް ހުރުމާއެކު މީގެ ފަހުން އެ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 2 ގެ ދަށުން ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންޒާރު ދީފި އެވެ.

އެ ކޮމިޝަނުން މިއަދު ވަނީ ރާއްޖެ ޓީވީއަށް އިންޒާރުދީ، ސިޓީއެއް ފޮނުވާފަ އެވެ. ސިޓީގައިވާ ގޮތުން، ރާއްޖެ ޓީވީން ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ސިހުރު ހަދައިގެން ކަމަށް ދޭހަވާގޮތަށް، ސާބިތުނުވާ ހަގީގަތާ ހިލާފު ދޮގު ހަބަރާއި މަންޒަރު ގެނެސްދީފައިވާ ކަމަށް ބުނެ މި ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޝަނުން ވަނީ ބަލާފަ އެވެ.

ކޮމިޝަނުގެ ސިޓީގަިއ ބުނެފައިވަނީ ރައީސް ޔާމީންއާ ގުޅޭ ގޮތުން ގެނެސްދިން އެ ރިޕޯޓުގައި ހަވާލާދީފައިވާ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (1) އާ ހިލާފު ކަމަށެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 3ގެ ދަށުން މާފަށް އެދި ބަޔާނެއް ނެރުމަށާއި އެއްވެސް ޝަރުތެއް ނެތި މި ބަޔާން 18 އެޕްރީލް 2016ވާ ހޯމަ ދުވަހުގެ ކުރިން ރޭގަނޑު 8:00 އާއި 8:30 އާ ދެމެދު ރާއްޖެ ޓީވީ އިން އާޢާންމުކުރުމަށް ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑަށް އަންގާ ކަމަށެވެ.

މާފަށް އެދި ނެރޭ ބަޔާން އާންމު ކުރި ތާރީހާއި، އެ ކޮންޓެންޓްގެ ކޮޕީ 21 އޭޕްރީލް 2016ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން އެ ކޮމިޝަނަށް ފޮނުވުމަށް ވެސް ވަނީ އަންގާފަ އެވެ. އަދި އިސްލާމީ އަގީދާއަށް ފުށުއަރާ ފަދަ ކޮންޓެންޓެއް މީގެ ފަހުން ބްރޯޑްކާސްޓްނުކުރުމަށް ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 2ގެ ދަށުން ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑްއަށް ވަނީ އިންޒާރު ދީފަ އެވެ.

"ރާއްޖެޓީވީއިން 06 ފެބުރުވަރީ 2016 ގައި ބްރޯޑްކާސްޓްކުރި މައްސަލައާ ގުޅުންހުރި ކޮންޓެންޓްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު އެފަރާތުގެ ބަހެއް ގެނެސްދީފައި ނުވާކަމަށް ފެނުނު ހިނދު މިއީ ކޯޑް އޮފް ޕްރެކްޓިސްގެ ފަސް ވަނަ ހަމައިގެ (1) އާ ހިލާފުވާ ކަމެއްކަމަށް ކަނޑައަޅައި، ހަބަރާއި ކަރަންޓް އެފެއަރޒް ގެނެސްދިނުމުގައި، ވަކި ފަރާތަކަށް ބުރަވުމެއް ނެތި ހަމަހަމަކަމާއިއެކު ގެނެސް ދިނުމަށް އިސްކަންދީ ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތްކުރުމަށް ވެސް ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑަށް އަންގަމެވެ." ސިޓީގައިވެ އެވެ.